މީހުން

ކުޑަކޮށް ތިއްބަސް އެ ކުދިންގެ ހުވަފެންތައް ވަރަށް ބޮޑު: މިއީ އަދި އެންމެ ކުއްޖެއްގެ ވާހަކަ!

"ގާތްގަނޑަކަށް ބަނޑަށް އަށް މަހުގައި ސްކޭނެއް ހެދިއިރު އެނގުނީ ޑިއު ޑޭޓް ކުއްލިއަކަށް ބަދަލުވެފައި ހުރިކަން. ކުރިން ދީފައި އޮތް ޑިއު ޑޭޓު އެ ސްކޭނާ އެކު 10 މަހަށް ފަސްވީ."

މިއީ އަހުމަދު ރިޔާޒު އާއި މަރިޔަމް ރަޝީދާ (މަރީ) އަށް އެމީހުންގެ ތިން ވަނަ ދަރިފުޅުގެ ހާލު ރަނގަޅު ނޫންކަން އެންމެ ފުރަތަމަ އެނގުނު ގޮތެވެ. ނަމަވެސް އޭރު ދައްކަމުން ދިޔަ އައިޖީއެމްއެޗުގެ ޑޮކްޓަރުން ދެއްކި ވާހަކަތަކުން ވާއެއް ނުވާއެއް އޮޅުންފިލާ ގޮތެއް ނުވި އެވެ. 

"އެތަނުގެ ޑޮކްޓަރުން ބުނަން ފެށީ އެގޮތަށް ދައްކަނީ ބޭބީ މާ ކުޑަކޮށް އޮތީމައޭ. ނުވަތަ ބޭބީގެ ހާލު ތަންކޮޅެއް ދެރަކޮށް އުޅޭތީއޭ. އެކަމަކު ވެގެން އުޅޭ ގޮތެއް އޭރަކު ވެސް ނޭނގޭ."

އެންމެފަހުން އެ ނުތަނަވަސްކަމުގައި ގޮސް އެ މީހުން ދެއްކީ އޭޑީކޭގައި ފަރުވާ ދެމުން ދިޔަ މަޝްހޫރު ޑޮކްޓަރު ވިކާޝް އަށެވެ. އޭރު މަރީގެ ބަނޑުގައި ވެސް ރިއްސަން ފަށައިފި އެވެ.

އެއަށް ފަހު ހެދި ސްކޭނަކަށް ފަހު ވަގުތުން އިމަޖެންސީވީ އެވެ.

"ދެން ޑޮކްޓަރު ބޭނުމެއް ނުވި ގެއަށް ވެސް ދާކަށް ސްކޭން ރިޕޯޓްތަކެއް އަތަށް ނާރަނީސް. އެއަށް ފަހު ބުނީ ޖެހޭނީ ވަގުތުން ސިޒޭރިއަން ހަދައިގެން ބޭބީ ނަގާށޭ."

އެ ހިސާބުން ރިޔާޒު އާއި މަރީ އަށް ރޮވިއްޖެ އެވެ. ބަނޑުގައި އޮތް ދަރިފުޅު އޮތް ހާލު ކޮންމެވެސް ވަރަކަށް ޑޮކްޓަރު ކިޔައިދީފައިވީމަ އެވެ.

ދެ މީހުންގެ ހިތް ކުދިކުދިވެގެން ދިޔައީ ސިޒޭރިއަން އަށް ފަހު ނެގި އަންހެން ދަރިފުޅު އޮތް ގޮތް ފެނިފަ އެވެ.

"ނެގިއިރު ހަމައެކަނި ބޭބީ ނޭވާލާކަން. އެސްފިޔައެއް ވެސް ނުޖަހާ. ހަމަ ބޭއްވި ގޮތަކަށް އޮންނަކަން އެކަނި. ބޯ ވެސް އޮތީ ވަރަށް ބޮޑުކޮށް،" ރިޔާޒު ކިޔައިދިނެވެ.

"ދެން ޑޮކްޓަރު ބުނި ބަލީގެ ނަން ހޯދައިގެން ވާނުވާ ބަލާލިއިރު އެނގުނީ ވަރަށް ސީރިއަސް މައްސަލައެއްކަން މިއީ."

ރިޔާޒު އާއި މަރީ އަށް މީގެ ނުވަ އަހަރު ކުރިން ލިބުނު އެ އަންހެން ދަރިފުޅުގެ ބައްޔަކީ އެކޮންޑްރެޕްލޭޒިއާ އެވެ. ނަތީޖާ އަކީ ޑްވާފިޒަމް އެވެ.

އެހިސާބުން ރިޔާޒު އާއި އޭނާގެ އަންހެނުން ތެޅިގަތީ ދަރިފުޅަށް އިތުރު ދެރަ ގޮތެއް މެދުވެރި ނުވަނީސް އޭނާ އަށް ލިބެން ހުރި ފަރުވާއެއް ހޯދައި ދިނުމަށެވެ. ނަމަވެސް ދެ މީހުންގެ އާމްދަނީ އެއްކޮށްލައިގެން ދަތުރުގެ ޓިކެޓް ވެސް ލިބޭ ވަރެއް ނުވި އެވެ.

ސަރުކާރުގައި އާދޭސްކޮށްގެންނާއި ހެޔޮއެދޭ އެހެން މީހުންގެ އެހީއާ އެކު އެންމެފަހުން އިންޑިއާ އަށް ފުރައިގެން ގޮސް ބެންގަލޯރުގެ މަޝްހޫރު މަނީޕާލް ހޮސްޕިޓަލުގެ ތަޖުރިބާކާރު ޓީމަކަށެވެ.

"އަޅުގަނޑުމެން ބެލިބެލުމުން އެނގުނީ އިންޑިއާ އަށް ދައްކާ ނަމަ މިކަހަލަ ޖެނެޓިކް މައްސަލަތަކަށް އިންޑިއާ އިން އެންމެ ރަނގަޅީ އެ ހޮސްޕިޓަލްކަން. ނަމަވެސް އެމީހުން ވެސް ދިނީ ފިފްޓީ ފިފްޓީގެ ޗާންސެއް."

އޭރު ރިޔާޒުމެންގެ ދަރިފުޅު އޮތް ހާލަތުން، އެފަދަ އޮޕަރޭޝަނެއްކޮށް ފަރުވާ ނުހޯދައިފި ނަމަ ދަރިފުޅުގެ ފުރާނަ އަށް ނުރައްކާވުމުގެ ފުރުސަތު ވެސް އޮތެވެ.

އެހެންކަމުން ލޯ މަރާލާފައި ދަރިފުޅު ޑޮކްޓަރުންގެ އަތް މައްޗަށް ދޫކޮށްލީ އެވެ.

"އަޅުގަނޑު ބުނާނީ ނަސީބު ވެސް ރަނގަޅީއޭ ﷲ ގެ ރަހުމަތްފުޅުން. އެމީހުންގެ ފަރުވާ އަށް 24 ގަޑިއިރު ފަހުން ދަރިފުޅު ހޭލައިފި."

ދެން ބަންޑުންވި އުފާވެރިކަމުގެ ވާހަކަ ކިޔައިދޭކަށް ވެސް ރިޔާޒަށާއި އޭނާގެ އަންހެނުންނަކަށް ނޭނގުނެވެ. އެސްފިޔަ ވެސް ޖަހާނުލައި އޮތް ދަރިފުޅު ފުރަތަމަ ފަހަރަށް ހަރަކާތްކޮށް ހެލިފެލިވެ އުޅެން ފެށީ އެވެ.

ރިޔާޒު އާއި މަރީގެ މި އަންހެން ކުއްޖާ އަށް މިހާރު ނުވަ އަހަރެވެ. ކިޔަވަމުން ދަނީ ތާޖުއްދީނު ސްކޫލުގެ ގްރޭޑު ތިނެއްގަ އެވެ. އެންމެން ވެސް ލޯބިން އޭނާ އަށް ގޮވަނީ އީ އެވެ. އޭނާގެ ނަމަކީ އީޝަލް އެވެ.

އިސްކޮޅުން އެއް އަހަރުގެ ކުއްޖެއްހެން ހީވިޔަސް އީޝަލް އަކާއި އޭނާގެ އުމުރުގެ އެހެން ކުދިންނަކާ މިހާރު އެއްވެސް ތަފާތެއް ނެތެވެ.

ނަމަވެސް އޭނާ މިހާރު އުޅެން ޖެހިފައިވާ މުޖުތަމައުގެ ހާލަތު އޮތް ގޮތް އެނގޭތީ އާއި ބޮޑުވެގެން އޭނާ އުޅެން ޖެހޭނެ ހާލެއް ނޭނގޭތީ ކުރެވޭ ފިކުރަކާ ހެދި ރިޔާޒު އާއި މަރީގެ ހަޔާތަކަށް ކުރީގެ އުފާވެރިކަމާއި ފުރިހަމަ ހަމަޖެހުމެއް އަދިވެސް ނާދެ އެވެ.

ލޯބިން ހަޔާތުގެ ދަތުރު ފަށައިގެން ދަނިކޮށް ކުއްލިއަކަށް ދިމާވި ގޮތަކުން ދެމަފިރިންގެ މުޅި ދިރިއުޅުން އެއްކޮށް ބަދަލުކުރަން މަޖުބޫރުވީ އެވެ. ދަރިފުޅަށް އިތުރު އަޅާލުމާއި ސަމާލުކަން ދޭން ޖެހުނީމަ ދެ މީހުންގެ ރަސްމީ ވަޒީފާއަކަށްވީ ވެސް އެ ދަރިފުޅާ އެކު ހޭދަކުރާ ވަގުތެވެ.

ދުވަހުގެ އާދަކާދަތަކާއި ވަޒީފާ ވެސް ބަދަލުކުރީ އެވެ.

ނަމަވެސް އަދިވެސް މި ދެމަފިރިންގެ ހިތަކަށް ފިނިކަމެއް ނުލިބެ އެވެ.

"މިހާރު ދެން ހަމައެކަނި ތަފާތަކީ އަދި އުނދަގުލަކީ ވެސް މި ދަރިފުޅުގެ އިސްކޮޅު ބޮޑުނުވުން. އަޅުގަނޑުމެން ދިރިއުޅޭ ގެ ހަދާފައި މިހުރީ ދަރިފުޅަށް މިފަދަ ހާލެއް މެދުވެރިވެދާނެ ކަމަކަށް ބަލައިގެނެއް ނޫން. އެހެންވީމަ ތަންތަނަށް އަތް ނުފޯރައިގެން އުޅެން ޖެހޭ މަންޒަރު ފެނުނީމަ ވަރަށް ދެރަވޭ،" ރިޔާޒު ކިޔައިދިނެވެ.

"އެކަމަކު އެންމެ ބޮޑު ފިކުރަކީ އަހަރެމެން ނެތް ދުވަހެއްގައި އޭނާ އުޅެން ޖެހޭނެ ހާލެއް ނޭނގޭތީ. އަޅުގަނޑަށް ފެނޭ މިކަހަލަ ކުދިންނާއި ބަލިކޮށް ތިބޭ އެހެން ކުދިންނަށް މީހުން މިހާރު ވެސް ކުރާ ގޯނާ އާއި މަލާމާތް"

"މިކަހަލަ ކުއްޖަކު ހުންނަ ގޮތަކުން ނުވަތަ ހުންނަ ސިފައަކުން އެކަން ބޮޑު ކަމަކަށް ވެގެން، ދެން ކައިރީގައި ހުންނަ މީހާގެ ގައިގައި ކޮށްޓާލާފައި ދައްކާލިޔަސް އެއީ ވެސް އަޅުގަނޑުގެ ނަޒަރުގައި ކުރެވޭ މަލާމާތެއް ނުވަތަ ދެވޭ އަނިޔާއެއް. އެއީ މިކަހަލަ ކުއްޖެއްގެ ބައްޕައެއްގެ ގޮތުގައި ހުރެ އަޅުގަނޑަށް އިހްސާސްކުރެވޭ ގޮތް"

"އަޅުގަނޑަށް ހީވަނީ އެ އިހްސާސް ދެން ހުންނަ މީހާ އަށް ކުރެވޭނީ އަޅުގަނޑުގެ ހާލަތު އަމިއްލަ އަށް ތަޖުރިބާކުރެވިގެންހެން."

މި ދެމަފިރިންނަށް މިހާރު ލިބިފައިވާ ހިތްދަތިކަމަކީ މިއީ އެވެ. ބައްޔެއްގެ ސަބަބުން ޖިސްމާނީ ބޮޑު އުނިކަމެއް ލިބިފައިވާ ދަރިފުޅުމުގެ ވިސްނުމާއި އަހުލާގު ކިތަންމެ ރަނގަޅަސް އެ ކުއްޖާ ބަލައިގަތުމަށް އޮތް މުޖުތަމައުގައި އަދަބު އަހުލާގެއް ނެތީމަ އެވެ.

"ވަރަށް ދެރަވާ ހާލަތްތަކާއި ރުޅި އަންނަ ކަންކަން ވެސް ދިމާވޭ،" ރިޔާޒު ބުންޏެވެ.

"އެއް ދުވަހަކު އަޅުގަނޑުގެ އަންހެނުން މި ދަރިފުޅު އުރާލައިގެން ހިނގާލާފައި ދަނިކޮށް މަގުމަތިން ދިޔަ ނުވެސް ދަންނަ މެދުއުމުރުގެ ފިރިހެނަކު ސައިކަލުގައި ދަމުން އަނބުރާލާފައި އައިސް އަޅުގަނޑުގެ އަންހެނުން ކައިރިއަށް މަޑުކޮށްލާފައި މި އަހާލަނީ ބަލަ ކަލޭގެ ދަރިފުޅު ވިހޭއިރު ވެސް ހުރި ގޮތްހޭ ތިޔައީ."

ދެން އޭނާގެ ބަސް ހުއްޓުނީ އެވެ.

ރިޔާޒު ބުނީ ދަރިފުޅު ބަލިވެގެން ޑޮކްޓަރަކަށް ދައްކާލަން ހޮސްޕިޓަލަށް ދިޔަޔަސް މީހުން ކަޅިއަޅާވަރުން ފިޔަވަޅެއް ވެސް އަޅާނުލެވޭ ކަމަށެވެ. އޭނާ ބުނީ މިގޮތަށް ތިބޭ ބަލިކުދިންނާއި އެ ކުދިންގެ މައިންނާއި ބަފައިންގެ އިހްސާސް ދެން ތިބޭ "ހަމަޖެހޭ" މީހުންނަށް އިހްސާސްނުވުމަކީ އޭނާގެ މިހާރުގެ އެންމެ ބޮޑު ހިތާމަ ކަމަށެވެ.

އަދި ރާއްޖޭގައި އޯޓިޒަމް ބައްޔާއި ޑައުން ސިންޑްރޯމް ފަދަ ބަލިތަކަށް ގައުމީ ފެންވަރުގައި ހަރަކާތްތަކެއް ހިންގައި އާންމުން ހޭލުންތެރިކުރުވަމުން ގެންދާއިރު ޑްވާފިޒަމްއާ އެކު ދިރިއުޅެން ޖެހިފައިވާ ކުދިންނަށް މުޖުތަމައުން ލިބެން ހުރި ފުރުސަތާއި ހައްގުތައް ހޯދައި ދިނުމަށް އެއްވެސް ބަޔަކު ނޫޅުމަކީ ވެސް ނިކަން ހިތްދަތިވާ ކަމެއް ކަމަށެވެ.

ރިޔާޒު ބުނީ ރާއްޖޭގެ މީހުންގެ ގޮތަކީ ބަލި ކުއްޖަކު އާއިލާގައި އުޅޭ ނަމަ އެ ކުއްޖަކު މުޖުތަމައުން އެކަހެރިކޮށް ގޭގައި ފޮރުވައިގެން ގެންގުޅުމުގެ ވައްތަރު ކަމަށެވެ.

އޯޓިޒަމް އާއި ޑައުން ސިންޑްރޯމް ހުންނަ ކުދިންނަށް ވެސް ދިވެހި މުޖުތަމައުގެ ލޯތްބާއި އަޅާލުން ލިބުނީ މިފަހުން ގައުމީ ފެންވަރެއްގައި ހިންގަން ފެށި ހަރަކާތްތަކެއްގެ ސަބަބުންކަން ގަބޫލުކުރަން ޖެހެ އެވެ. އެހެންވީމަ ރިޔާޒު މިހާރު ތައްޔާރުވަމުން ދަނީ އެފަދަ ހަރަކާތަކަށް އޭނާއާ އެކު ތެދުވާނެ ބަޔަކު ހޯދައި އެމީހުންނާ އެކު އަތާއި އަތް ގުޅާލުމަށެވެ.

އެގޮތުން އޭނާ މިހާރު ވަނީ "ލިޓްލް ޕީޕަލް އޮފް މޯލްޑިވްސް" ގެ ނަމުގައި މިދިޔަ ހަފުތާގައި ފޭސްބުކް ޕޭޖެއް ވެސް ތައާރަފްކޮށްފަ އެވެ.

"އަހަރެން މިހާރު ބޭނުންވަނީ މި ކަހަލަ ބަލި ކުދިން ތިބި އާއިލާތަކުގެ މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކަން. އެމީހުންނަށް ވިސްނައި ދޭން ބޭނުން ވަނީ މިކަހަލަ ކުދިންނަށް ވެސް މުޖުތަމައުން ފުރުސަތު ލިބެން އެބަޖެހޭކަން. ކުއްޖާ ހުންނަ ސިފައަކުން ގޭގައި ފޮރުވައިގެން ގެންގުޅޭކަށް ނުޖެހޭނެކަން،" ރިޔާޒު ބުންޏެވެ.

"އަޅުގަނޑާ އެ ދުވަހަކު މަގުމަތިން ދިމާވި ޑްވާފިޒަމް ހުރި ޒުވާން ފިރިހެން ކުއްޖަކާ. އަޅުގަނޑާ ދިމާވާ މިކަހަލަ ގިނަ ކުދިންނަކީ ހަމަ ވަރަށް ސްމާޓްކުދިން. މި ކުއްޖާގެ އަތުގައި ވެސް ޑިގްރީއެއް އޮތް. އޭނާ ބުނީ މި އުޅެނީ އެތައް ތަނަކަށް އެދިގެން ވެސް ވަޒީފާއެއް ނުލިބިގެންނޭ."

ރިޔާޒު ބުނީ އޭނާ ދެކެން ބޭނުންވަނީ ޑްވާފިޒަމްގެ ކުދިންނަށް ވެސް މުޖުތަމައުގައި އެހެން ކުދިން ފަދައިން ހަމަހަމަ ފުރުސަތުތަކާއި ހައްގުތަކެއް ލިބިގެންދާނެ ދުވަހެއް ކަމަށެވެ. އެފަދަ ދުވަހެއް ނުވަތަ އެފަދަ މުސްތަގުބަލެއް މި ކުދިންނަށް ހޯދައިދޭން އެދޭ ކޮންމެ މީހަކަށް އޭނާ އެހުރީ ދެ އަތް ހުޅުވާލައި މަރުހަބާ ކިޔައިގެންނެވެ.

"އެކަމަކު ދެރަ ކަމަކީ އެއްވެސް ބަޔަކު މިކަމާ ނޫޅޭކަން. މިފަދަ ކުދިން ތިބި އަޅުގަނޑަށް އެނގޭ އާއިލާތައް ވެސް އެބަހުރި. އެކަމަކު އެމީހުން ވެސް މިފަދަ ކުދިން ގެންގުޅެނީ ގޭތެރޭގައި ފޮރުވައިގެން."

ނަމަވެސް އެފަދަ އާއިލާތަކުން މި ކުދިންގެ ހައްގުތައް ނިގުޅައިގަނެގެން އެގޮތަށް ގެންގުޅުނަސް ރިޔާޒު އާއި އޭނާގެ އަންހެނުން އަދި އެމީހުންގެ ދަރިފުޅު އީޝަލްގެ ހުވަފެން ވެސް ތަފާތެވެ.

"ކޮންމެވެސް ދުވަހަކުން އަޅުގަނޑު ވާން ބޭނުމީ ޑޮކްޓަރަކަށް. އެއީ އެހެން މީހުންނަށް އެހީވުމަށް،" ބޮޑުވެގެން ވާން ބޭނުން ވަނީ ކާކަށްތޯ ސުވާލުކޮށްލުމުން އީޝަލް ބުނީ މިހެންނެވެ.

އެހެންވީމަ މި ކުދިންތައް ކިތަންމެ ކުޑަކޮށް ތިއްބަސް އެމީހުންގެ ހުވަފެންތައް ވަރަށް ވެސް ބޮޑެވެ.