ދުނިޔެ

އިޒްރޭލުން ފަލަސްތީނުގެ 43 މީހަކު މަރާލައިފި

May 14, 2018

އިޒްރޭލުގެ ވެރިރަށް ކަމަށް އެ ގައުމުން ދައުވާ ކުރާ، ގުދުސްއަށް އިޒްރޭލުގައި ހުންނަ އެމެރިކާ އެމްބަސީ ބަދަލު ކުރުމާ އެކު ފެށުނު މުޒާހަރާތަކުގައި ފަލަސްތީނުގެ 43 މީހަކު އިޒްރޭލުން މަރާލައިފި އެވެ.

ކުރިން ތެލްއަވީވްގައި ހުރި، އެމެރިކާ އެމްބަސީ މިއަދު ގުދުސްގައި ހުޅުއްވައި ދެއްވީ އެމެރިކާގެ ރައީސް ޓްރަމްޕްގެ ދަރިކަނބަލުން އަދި ޓްރަމްޕްގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އިވަންކާ ޓްރަމްޕް އެވެ. އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތު ހިނގަމުން ދިޔައިރުވެސް، ފަލަސްތީނުގެ ގިނަ ބަޔަކު ދިޔައީ ގައްޒާގެ ބޯޑަރު ފެންސް ސަރަހައްދަށް އެއްވެ އެކަމާ ނުރުުހުން ފާޅު ކުރަމުން އެވެ.

ފަލަސްތީނުގެ 35،000 އެއްހާ މީހުން އެ ސަރަހައްދަށް އެއްވެފައި އޮތް އިރު އެއްބަޔަކު ގެންދިޔައީ އެ ސަރަހައްދުގައި ތިބި އިޒްރޭލު ސިފައިންގެ ގަޔަށް ގާ އުކަމުން އެވެ. އަދި އަނެއް ބަޔަކު ޓަޔަރުތަކުގައި ރޯކޮށް އަދި އަނެއް ބަޔަކު ބަޔަކު ފެންސް ވައްޓާލަން މަސައްކަތް ކުރި އެވެ. މުޒާހަރާ ކުރާ މީހުންނަށް އިޒްރޭލުން ރައްދު ދިނީ ކަރުނަގޭހާއި ބަޑިން އެވެ.

ބޯޑަރު ސަރަހައްދުގައި ތިބޭ އިޒްރޭލުގެ ސްނައިޕަރުން ވަނީ މުޒާހަރާ ކުރާ މީހުންގެ ތެރެއަށް ބަޑި ޖަހައިފަ އެވެ. ބަޑި ޖެހުމުގެ ސަބަބުން 43 މީހަކު މަރުވި ކަމަށް ގައްޒާގެ ހެލްތް މިނިސްޓްރީ އިން ބުންޏެވެ. އަދި 2،000 އެއްހާ މީހުންނަށް އެކިވަރުގެ އަނިޔާވި ކަމަށް ވެސް ބުންޏެވެ. ފަލަސްތީނުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި މިއީ އިޒްރޭލުން ހިންގި ބޮޑު ގަތުލު އާންމެކެވެ.

އެމެރިކާގެ އެމްބަސީ ގުދުސްގައި ހުޅުވާފައި މި ވަނީ އިޒްރޭލުގެ ދައުލަތް ގާއިމްކުރިތާ، 70 އަހަރު ފުރެން އެއް ދުވަހަށް ވެފައި ވަނިކޮށެވެ.

އިޒްރޭލުން ބުނީ، މުޒާހަރާ ކުރާ މީހުން ގަޔަށް ބަޑި ޖަހަން ޖެހުނީ، ފަލަސްތީނުގެ މީހުން އިޒްރޭލުގެ ސިފައިންނަށް ހަމަލާދީ އިޒްރޭލުގެ އަމަންއަމާންކަމަށް ނުރައްކާވާ ދަރަޖައަށް މުޒާހަރާ ކުރާ މީހުންގެ ކަންތައްތައް ދިޔުމުން ކަމަށެވެ. އެހެން ނަމަވެސް ފަލަސްތީނުގައި ފަރާތުން އަދ އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވިދާޅުވީ އިޒްރޭލުން އާންމުންގެ ތެރެއަށް ބަޑިޖެހުން ގަބޫލު ނުކުރެވޭ ކަމަށާއި މުޒާހަރާތައް ދިޔައީ ސުލްހަވެރިކޮށް ކަމަށެވެ. އެހެން ނަމަވެސް އިޒްރޭލުގެ ސިފައިން ބަޑިޖެހި ހިސާބުން މުޒާހަރާތަކުގައި ހަމަނުޖެހުން ހިނގި ކަމަށް ވެސް މަންދޫބު ވިދާޅުވި އެވެ. އެހެން ނަމަވެސް އިޒްރޭލުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްފައި ކަމަށް ވެސް މަންދޫބު ވިދާޅުވި އެވެ.

"މި ލާއިންސާނީ އަމަލުތައް ހުއްޓުވުމުގައި ބައިނަލްއަގުވާމީ މުޖުތަަމައުގެ އެހީއަށް އަޅުގަނޑުމެން އެދެން،" އދ ގައި ހުންނަވާ ފަލަސްތީނުގެ މަންދޫބު ވިދާޅުވި އެވެ.