ހަބަރު

މުލަ ރޯދައަށް ވުމުގެ ފުރުސަތު ބޮޑީ ބުރާސްފަތި ދުވަސް

May 15, 2018
1

މިއަދަކީ 1439 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު، ރާއްޖެއަށް އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެއެވެ.

ދިވެހިރާއްޖެ އާއި، އަދި ވަރަށް ގިނަ އެހެން އިސްލާމީ ގައުމުތަކުގައި ވެސް ހަނދު މަސް ފެށިއްޖެ ކަމުގައި ބަލަނީ ހިނގަމުންދާ މަހުގެ 29 ވަނަ ދުވަހުގެ އިރު އޮއްސުމަށް ފަހު، ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދެއްކުމާއެކު، ހަނދު ފެނިއްޖެކަން ސާބިތުވުމުންނެވެ. ނުވަތަ ހިނގަމުންދާ މަހުގެ 30 ދުވަސް ހަމަވެ، އެ ދުވަހުގެ އިރު އޮއްސުމުންނެވެ. ވަރަށް ގިނަ އިސްލާމީ ގައުމުތަކުގައި ހަނދުގެ މައްސަލަ ނިންމުމުގައި ފަލަކީ ހިސާބުގެ އެހީތެރިކަން ހޯދައެވެ.

ހަނދުމަސް ފެށުމުގައި، ހަމައެކަނި ފަލަކީ ގޮތުން މާރަހަ ވުމަށް ބަލާ ބައެއް ގައުމުތަކާއި މުސްލިމް ޖަމާޢަތްތަކުން އަމަލު ކުރާ އުސޫލަކީ، އެ ގައުމަކަށް ފަޖުރުލުމުގެ ކުރީން ފަލަކީ ގޮތުން މާރަހަ ވެއްޖެ ނަމަ، ދެން އިރު އަރާ ދުވަހަކީ ހަނދު މަހުގެ ފުރަތަމަ ދުވަސް ކަމަށް ބެލުމެވެ. މި ގޮތުން ބަލާއިރު ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވަނީ، މިއަދު ރާއްޖޭ ގަޑިން ހަވީރު 04:48 ގައެވެ. އެހެންވީމާ މާރަހަ ވުމަށް ފަހު ދެން އިރު އަރާނީ ބުދަ ދުވަހަށް ކަމަށް ވާތީ މިފަދަ ގައުމުތަކާއި ޖަމާޢަތްތަކުން ދެކޭ ގޮތުގައި ބުދަ ދުވަހަކީ ރޯދަމަހުގެ ފުރަތަމަ ދުވަހެވެ.

މާތްވެގެންވާ މައްކާއާއި މަދީނާ ހިމެނޭ ސައުދީ އަރަބިއްޔާގައި ފަލަކީ ގޮތުން އަމަލު ކުރާ އުސޫލަކާއި، ހަމަލޮލުން ހަނދުބެލުމުގެ އުސޫލަކާ އޮވެއެވެ. ފަލަކީ ގޮތުން ހަނދު ސާބިތު ކުރުމުގައި ސައުދީ އަރަބިއްޔާގައި އަމަލު ކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރީން މާރަހަ ވެފައި (އިގުތިރާން ވެފައި)، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ. މާރަހަވަނީ މައްކާ ގަޑިން މިއަދު މެންދުރު 02:48 ގައެވެ. އެހެންކަމުން މާރަހަވަނީ މައްކާއަށް އިރު އޮއްސުމުގެ ކުރީންނެވެ. އަދި މައްކާއަށް މިއަދުގެ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެއެވެ. މި ގޮތުން ބަލާއިރު ބުދަ ދުވަހަކީ ފަލަކީ ގޮތުން ރޯދަމަހުގެ ފުރަތަމަ ދުވަހެވެ. ދެން އޮތީ ސައުދީ އަރަބިއްޔާގައި ހަމަލޮލުން ހަނދު ބެލުމުގެ އުސޫލެވެ.

އެއީ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާ ރެއެއްގައި ހަނދު ފެނިއްޖެ ކަމަށް އަދުލުވެރި މީހަކު ހެކި ބަސް ދިނުމެވެ. މައްކާއަށް މިއަދުގެ އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުރި ނަމަވެސް ހަމަލޮލުން ހަނދު ފެނުމުގެ ފުރުސަތު ކުޑަ ކަމުން މުލަ ރޯދަ ދުވަހަކީ މާދަމާ ކަމުގައި ވުމުގެ ފުރުސަތު ވަރަށް ކުޑައެވެ.

އެހެން ކަމުން ދިވެހިރާއްޖޭގައި ހަނދު ސާބިތު ކުރުމުގައި އަމަލު ކުރާ އުސޫލާއި، ސައުދީ އަރަބިއްޔާގައި އަމަލުކުރާ ދެ އުސޫލުގެ ތެރެއިން ހަމަލޮލަށް ފެނިގެން ހަނދު ސާބިތު ކުރުމުގެ އުސޫލަށް ބަލާއިރު، މުލަ ރޯދަ ދުވަސް ކަމުގައި ވުމުގެ ފުރުސަތު އޮތީ 17 މެއި 2018 ވާ ބުރާސްފަތި ދުވަހަށެވެ.