ހަބަރު

ތިން ފަނޑިޔާރުންނަށް ސުވާލެއް ކޮށްލަންޖެހޭ ކަމެއް ވެސް ނެތް: ދައުލަތް

ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުންނަށް ސުވާލެއް ކޮށްލަންޖެހޭ ފަދަ ކަމެއް ވެސް ފާހަގަކުރެވިފައިނުވާ ކަމަށް ޕްރޮސިކިއުޓާ ޖެނަރަލް، ޕީޖީގެ ފަރާތުން ކުރިމިނަލް ކޯޓުގެ ޝަރީއަތުގައި ބުނެފި އެވެ.

އެކެއް ފެބުރުއަރީގައި ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރާ ގުޅިގެން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ވަނީ ހައްޔަރުކޮށް ދައުވާކޮށްފަ އެވެ. ނަމަވެސް ދެން އެ އަމުރުގައި ސޮއިކުރެއްވި ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ، ފަނޑިޔާރު އަބްދުﷲ އަރީފް އަދި ފަނޑިޔާރު އަހްމަދު އަބްދުﷲ ދީދީއާ ދެކޮޅަށް އެއްވެސް ތަހުގީގެއް ހިންގާފައެއް ނުވެ އެވެ.

މިކަމަކީ އަމުރާ ގުޅިގެން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ފަރާތްތަކުން ވަރަށް ބޮޑަށް ކުރިމަތިކުރާ ސުވާލެކެވެ. އެގޮތުން އިއްޔެ ކުރިއަށް ދިޔަ ފަނޑިޔާރު އަލީ ހަމީދުގެ ޝަރީއަތުގައި ވެސް މި ސުވާލު ދިފާއީ ވަކީލުން، ޕީޖީއާ ކުރިމަތިކުރުވި އެވެ. ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކުރުމަށްފަހު އޭނާއަށް ދެކޮޅަށް ފުލުހުން ހެކި ހޯދާފައިވާއިރު އެއްވެސް ތަހުގީގެއް ނުކޮށް ހައްޔަރެއް ނުކޮށް އަނެއް ތިން ފަނޑިޔާރުންގެ ކުށެއް ނެތްކަން އެނގުނީ ކިހިނެއްތޯ ވަކީލުން އެއްސެވި އެވެ.

އެއަށް ޖަވާބު ދެއްވަމުން އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނަރަލް އައިޝަތު ފަޒްނާ ވިދާޅުވީ، އެކެއް ފެބުރުއަރީގެ އަމުރު ނެރެފައިވަނީ ތިން ފަނޑިޔާރުންގެ ނުބައި ނިޔަތެއް އޮވެގެން ނޫން ކަމަށާއި ނުބައި ނިޔަތް އޮތީ އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ ކަމަށެވެ. އެކަން ފުލުހުންނަށް އެނގުނީ އެ ދެ ފަނޑިޔާރު ހައްޔަރުކުރުމުން ނޫން ކަމަށާއި ހައްޔަރުކުރުމުގެ ކުރިން ލިބިފައިވާ އިންޓެލް މައުލޫމާތުން އެ ދެ ފަނޑިޔާރުންގެ ނިޔަތް ގޯސްކަން އެނގޭ ކަމަށެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް އަނެއް ތިން ފަނޑިޔާރުންނާ ގުޅޭ ގޮތުން ފާހަގަކުރެވިފައިނުވާ ކަމަށެވެ.

"ސުވާލެއް ކުރަން ޖެހޭ ފަދަ ކަމެއް ވެސް ފާހަގަނުވޭ، ތިން ފަނޑިޔާރުންނަށް ތަހުގީގު ހިންގަން ޖެހޭ ކަމެއް ވެސް ނޫން މިއީ،" ފަޒްނާ ވިދާޅުވި އެވެ.

އަލީ ހަމީދުގެ ވަކީލް އަލީ ޒާހިރު ވިދާޅުވީ، ފަނޑިޔާރަކު ނެރޭ ހުކުމެއް ނުވަތަ އަމުރާ ގުޅިގެން އެއްވެސް ތަނަކަށް ގެންގޮސް ޖަވާބުދާރީކުރުވުމަކީ ފަނޑިޔާރުންގެ ގާނޫނާ ހިލާފު ކަމަކަށްވާއިރު އަލީ ހަމީދު އެ އަމުރު ނެރުއްވީ ނުބައި ނިޔަތެއްގަކަން ނުވަތަ ނޫންކަން ސާބިތުކުރުމަށް ބާކީ ތިއްބެވި ތިން ފަނޑިޔާރުން ކޯޓަށް ހާޒިރުކުރަން ބޭނުންވާ ކަމަށެވެ. އެފަދަ ހާލަތެއްގައި އެއީ އެ ފަނޑިޔާރުން ޖަވާބުދާރީކުރުމަށް ބެލެވިދާނެ ކަމަށެވެ. އެކަން ފަނޑިޔާރުންގެ ގާނޫނާ ހިލާފުވެގެން ދާނެ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވީ، ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރުމަކީ ކުށެއް ނޫން ކަމަށާއި އެއީ ކުށެއް ކަމަށް ނުވެސް ބުނެވޭނެ ކަމަށެވެ. އަމުރު ނެރެފައިވަނީ ގާނޫނީ އިމުން ބޭރުން ކަމެއް ދައުލަތަށް ވެސް ސާބިތުކޮށްދޭން ނުޖެހޭނެ ކަމަށެވެ. އަލީ ހަމީދަށް ދައުވާކޮށްފައިވަނީ އަމުރެއްގައި ސޮއިކޮށްގެން ނޫން ކަމަށާއި އަމުރުގައި ސޮއިކުރުމަކުން ޖިނާއީ ކުށަކަށް ނުވާނެ ކަމަށެވެ. ނަމަވެސް އެކަމުގައި އަލީ ހަމީދުގެ ނުބައި ނިޔަތެއް ކަމަށް ދައުލަތުން ބުނާ ކަމަށާއި އެހެން ކަމަށްވާއިރު ޖިނާއީ ތަހުގީގެއް ހިންގައި އަލީ ހަމީދާ ދެކޮޅަށް ޝަރީއަތް ހިންގުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.