ދުނިޔެ

ޗައިނާއިން ލަންކާއަށް އެއް ބިލިޔަން ޑޮލަރުގެ ލޯނެއް ދީފި

ސްރީލަންކާގައި ހިންގާ މަގު ހެދުމުގެ ބޮޑު މަޝްރޫއަކަށް ހަރަދުކުރަން ޗައިނާއިން އެގައުމަށް އެއް ބިލިޔަން ޑޮލަރުގެ ލޯނެއް ދޭން ނިންމައިފިއެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯއިން ފެށިގެން ކެންޑީއާ ހަމައަށް ހަދާ ސެންޓްރަލް އެކްޕްރެސްވޭ ފޭސް 1 އަށް ހަރަދުކުރަން ޗައިނާއިން ލޯނު ހަމަޖައްސައިދިންކަން އިއްޔެ އިއުލާނުކުރެއްވީ ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ އެވެ. އޭނާ އާ ހަވާލާދީ ނޫސްތަކުން އިއްޔެ ބުނީ ލޯނުގެ ކަންތައްތައް ހަމަޖައްސަން ޗައިނާ ސަރުކާރުން އެގައުމުގެ އެގްޒިމް ބޭންކަށް މިހާރު އިރުޝާދުތައް ދީފައިވާ ކަމަށެވެ.

ސެންޓްރަލް އެކްސްޕްރެސްވޭ މަޝްރޫއުގެ ދަށުން 99 ކިލޯމީޓަރުގެ މަގެއް ހަދާނެކަން ލަންކާ ސަރުކާރުން ކުރިން ވަނީ އިއުލާނުކޮށްފައެވެ. އެމަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަަސައްކަތް މިހާރު ވެސް އަންނަނީ ހިނގަމުންނެވެ.

ރަނިލްގެ އޮފީހުން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޗައިނާ އެގްޒިމް ބޭންކުން ލަންކާއަށް ލޯނު ހަމަޖެހުނުކަމުގެ ހަބަރު ދެއްވީ ލަންކާގައި ހުންނަވާ ޗައިނާ ސަފީރު ޗެން ޒޫޔުއާން ކަމަށެވެ. އެހަބަރު ދެއްވީ ޗެން ރަނިލްގެ އަރުހަށް އިއްޔެގައި ކުރެއްވި ޒިޔާރަތެއްގައި ކަމަށް ވެސް ބުންޏެވެ.

ފަހަކަށް އައިސް ޗައިނާއިން އަންނަނީ ލަންކާގެ ކަންކަމުގައި ވަރަށް ބޮޑަށް ބައިވެރިވަމުންނެވެ. އެގޮތުން އެގައުމުގައިވާ ސްޓްރެޓެޖިކް ގޮތުން މުހިއްމު ބަނދަރެއްކަމަށްވާ ހަމްބަންޓޯޓާ ބަނދަރުވެސް ވަނީ ޗައިނާ ސަރުކާރުގެ ކުފުންޏަކުން 99 އަހަރަށް ކުއްޔަށް ހިފާފައެވެ.