ދުނިޔެ

އިޒްރޭލު އުފެއްދިތާ 70 އަހަރު، ޖަރީމާތަކަށް ނިމުމެއް ނެތް

އިނގިރޭސިން ފަލަސްތީނު ހިފައި، އެބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެމީހުންނަށް އެތަނުގައި ދައުލަތެއް ހަދައިދިންތާ އިއްޔެއަށް މިވީ 70 އަހަރެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހުއެވެ. ޖެހިގެން އައި ދުވަހަކީ ފަލަސްތީނު މީހުން ކިޔާ ގޮތުން ނަމަ " ނަކްބާ ދުވަސް" ނުވަތަ ބޮޑު މުސީބާތުގެ ދުވަހެވެ. އެދުވަހު ފަލަސްތީނުގެ 700000 (ހަތް ލައްކަ)މީހުން ގެދޮރުން ބޭރުކޮށްލި އެވެ.

ފަލަސްތީނު މީހުން މިއަދު އެހިތާމައަށް 70 އަހަރު ފުރުން ފާހަގަކުރާ އިރު އިޒްރޭލުން މިއަދުވެސް ދަނީ އެމީހުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާތަކެއް ހިންގަމުންނެވެ. މާތްވެގެންވާ ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަމަށް ބަަލައި އެރަށުގައި އެމެރިކާގެ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތު އިއްޔެގައި ކުރިއަށް ދިޔަ އިރު ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރު ސަރަހައްދުގައި އިޒްރޭލު ސިފައިން ގަތުލުއާއްމެއް ހިންގިއެވެ. އެ ގަތުލުއާއްމުގައި މަރުވި މީހުންގެ އަދަަދު ރަނގަޅަށް ސާފުވި އިރު އެމީހުންގެ އަދަދަކީ 58 އެވެ. ޒަހަމްވީ މީހުންގެ އަދަދަކީ 2700 އެވެ. ޣައްޒާގައި އިއްޔެ އިޒްރޭލުން ހިންގި ޖަރީމާއިން ފަަލަސްތީނު މީހުންނަށް ފެނުނީ ހިތި ހަގީގަތެކެވެ. އެއީ ނަކްބާ ދުވަސް އަދި ނުނިމޭ ކަމެވެ.

" ފަލަސްތީނުމީހުންނަށް ނަކްބާ އަކީ ހިނގަ ހިނގާ އޮތް ކަމެއް. އެކަން 1948 ވަނަ އަހަރު ހަމަ އެކަނި ފެށުނީ . އެކަމަކު 1967 ވަނަ އަހަރު އަދި މިހައިތަނަށް ވެސް އެކަން ދަނީ ކުރިއަށް،" ފަަލަސްތީނުގައި ކުރިން ވަޒީރުކަން ކުރައްވާފައިވާ ޣައްސާން ޚާތިބު އަރަބް ނިއުސްއަށް ވިދާޅުވެފައި ވެއެވެ،

އޭނާ ވިދާޅުވާ ގޮތުގައި ނަކްބާ އަކީ ހަމަ އެކަނި ރެފިއުޖީންނާ ގުޅިފައިވާ ދުވަހެއް ނޫނެވެ. އަދި އެދުވަސް ފަލަސްތީނު މީހުން ފާހަގަ ކުރަނީ ހަމަ އެކަނި ހިތާމަ ފާޅުކުރާކަަށް ވެސް ނޫނެވެ. އެދުވަސް ފާހަގަ ކުރަނީ އަޅުވެތިކަމާ ދެކޮޅަށް ތެދުވާ ތެދުވުން ކުރިއަށް ގެންދިއުމަށެވެ.

އެމެރިކާގެ ދައުރު

އިޒްރޭލު އުފެއްދީއްސުރެ މިއަދާ ހަމައަށް އެގައުމުން ހިންގަމުންދާ ޖަރީމާތައް ކުރިއަށް ގެންދަން އެންމެ ބޮޑަށް ވާގިވެރިވާ އެއް ގައުމަކީ އެމެރިކާއެވެ. އެގައުމަށް ޒަމާނީ ހަތިޔާރާއި ފައިސާ ފޯރުކޮށްދެނީ އެމެރިކާއިންނެވެ. އިޒްރޭލުގެ ހާރެޒް ނޫހުން 2013 ވަނަ އަހަރު ބުނީ އެގައުމު އުފެއްދި ފަހުން އެމެރިކާއިން އެހައިތަނަށް ދިން ފައިސާގެ އަދަދު 233 ބިލިޔަން ޑޮލަރަށް އަރާ ކަމަށެވެ.

އެމެރިކާއިން އިޒްރޭލަށް ކޮށްދޭ ހަމަ އެކަނި ކަމަކީ ފައިސާއާ ހަތިޔާރު ދިނުމެއް ނޫނެވެ. ވަށައިގެން ހުރި އަރަބި ގައުމުތަކުގެ ވެރިކަަމަށް އިޒްރޭލާ ދެކޮޅު މީހަކު ނާންނާނެ ކަން ކަށަވަރު ކުރުމަށް އެގައުމުތަކުގެ ކަންތައްތައް ވެސް ފުރިހަމައަށް ކޮންޓްރޯލް ކުރެއެވެ. އަދި އަތް ދަށުންް ދޫވެގެން ވެސް އެފަދަ މީހަކު އަތުވެއްޖެ ނަމަ ވަރަށް އަވަހަށް އެމީހެއްގެ ވެރިކަން ނިމުމަމަކަަށް ގެނެއެވެ. މިސްރުގެ ވެރިކަމަށް މުސްލިމް ބްްރަދަހުޑް އައުމުން ވީ ގޮތަކީ މީގެ މިސާލެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސިފައިން ކުރި ބަޣާވާތެއްގައި އެޕާޓީގެ ވެރިކަން ނިންމާލައި ރައީސް ޑރ. މުހައްމަދު މުރުސީ ވަނީ ޖަލުގައި ބަންދުކޮށްފައެވެ. މުސްލިމް ބްރަދަހުޑް ވަނީ ޣައިރު ގާނޫނީ ޖަމާއަތަކަށް ހަދާފައެވެ.

ގުދުސުގައި އެމެރިކާއިން އިއްޔެ ހުޅުވި އެމްބަސީއަކީ ވެސް މި ސިޔާސަތު ކުރިއަށް ގެންދިއުމަށް އެޅި ފިޔަވަޅެކެވެ. ފަލަަަސްތީނު މީހުން އިއސްޔެ ވެސް ބުނީ އެއީ އެމީހުންނަކަށް ހައިރާން ކުރުވަނިިވި ކަމެއް ނޫން ކަމަށެވެ.

" މުހިއްމު މައްސަލައަކި އެމެރިކާ އެމްބަސީ މިތަނަށް ބަދަލުކުރުމެއް ނޫން. ގުދުސަކީ އިޒްރޭލުގެ ވެރިރަށް ކަަމަށް ބަލަައިގަންނަ ކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް [ މިދިޔަ 2017 ވަނަ އަހަރުގެ ޑިސެމްބަރުމަހު] އިއުލާނު ކުރެއްވި ހަބަރު އަޑުއިވިގެން އަހަރެމެން ހައިރާނެއް ނުވޭ. އެބްސީ ބަދަލުކުރުމަށް ވުރެ ނުރައްކާތެރި ކަމަކީ މިތަނުގައި އޮތް ހަގީގަތް. ގުދުސް ޔަހޫދީ ކުރުމަަށް ކުރަމުންދާ މަސައްކަތް،" އަލް ޖަޒީރާއާ އިއްޔެގައި ވާހަކަ ދެއްކި ފަލަސްތީނު މީހެއް ކަމަށްވާ އުސާމާ ބަރުހަމް ބުނެފައި ވެއެވެ.

ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި އިއްޔެ އިޒްރޭލުން ހިންގި ޖަރީމާ ބައެއް ގައުމުތަކުން އަނގަބަހުން ކުށްވެރި ކުރިއެވެ. ނަމަވެސް އެކަމުގައި ވެސް އެމެރިކާއިން ދެއްކީ ބަހަނާއެވެ. އެ ޖަަރީމާގެ ޒިންމާ އެމެރިކާއިން އެޅުވީ ޣައްްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުގެ ބޮލުގައެވެ.