ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ފަންޑް (1 އެމްޑީބީ) އިން ގެއްލުނު ބިލިޔަނަކަށް ވުރެ ގިނަ ޑޮލަރުގެ މައްސަލައިގައި ކުރީގެ ބޮޑުވަޒީރު ނަޖީބުއް ރައްޒާގާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެގައުމުގެ އާ ބޮޑުވަޒީރު ޑރ. ،މަހާތީރު މުހައްމަދު ވިދާޅުވެއްޖެ އެވެ.
މަހާތީރަކީ މެލޭޝިއާގައި ކުރިން 22 އަހަރު ވެރިކަން ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އަލުން ވެރިކަމަށް ވަޑައިގެންނެވީ މިދިޔަ ބުދަދުވަހު ބޭއްވި އާއްމު އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.
ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވޯލްސްޓްރީޓް ޖާނަލް އަށް ދެއްވި އިންޓަވިއުއެއްގައި މަހާތީރު ވިދާޅުވީ ޕްރޮަސެކިއުޓަރުންނަށް ނަޖީބާ ދެކޮޅަށް ވަރުގަދަ ދައުވާއެއް ތައްޔާރުކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.
"މަޑުމަޑުން އަހަރެމެންނަށް އެބަ ދެވޭ ކަންތައްތަކުގެ އަޑިއަށް އަދި އަހަރެމެންގެ އޮފިސަރުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ލިޔެކިއުންތަކާ އެކު އަމިއްލައަށް މައުލޫމާތު ދެމުން. އަހަރެމެން ދެކޭ ގޮތުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެމެންނަށް އެނާ[ނަޖީބް]އާ ދެކޮޅަށް ދައުވާއެއް އުފުލޭނެ،" ވޯލްސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުގައި މަހާތިރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވެފައި ވަނީ ނަޖީބުގެ ކޮރަޕްޝަން މައްސަލަ ބެލުމުގައި އާ ސަރުކާރަށް ކުރިމަތިވެފައިވާ މައްސަލައަކީ އިތުބާރު ކުރަންވީ ކޮން ބަޔަކަށް ކަން ކަނޑައަޅަން އުނދަގޫ ވުމެވެ. އެގޮތުން ބައެއް މީހުންނަކީ ނަޖީބު އަރިހުގައި އުޅެފައިވާ އޭނާއާ އެއްކޮޅު މީހުން ކަމަށާއި އާ ސަރުކާރަށް ވަފާތެރި ވާނީ ކޮންބައެއްކަން ނޭނގޭ ކަމަށެވެ.
ވަންއެމްޑީބީން ގެއްލުނު ކަމަށް ބެލެވޭ 4.5 ބިލިޔަން ޑޮލަރު ހޯދޭ ފަދަ މައުލޫމާތެއް ދެއްވައިފި ނަމަ ނަޖީބާ ދެކޮޅަށް ދައުވާ ނުކޮށް ދޫކޮށްލަން ސަރުކާރުން އެއްބަސްވެދާނެތޯ ސުވާލު ދެންނެވުމުން މަހާތީރު ވިދާޅުވީ އެގޮތަށް އެއްބަސްނުވާނެ ކަމަށެވެ.