ހަބަރު

މުލަ ރޯދަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައިފި

މިހިނގާ 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ، 16 ވާ ބުދަ ދުވަސް ކަމަށް ފަލަކީ އިލްމްގެ މައްޗަށް ބުރަވެ ހަނދު ކޮމިޓީ އިން ނިންމުމާ ގުޅިގެން، މާދަމާ އަކީ މިއަހަރުގެ ފުރަތަމަ ރޯދަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑަައަޅައިފި އެވެ.

މިރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާއަށް ފަހު އިއްވި، ހަނދާ ބެހޭ ބަޔާނުގައި ބުނީ، ރާއްޖެ އާއި އިސްލާމީ ގިނަ ގައުމުތަކަށް މިރޭ އިރުއޮއްސުނު އިރު ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލަށް ބަލައި، މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެ ބަޔާން މެދުވެރި ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި އިސްލާމީ އެހެން ގައުމުތަކަށް ފޮނުއްވައިފަ އެވެ. އަދި މި މަހުގެ ފައިދާ ވީ އެންމެ ރަނގަޅަކަށް ލިބިގަތުމަށް ވެސް އެ ބަޔާނުގައި ދިވެހި ރައްޔިތުންނަށް ވަނީ ނަސޭހަތް ތެރިވެފަ އެވެ.

ހަނދު ސާބިތުވިކަން އިއުލާން ކުރުމާ އެކު، ސިފައިން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި އެކަން އިއުލާން ކުރުމުގެ ގޮތުން ބަޑި ޖަހައިފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން ވެސް، މާދަމާ އަކީ މިއަހަރުގެ މުލަ ރޯދަ ދުވަހެވެ. އެހެން ނަމަވެސް އިސްލާމީ ބައެއް ބޮޑެތި ގައުމުތަކުން ނިންމާފައި ވަނީ މާދަމާ އަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި 17 މޭ ވާ ބުރާސްފަތި ދުވަހަކި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އެގޮތުން މުސްލިމުންގެ އެންމެ ބޮޑު އާބާދީ އޮންނަ އިންޑޮނޭޝިޔާ، ޔޫއޭއީ އަދި މެލޭޝިޔާއިން ނިންމާފައި ވަނީ މުލަ ރޯދަ ދުވަހަކީ މޭ 17 ވާ ބުރާސްފަތި ދުވަސް ކަމަށެވެ.