ހަބަރު

ނަދީމުގެ ބަންދަށް ލުޔެއް ދޭންޖެހޭ ހާލަތެއް އަދިނެތް: ގާޒީ

އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާކޮށްފައިވާ މުހައްމަދު ނަދީމުގެ ބަންދަށް ލުޔެއް ދޭންޖެހޭނެ ހާލަތެއް އަދި ނެތް ކަމަށް މައްސަލަ ބައްލަވާ ގާޒީ އަހުމަދު ހައިލަމް ވިދާޅުވެއްޖެ އެވެ. އެގޮތަށް ވިދާޅުވީ ދިފާއީ ވަކީލުން މިއަދުގެ ޝަރީއަތުގައި ނަދީމުގެ ބަންދުގެ މައްސަލަ އަލުން ރިވިއުކޮށް ބަންދަށް ލުޔެއް ދިނުމަށް ހުށަހެޅުމުން ނެވެ.

މައްސަލާގެ އިބްތިދާއީ އަޑުއެހުންތައް މިއަދު ނިންމާލައި، މައްސަލަ ޝަރީއަތަށް ވަނީ ފޮނުވާފަ އެވެ. މައްސަލައަށް ނަދީމް ވަނީ އިންކާރު ކުރައްވާފަ އެވެ. ދައުލަތުން ވަނީ ނަދީމާއި ދެކޮޅަށް 32 ހެއްކާއި ގަރީނާ ހުށަހަޅާފަ އެވެ. ދިފާއީ ވަކީލުންނަށް ވަނީ ހެއްކާއި އެހެން ކަންކަން ހުށަހެޅުމަށް ސަރުކާރު ބަންދު ނޫން ތިން ދުވަސް ދީފަ އެވެ.

މިއަދުގެ ޝަރީއަތުގައި ދިފާއީ ވަކީލުންގެ ފަރާތުން ހުށަހެޅުންތަކެއް ހުށަހަޅާފައިވީ ނަމަވެސް ޝަރީއަތުގެ ކުރިން ދައުލަތުގެ ފަރާތުން އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެ އެވެ.

މިއަދުގެ ޝަރީއަތުގައި ދިފާއީ ވަކީލުންގެ ފަރާތުން އެންމެ ފުރަތަމަ ހުށަހެޅީ ނަދީމްގެ ބަންދުގެ މައްސަލަ ބައްލަވައި ބަންދާމެދު ގޮތެއް ނިންމެވީ ކުރިން ބެއްލެވި ގާޒީ ހުސެއިން ޝަހީދު ކަމަށެވެ. އެހެން ކަމުން ނަދީމުގެ ބަންދުގެ މައްސަލަ އަލުން ރިވިއުކޮށް ބަންދަށް ލުޔެއް ދިނުމަށް ދިފާއީ ވަކީލުން އެދުނެވެ.

ގާޒީ ހައިލަމް ވަނީ އެ ފުރުސަތު އެބައޮތް ކަމަށާއި އެކަން ހުށަހެޅުމަށް ދިފާއީ ވަކީލުންނަށް ފުރުސަތު ދީފަ އެވެ. ޝަރީއަތް ނިމެންދެން ނަދީމު ބަންދުގައި ބެހެއްޓުމަށް ދައުލަތުން މީގެ ކުރިން ހުށަހަޅާފައިވަނީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ މީހެއް ކަމަށް ވާތީ އާއި މި މައްސަލައާ ގުޅުން ހުރި ހެއްކަށް ނުފޫޒު ފޯރުވައި ހެކި ނައްތާލަން މަސައްކަތް ކޮށްފާނެތީ ކަމަށެވެ.

އެގޮތުން ދިފާއީ ވަކީލުން ވަނީ ނަދީމްގެ ބަންދަށް ލުޔެއް ދޭން ޖެހޭ ސަބަބުތައް ޝަރީއަތަށް ހުށަހަޅާފަ އެވެ. ދިފާއީ ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ، ނަދީމަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ކަމަށް ކަނޑައެޅޭނެ އެއްވެސް ޖާގައެއް ނެތް ކަމަށާއި އޭނާ އަކީ މީގެ ކުރިން އެއްވެސް ކުށެެއްގެ ތުހުމަތު ކުރެވިފައިވާ ފަރާތެއްވެސް ނޫން ކަމަށާއި ކުށެއް ސާބިތުވެފައިވާ ފަރާތެއްވެސް ނޫން ކަމަށެވެ.

ދިފާއީ ވަކީލް ޝަމީލް ވިދާޅުވީ، ނަދީމް ހެއްކަށް ނުފޫޒު ފޯރުވޭނެ ޖާގައެއް އޮތް ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި އެއީ ނަދީމްގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވަނީ ކޮން ހެއްކެއް ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވޭނެ ހައިސިއްޔަތެއް އޭނާގެ ނެތް ކަމަށެވެ. މީގެ އިތުރުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ސަބަބު ދައުލަތުން ބަޔާންކޮށް ދެވިފައިނުވާ ކަމަށާއި އެ ސަބަބުތައް ބަޔާން ކޮށް ނުދެވޭއިރު ބަންދުގައި ނުބެހެއްޓޭނެ ކަމަށް ޝަމީލް ވިދާޅުވި އެވެ.

ޝަމީލް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ބައެއް ފަރާތްތަކުގެ ބަންދަށް ލުޔެއް ދީފައިވާތީ އެކަންވެސް ފާހަގަކޮށްފަ އެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފް ގޭ ބަންދަށް ބަދަލުކޮށްފައިވާ ކަމަށާއި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލާގައި ތުހުމަތުކުރާ ދެ ފަރާތް އެއްވެސް ބަންދެއްނެތި ދޫކޮށްލާފައިވާކަން ފާހަގަ ކޮށްފައި ވެއެވެ. އަދި 2012 ވަނަ އަހަރު އައްޑޫގެ ކޯޓުތަކާއި ސަރުކާރު މުއައްސަސާތަކަށް ގެއްލުންދީ ހުޅުޖެހި ފަރާތްތަކުގެ ބަންދަށް ލުޔެއްދީފައިވާ ކަމަށާއި އެހުރިހާ ފަރާތަކީ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ ފަރާތްތަކަށް ވުމުން ނަދީމާއި އެމީހުންގެ ތަފާތަކީ ކޮބައިތޯ ޝަމީލް ވަނީ ދައުލަތާއި ސުވާލުކޮށްފަ އެވެ.

އެކަމަށް ރައްދު ދެއްވައި ދައުލަތު ވަކީލާ ވިދާޅުވީ، މި ހާދިސާ ހިނގާފައިވާ ގޮތުން މި މައްސަލަ އަކީ ކުޑަ މައްސަލައެއް ނޫން ކަމަށާއި ބަންދުގައި ބަހައްޓަން ޖެހޭވަރުގެ ހެކި މީގެ ކުރިން ހުށަހަޅާފައިވާނެ ކަމަށެވެ.

ގާޒީ ހައިލަމް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އެހެން ފަރާތްތަކާއި ނަދީމާއި ހަމަހަމަ އުސޫލެއް ނުގެންގުޅެންވީ ސަބަބާއި ގޭބަންދަށް ނުވަތަ ބަންދަށް ލުޔެއް ދޭން ނުޖެހޭ ސަބަބު ހާމަކޮށް ދިނުމަށެވެ. އެކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވީ، ކޮންމެ މައްސަލައަކީ ތަފާތު ސްކޯޕެއްގެ މައްސަލައެއް ކަމަށާއި މި މައްސަލައަކީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރެއް ވައްޓާލަން ބަޔަކާއި ގުޅިގެން ނަދީމް މަސައްކަތް ކުރިކަމަށް ހެއްކާއި ގަރީނާ ލިބިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. ބަންދުގައި ބަހައްޓަން ޖެހޭކަން ހާމަ ކުރުމަށް މީގެ ކުރިން އިންޓެލިޖެންސް ރިޕޯޓެއްވެސް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށްވެސް ދައުލަތުގެ ވަކީލާ ވިދާޅުވި އެވެ.

ދިފާއީ ވަކީލް ވިދާޅުވީ، ސުޕްރީމް ކޯޓުގެ 2010 ވަނަ އަހަރުގެ ގަޒިއްޔާގައި ޝަރީއަތުގެ ކުރިން މީހަކު ބަންދުގައި ބެހެއްޓުމަކީ އެންމެ ނޭއްގާނީ އެއް އަމަލު ކަމަށާއި މީހަކު ބަންދުގައި ބަހައްޓައިގެން މައްސަލަ ކުރިއަށް ގެންދަން ޖެހޭނީ އެނޫން އެހެން ހާލަތެއް ނެތްނަމަ ކަމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އެކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވީ، މީހެއްގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހެއްކާއި ގަރީނާވެސް ވަޒަން ކުރެވޭނެ ކަމަށާއި ހާސިލް ކުރަން އުޅުނު މަގުސަދު ވަކިވަކިން ކޮންސިޑާ ކުރަން ޖެހޭ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ހައިލަމް ވިދާޅުވީ، މީގެ ކުރިން މީހެއްގެ ބަންދާމެދު ގޮތެއް ނިންމާފައިވާ މައްސަލައަށް ބަލައި އެކަން ކުރުމުގެ އިހުތިޔާރު ކޯޓަށް ލިބިގެންނުވާ ކަމަށެވެ. އަދި ކުށެއް ކޮށްފައިނުވާ މީހަކަށްވާތީ މުޖުތަމައުއަށް ނުރައްކާ މީހެއް ނޫން ކަމަށް ކަނޑަ އަޅަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

އަދި ވިދާޅުވީ، މި މައްސަލާގައި ދައުލަތަށް ލިބިފައިވާ ހެއްކާ ގަރީނާގެ އަލީގައި ނަދީމްގެ ބަންދަށް ލުޔެއް ދޭން ޖެހޭ ކަމަށް ނުފެންނަ ކަމަށެވެ. ނަމަވެސް މައްސަލަ ކުރިއަށްދާ ވަރަކަށް ހުށަހެޅޭ ހެކިތަކާއި ހެކީންގެ ހެކިބަހުން ބަންދަށް ލުޔެއް ދޭން ޖެހޭ ކަމަށް ކޯޓަށް ފެންނަ ކަމަށްވާ ނަމަ އެކަން ކުރައްވާނެ ކަމަށްވެސް ގާޒީ ވިދާޅުވި އެވެ.

މީގެ އިތުރުން ދިފާއީ ވަކީލުން ހުށަހަޅާފައިވަނީ މި މައްސަލައިގައި ދައުވާ ކޮށްފައިވާ އެހެން ފަރާތްތަކާއި ނަދީމާއި ތަފާތު ކުރާ ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން ޖަލުގެ އިނާޔަތްތައް ނުލިބޭ ކަމަށާއި އާއިލީ ބައްދަލުވުންތައްވެސް ލިބެނީ މަހަކު ދެފަހަރު ކަމަށެވެ. އަދި ޖަލުތަކުގައި އަމަލު ކުރާ އުސޫލުތައް ނަދީމަށް އަންގާފައިނުވާ ކަމަށާއި ވަކީލުންނާމެދުވެސް އަމަލު ކުރަމުންދާ ގޮތާމެދު ޝަކުވާ އުފުލާފަ އެވެ.

ނަދީމް ވިދާޅުވީ، އެހެން ފަރާތްތަކާއި އޭނާއާ ތަފާތު ކުރާ ކަމަށާއި އެގޮތުން މަހަކު ހަރަދު ކުރުމަށް 2000 ރުފިޔާ ލިމިޓެއް އިންނަ ކަމަށާއި އެހެން ފަރާތްތަކަށް ލިބެނީ 4000 ރުފިޔާ ކަމަށެވެ. އަދި އޭނާ ބަހައްޓާފައި ހުންނަނީ އެހެން ޔުނިޓެއްގައި ކަމަށެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ނަދީމަކީ ސުޕްޝަލް ޕްރޮޓެކްޝަން ދޭން ޖެހޭ މީހެއް ނޫން ކަމަށާއި ސްޕެޝަލް ޕްރޮޓެކްޝަން ދެނީ ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކޮށްފައިވާ ފަރާތްތަކަށް ކަމަށެވެ. މި މައްސަލައިގައި ދައުވާ ކޮށްފައިވާ އެހެން ފަރާތްތަކަކީ ހޯމް މިނިސްޓްރީން ސްޕެޝަލް ޕްރޮޓެކްޝަން ދޭން ކަނޑައަޅާފައިވާ ފަރާތްތަކެވެ.

ދައުލަތުގެ ވަކީލާ ވިދާޅުވީ، ނަދީމްއާމެދު ކަންކަން ކުރަނީ އެ ޔުނިޓްގެ އެހެން ފަރާތްތަކާމެދުވެސް އަމަލު ކުރަމުންދާ އުސޫލުން ކަމަށާއި އެގޮތުން އާއިލީ ބައްދަލުވުން މަހަކު ދެފަހަރު ދެމުން ގެންދާ ކަމަށާއި ވަކީލުންގެ ބައްދަލުވުން ހަފްތާއަކު ހަތަރު ފަހަރު ދެމުންދާ ކަމަށެވެ.

ގާޒީ ހައިލަމް ވަނީ، ޖަލު އުސޫލުތައް ނަދީމަށް ސާފުކޮށްދިނުމަށާއި ވަކީލުންނާމެދު އަމަލު ކުރަންޖެހޭ އުސޫލުތައް ބަލައި އެކަންކަން ދެން އޮންނަ ޝަރީއަތެއްގައި ސާފުކޮށް ދިނުމަށްއެދި މިއަދުގެ ޝަރީއަތް ވަނީ ނިންމާލައްވާފަ އެވެ.

ނަދީމަށް ދައުލަތުން އިއްވާފައިވާ ދައުވާގައި ބުނެފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އެކަމުގައި އެންގެވި އެންގުތަކާ އެއްގޮތަށް ނަދީމް އަމަލުކޮށްފައިވާ ކަމަށެވެ.

އަދި ގާނޫނު އަސާސީއިން ދައުލަތް ހިންގުމުގެ ވަކިވަކި ބާރުތައް ލިބިދީ އުފައްދާފައިވާ މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމުތަކަށް ބުރޫއަރައި، ގައުމީ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމާ ގުޅިފައިވާ އެތައް މަސްހަލަތުތަކެއް ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން އެކެއް ފެބުރުއަރީގައި އަމުރެއް ނެރެއްވައިފައިވާތީ ވެސް ނަދީމަށް އެ ދައުވާ ކުރާ ކަމަށެވެ.

އޭގެއިތުރުން ގާނޫނީ އުސޫލުތަކުގެ ބޭރުން ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފް މެދުވެރިކޮށް ދުރާލާ ރާވައިގެން ފުލުހުންގެ ތެރެއިން ބަޔަކު ލައްވައި ފުލުހުންގެ ޑިއުޓީގައި އުޅުނު އިތުރު ފުލުހުންނާ ކުރިމަތިލައި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކޮށް، ގާނޫނު އަސާސީ އާއި ގާނޫނުތަކާއި އުސޫލުތަކުގެ ބޭރުން ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ވައްޓާލަން މަސައްކަތްކޮށް ދައުލަތަށާއި ސަރުކާރަށް ނޭދެވޭ ނުފޫޒު ފޯރުވައި އާންމުންގެ ސަލާމަތަށް ނުރައްކާވާފަދަ ހާލަތެއް މެދުވެރިކުރަން ނަދީމް އުޅެފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.