ހަބަރު

ދެ ރަށެއްގެ ބަނދަރާއި އއ. ރަސްދޫގެ ބޭރުތޮށި ހަދަން ހަވާލުކޮށްފި

އއ. ހަނިމާދޫ އާއި އައްޑޫ ސިޓީ މަރަދޫގެ ބަންދަރު ހެދުމުގެ މަސައްކަތާއި އއ. ރަސްދޫގެ ބޭރުތޮށިލުމުގެ މަސައްކަތް ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހަނިމާދޫގައި ބަނދަރެއް ނެތުމާ ގުޅިގެން ރައްޔިތުން ހާލުގައި އުޅެމުން އަންނަތާ އެތަށް އަހަރުތަކެއްވެފައިވާ ކަމަށާއި ނަމަވެސް މިއަދު އެ މަސައްކަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކުރާ ކަމަށެވެ. އެގޮތުން އެ މަޝްރޫއަށް 25.8 މމިލިއަން ރުފިޔާަ ހަރަދުވާނެ ކަމަށާއި ބޮޑު މިނުގައި 550 ފޫޓު ހުންނަ އެ ބަންދަރު ޖުމުލަ އަށް މަސް ތެރޭގައި އެ މަސައްކަތް ނިންމަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އައްޑޫ ސިޓީ މަރަދޫ ބަންދަރު ބޮޑު ކުރުމަށް 18 މިލިއަން ރުފިޔާގެ މަޝްރޫއެއް ވެސް ހަވާލުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން ތިން މިލިއަން ރުފިޔާއަކީ އެމްޓީސީސީގެ ސީއެސްއާރްގެ ދަށުން ކުރިޔަށް ގެންދާނެ ބައެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ މަސައްކަތުގެ ތެރޭގައި ނެރުމަތިންނާއި ބަންދަރުގެ ތެރެއިން ތިލެވެފައިވާ ބައިތައް ފުން ކުރުމާއި ބަންދަރު މަތީގެ ޕޭމަންޓާއި ލައިޓުގެ މަސައްކަތް ކުރުން ވެސް ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ތިން ވަނަ މަޝްރޫއަކަށް މިއަދު ސޮއި ކުރީ ރަސްދޫ ބޭރުތޮށިލުމުގެ މަސައްކަތެވެ. މުއިއްޒު ވިދާޅުވީ އެކަމަށް 8.9 މިލިއަން ހަރަދުވާނެ ކަމަށާއި ތިން މަސް ތެރޭގައި މަސައްކަަތް ނިންމާ ހަވާލު ކުރަން ޖެހޭ ކަމަށެވެ.