ހަބަރު

އިޒްރޭލުން ހިންގި ގަތުލުއާއްމު ރާއްޖެއިން އަދިވެސް ކުށްވެރި ނުކުރޭ

ފަލަސްތީނުގެ ޣަައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރު ސަރަހައްދުގައި މުޒާހަރާ ކުރަމުން ދިޔަ ހަތިޔާރެއް ނެތް ފަލަސްތީނު މީހުންގެ ގަޔަށް އިޒްރޭލު ސިފައިން ބަޑި ޖަހައި އޭގެ ތެރެއިން 58 މީހުން މަރައިލި ގަތުލު އާއްމު ކުށްވެރިކޮށް ރާއްޖޭން މިހާތަނަށް އަދިއެއް ވެސް އެއްޗެއް ނުބުނެ އެވެ. މީގެ ކުރިން ފަލަސްތީނުގެ މައްސަލަތަކުގައި ރާއްޖެއިން ބަޔާން ނެރެ، އިޒްރޭލުގެ އަމަލުތައް އެންމެ ފުރަތަމަ ކުށްވެރި ކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެ އެވެ.

އިޒްރޭލުގެ އެ އަމަލު ކުށްވެރިކޮށް ފޮރިން މިނިސްޓްރީން ވެސް އަދި ރާއްޖޭގެ އެހެން އިދާރާއަކުން ވެސް މިހައިތަނަށް އަދި އެއްވެސް ބަޔާނެއް ނުނެރޭ އިރު ރާއްޖެއާ ގާތް ގުޅުމެއް އޮންނަ ސައުދީ އަރަބިއްޔާއިން ވެސް ވަނީ އެކަން ކުށްވެރިކޮށްފައެވެ. އޭގެ އިތުރުން ރާއްޖެ ވެސް ބައިވެރިވާ އިސްލާމީ ގައުމުތަކުގެ ޖަމިއްޔާ އޯނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ވެސް ވަނީ އެކަން ކުށްވެރިކޮށްފަ އެވެ.

ޣައްޒާ ބޯޑަރުގައި އިޒްރޭލުން އިއްޔެ ގަތުލު އާއްމު ހިންގީ ގުދުސްގައި އެމެރިކާގެ އެމްބަަސީ ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވި ވަގުތާ ދިމާކޮށް ފަލަސްތީނު މީހުން މުޒާހަރާ ވަރުގަދަ ކުރުމުންނެވެ. އިޒްރޭލު އުފެއްދި އިރު ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުން ބޭރުކޮށްލާފައިވާ މީހުން އެނބުރި އެމީހުންގެ ވަޒަނަށް ދިއުމުގެ ފުރުސަތު ދިނުމަށް ގޮވާލާގައި "ދަ ގްރޭޓް މާޗް އޮފް ރިޓާން" ގެ ނަމުގައި ފަލަސްތީނު މީހުން އެ މުޒާހަރާ ފެށީ މާޗްމަހުގެ 30 ވަނަ ދުވަހު އެވެ. އެ މުޒާހަރާ ކުރިއަށް ގެންދަން އޭރުގައި ރާވާފައި އޮތީ މިއަދާ ހަމައަށެވެ. ކުރިން ވެސް ރާވާފައި އޮތީ އެންމެ ގިނަ ބަޔަކު ބައިވެރިވެގެން އެންމެ ބޮޑު މުޒާހަރާއެއް މިއަދު ބޭއްވުމަށެވެ. އެއީ މިއަދަކީ ފަލަސްތީނު މީހުން ގެދޮރުން ނެރެލިތާ 70 އަހަރު ފުރުނު ދުވަސް ކަމަށް ވާތީއެވެ. ކޮންމެ އަހަރެއްގެ ވެސް މޭމަހުގެ 15 ވަނަ ދުވަސް ފަލަސްތީނު މީހުން ފާހަގަ ކުރަނީ "ނަކްބާ ދުވަސް" ނުވަތަ މުސީބާތުގެ ދުވަހުގެ ގޮތުގަ އެވެ.

އިޒްރޭލުގެ ވެރިރަށަކީ ގުދުސް ކަމަށް ބަލައިގަންނަން އެމެރިކާއިން މިދިޔަ ޑިސެމްބަރުމަހު ނިންމުމުން އެކަން ކުށްވެރިކޮށް އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅި ގަރާރު ރާއްޖޭން ކޯ ސްޕޮންސާ ކުރި އެވެ. ނަމަވެސް އިއްޔެގައި އެމްބަސީ ހުޅުވުމުން އަދި އެކަމާ ދިމާކޮށް ކުރި މުޒާހަރާގެ ތެރެއިން އެހާ ގިނަ މީހުން މަރައިލުމުން ރާއްޖެއިން އަދި އެއްޗެއް ނުބުނެ އެވެ.