ހަބަރު

ގާޒީ ބޭނުންވާ ހުކުމް އިއްވާ، ދައްކާނެ ވާހަކައެއް ނެތް: މަހުލޫފް

May 15, 2018
1

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފްގެ މައްޗަށް އުފުލާފައިވާ ހިނގާފައި ނުވާ ކަމެއް ހިނގައިފި ކަމުގެ މައުލޫމާތު ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދިނުމުގެ ކުށުގެ ދައުވާއިން ދިފާއުވުމަށް އެއްވެސް ހެއްކެއް ހުށަހަޅަން ބޭނުންނުވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މަހުލޫފް މިހެން ވިދާޅުވީ، މިއަދު ހެނދުނު އެ މައްސަލާގައި ބޭއްވި އިބްތިދާއީ އަޑުއެހުމުގަ އެވެ. އެ އަޑުއެހުމަކީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ. ނަމަވެސް މަހުލޫފްގެ ފަރާތުން ވެސް ދައުލަތުން ވެސް ހުށަހެޅުމެއް ހުށަހަޅާފައެއް ނުވެ އެވެ.

ދައުލަތުގެ ވަކީލް ވިދާޅުވީ، ޝަރީއަތް ފެށުމުގެ ކުރިން މި މައްސަލާގައި ހުށަހަޅަން ބޭނުންވާ ހުށަހެޅުމެއް ނެތް ކަމަށެވެ. މަހުލޫފް ވިދާޅުވީ، ހުށަހެޅުންތައް ހުށަހަޅަން ކޯޓަށް ދިޔުމުން މުއްދަތު ހަމަވެފައިވާ ކަމަށް ބުނެ ހުށަހެޅުންތައް ބަލައިނުގަތް ކަމަށެވެ. އެކަމާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ވިދާޅުވީ، މި މަހުގެ ތިންވަނަ ދުވަހަށް މުއްދަތު ހަމަވިއިރު މަހުލޫފް ހުށަހެޅުންތައް ހުށަހަޅަން ވަޑައިގަތީ ހަވަނަ ދުވަހު ކަމަށެވެ. އެހެންވެ ހުށަހެޅުންތައް ހުށަހަޅަން ދެން ފުރުސަތެއް ދެވެން ނެތް ކަމަށް ގާޒީ ވިދާޅުވި އެވެ.

މަހުލޫފް މިއަދު އަޑުއެހުމަށް ވަޑައިގެންނެވީ ވަކީލަކާ ނުލަ އެވެ. އޭނާގެ ވަކީލް ނާޒިމް އަބްދުލް ސައްތާރު ކުރެއްވި ޓްވީޓަކާ ގުޅިގެން ވަނީ އެ މައްސަލައިން ސަސްޕެންޑްކޮށްފަ އެވެ. މަހުލޫފް ވިދާޅުވީ އެ ޓްވިޓާ އެކައުންޓަކީ ނާޒިމްގެ އެކައުންޓްކަން ކަށަވަރުކުރުމެއް ނެތި ސަސްޕެންޑްކުރުން ގަބޫލެއް ނުކުރެވޭ ކަމަށެވެ. އެކަމާ ގުޅިގެން ގާޒީ ވިދާޅުވީ، ސަސްޕެންޑްކޮށްގެން ނާޒިމްގެ ފަރާތުން އެއްވެސް ޝަކުވާއެއް ހުށަހަޅާފައި ނެތް ކަމަށާއި އެހެންވެ އެ ޓްވިޓާ އެކައުންޓަކީ އޭނާގެ އެއްޗެއް ކަމަށް ބެލުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ.

ދައުލަތުން ވަނީ މަހުލޫފަށް ކުށް ސާބިތުކުރަން މިއަދު ހެކިތަކެއް ހުށަހަޅާފަ އެވެ. އެގޮތުން މަހުލޫފަށް ތަހުގީގަށް ދީފައިވާ ބަޔާނާއި ފުލުހުންގެ ދެ ސިޓީއަކާއި މަހުލޫފްގެ ޓްވިޓާ އެކައުންޓާއި އެ އެކައުންޓަކީ މަހުލޫފްގެ އެކައުންޓެއްކަން ސާބިތުކޮށްދޭ ލިޔުމެއް ހުށަހެޅި އެެވެ. ދައުލަތުން ހެކި ހުށަހެޅުމުން ގާޒީ މަހުލޫފަށް ވެސް އެ ފުރުސަތު ދެއްވާފަ އެވެ. އިތުރަށް ކަމެއް ފާހަގަކުރަން ބޭނުންވާނަމަ އެ ކަމެއް ފާހަގަކުރަން ވެސް ފުރުސަތު ދެއްވި އެވެ.

އެ ފުރުސަތު ދެއްވުމުން މަހުލޫފް ވިދާޅުވީ، "ގާޒީ ބޭނުންވާ ގޮތަށް ހުކުމް ކުރައްވާ" ކަމަށެެވެ. ދިފާއުގައި ހެކިން ވެސް ހުށަނާޅުއްވަ އެވެ.

އެކަމާ ގުޅިގެން ގާޒީ އަލީ އާދަމް ވިދާޅުވީ، މައްސަލާގައި ހުކުމް ކުރާނީ ގާޒީ ބޭނުންވާ ގޮތަށް ނޫން ކަމަށާއި މައްސަލާގައި ހުށަހަޅާފައިވާ ހެއްކާއި ގަރީނާ އަދި ދެ ފަރާތުން ދައްކާ ވާހަކަތަކަށް ބެލުމަށްފަހު ކަމަށެވެ.

މައްސަލާގެ އިބްތިދާއީ އަޑުއެހުން މިއަދު ނިންމާލިއިރު، ދައުލަތުގެ ހެކިންގެ ހެކި ބަސް ނެގުމަށް މި މަހުގެ 20 ވަނަ ދުވަހު އަޑުއެހުމެއް އޮންނާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

މަހުލޫފްގެ މި މައްސަލައަކީ ޖެނުއަރީ މަހު ލަންކާގައި ހުންނަވާ މަހުލޫފް ކުރެއްވި ޓްވީޓަކާ ގުޅިގެން ކޮށްފައިވާ ދައުވާއެއްގެ މައްސަލައެވެ. އޭނާ އެ ޓްވީޓްގައި ވިދާޅުވެފައިވަނީ މާފުށީ ޖަމުގައި ގައިދީން މަރުވަނީ ނޫން ކަމަށާއި ސީދާ މަރަނީ ކަމަށެވެ. އެކަށީގެންވާ ފަރުވާއެއް ނުދީ ގައިދީން މަރާލަނީ ކަމަށެވެ. އެކަމުގެ ޒިންމާ ކަރެކްޝަން ސާވިސްއިން ނަގަން ޖެހޭނެ ކަމަށް އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވެ އެވެ.