ޗައިނާގެ ސީޗުއާން އެއާލައިންގެ މަތިންދާބޯޓެއް އިއްޔެ ކުއްލި ހާލަތުގައި ޖެއްސީ ބިރުވެރި ހާދިއާއަކަށް ފަހުގައެވެ. ވިންޑް ޝީލްޑް ހަލާކުވުމުން ހިނގި ނުރައްކާތެރި އެހާދިސާއަށް ފަހުގައި ވެސް ޕެސެންޖަރަކަށް ކަމެއް ނުވެ، އެއާބަސް އޭ 319 މަރުކާގެ މަތިންދާބޯޓު ސަލާމަތުން ޖެއްސުމުން ޗައިނާގެ ސޯޝަލް މީޑިއާގައި އެބޯޓުގެ ކެޕްޓަނަށް ތައުރީފު އަންނަނީ އޮހެމުންނެވެ.
ހާދިސާ ހިނގި ގޮތް ކިޔައިދެމުމުން ކެޕްޓަން ލިއު ޗުއާންޖިއާން ބުނެފައިވާ ގޮތުގައި ވިންޑް ޝީލްޑް ހަލާކުވެ، ކޮކްޕިޓް ތެރެއަށް ވައި ވައްދާލި އިރު މަތިންދާބޯޓު އޮތީ 32000 ފޫޓު މަތީގައެވެ. އޭނާ ބުނެފައިވާ ގޮތުގައި ކަންފަތް ބީރުވާ ފަދަ ގަދަ އަޑުފަށްގަނޑެއް އިވުމާއި އެކު ކޮކްޕިޓް ތެރެއިން ޕްރެޝަރު މުޅިން ހުސްވެ، ފިނިހޫނުމިން ކުއްލިއަކަށް ދަށަށް ދިއުމުން ބަލައިލި އިރު މަތިންދާބޯޓުގެ ކަނާތްފަރާތު ވިންޑްޝީލްޑް ވަނީ ނެއްޓިގެން ގޮސްފައެވެ.
" އިންޒާރުގެ އެއްވެސް ނިޝާނެއް ނެތް. ކުއްލިއަކަށް ވިންޑްޝީލްޑްގައި ރެނދެއްލައި ގަދަ އަޑެއް އިވުނީ. ދެންވީ ކަމަކީ ކޯޕައިލެޓް ކުޑަދޮރުން ބޭރަށް އެއްބައި ދަމައިގަތީ،" ކެޕްޓަން ލިއު ބުނި ކަމަށް ޗައިނާގެ ނޫސްތަކާ ހަވާލާދީ ރޮއިޓާސް ގެ ރިޕޯޓުގައި ވެއެވެ.
" ކޮކްޕިޓް ތެރޭގައިވާ ހުރިހާ އެއްޗެއް ދިޔައީ ވައިގެ ތެރޭގައި ވިހުރެމުން. ގިނަ އިކްއިޕްމެންޓްތައް މަސައްކަތެއް ނުކުރޭ. މަތިންދާބޯޓު ދިޔައީ ބާރަށް ތެޅެމުން. އެހެންވެ އަހަރެންނަށް ގޯޖްތައް ކިޔާކަަށް ވެސް ނޭނގޭ،" ލިއު ނޫސްތަކަށް ބުނެފައި ވެއެވެ.
ސީޓްބެލްޓް އަޅައިގެން އިންކަމުން ކޯޕައިލެޓުން މަތިންދާބޯޓުން ބޭރު ނުވެ ، އޮތުމުން އޭނާ އެތެރެއަށް ދަމައިގެނެވުނެވެ. ނަމަވެސް އޭނާ އަށް ޒަހަމްތަކެއް ލިބުނެވެ. ހާދިސާގައި ކްރޫންގެ މީހަކަށް ވެސް ގެއްލުން ލިބުނެވެ. ނަމަވެސް މަތިންދާބޯޓުގައި ތިބި 119 ޕަސިންޖަރުންގެ ތެރެއިން އެކަކަށް ވެސް އެއްވެސް ކަމެއް ނުވެއެވެ.
ސީޗުއާން އެއާލައިންސްގެ 3 ޔޫ 8633 ގައި ހިނގި އެހާދިސާ ޗައިނާގެ ކަމާ ބެހޭ އިދާރާތަކުން މިހާރު އަންނަނީ ތަހުގީގުކުރަމުންނެވެ. ހާދިސާ ހިނގި އިރު އެ މަތިންދާބޯޓު ދަތުރުކުރަމުން ދިޔައީ ޗައިނާގެ ޗޮންގިން އިން ފުރައިގެން ޓުބެޓްގެ ވެރިރަށް ލާސާއަށެވެ. ހާދިސާ ހިނގުމުން ކުއްލި ހާލަތުގައި އެބޯޓު ޖެއްސީ ޗައިނާގެ ހުޅަނގު ދެކުނުގައިވާ ޝެންޑޫ ނަމަކަށް ކިޔާ ރަށުގެ އެއާޕޯޓަށެވެ.
ޝެންގްޑޫ އިކޮނޮމިކް ޑެއިލީ ބުނީ ވިންޑްޝީލްޑް އެއްކޮށް ނެއްޓުނު ހާދިސާ ހިނގީ މަތިންދާބޯޓު ދަތުރަށް ފެށިތާ ބައިގަޑިއެއްހާއިރު ފަހުން ކަމަށެވެ.
ދޫނިތަކެއް ޖެހިގެން ނުވަތަ ހޮނުއެޅުމުގެ ސަބަބުން މަތިންދާބޯޓުތަކުގެ ވިންޑްޝީލްޑްގައި ރެނދުލުމަކީ ގިނައިން ހިނގާ ކަމެކެވެ. އެކަމަކު ވިންޑްޝީލްޑް އެއްކޮށް ނެއްޓުމަކީ ވަރަށް މަދުން ނޫނީ ނުވާ ކަމެކެވެ.