ހަބަރު

ވެމްކޯއިން ރޯދައަށް އަގުހެޔޮކޮށް ކާށި، ކުރުނބާ ވިއްކަނީ

ކުނި މެނޭޖްކުރުމުގެ މަސައްކަތް ކުރާ ދައުލަތުގެ ކުންފުނި ވެމްކޯއިން މި ފެށުނު ރޯދަމަހު މާލޭގައި އަގުހެޔޮކޮށް ކާށްޓާއި ކުރުނބާ އަދި ގަބުޅި ވިއްކަން ފަށައިފި އެވެ.

ފިޝަރީޒް މިނިސްޓްރީން ބުނީ ވެމްކޯއާއި އެމިނިސްޓްރީ ގުޅިގެން ގެނައި 11900 ކާށްޓާއި 564 ކުރުނބާ އަދި 1247 ގަބުޅި ވިއްކާނީ އިންޑަސްޓްރިއަލް ވިލެޖްގައިވާ ވެމްކޯގެ ސައިޓުންނާއި މަސްމާރުކޭޓު ކުރިމަތިން އޮންނަ ލޯކަލް މާރުކޭޓުގެ އޭ2 އަދި އޭ3 ގޮޅިން ކަމަށެވެ.

ވެމްކޯއިން ކާށި ވިއްކާނީ ފަސް ރުފިޔާއަށް ކާށްޓެއްގެ މަގުންްނެވެ. އަދި ކުރުނބަލާއި ގަބުޅި ވިއްކާނީ އެއްޗެއް 12 ރުފިޔާއަށެވެ.

ކޮންމެ އަހަރެއްގެ ރޯދަމަހާ ދިމާކޮށް މާލޭގެ ބާޒާރުގައި އެންމެ ބޮޑަށް އަގު އުފުލޭ ބާވަތްތަކުގެ ތެރޭގައި ކާށްޓާއި ކުރުނބާ ހިމެނެއެވެ. އެގޮތުން ފާއިތުވި އަހަރުގެ ރޯދަ މަހު ކާށްޓެއްގެ އަގު 50 ރުފިޔާއަށް ވެސް އެރިއެވެ.

މާދަމާއަކީ މިހިނގާ 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ކަނޑައަޅާފައެވެ.
މިރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާއަށް ފަހު އިއްވި، ހަނދާ ބެހޭ ބަޔާނުގައި ބުނީ، ރާއްޖެ އާއި އިސްލާމީ ގިނަ ގައުމުތަކަށް މިރޭ އިރުއޮއްސުނު އިރު ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލަށް ބަލައި، މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެ ބަޔާން މެދުވެރި ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި އިސްލާމީ އެހެން ގައުމުތަކަށް ފޮނުއްވައިފަ އެވެ. އަދި މި މަހުގެ ފައިދާ ވީ އެންމެ ރަނގަޅަކަށް ލިބިގަތުމަށް ވެސް އެ ބަޔާނުގައި ދިވެހި ރައްޔިތުންނަށް ވަނީ ނަސޭހަތް ތެރިވެފަ އެވެ.

ހަނދު ސާބިތުވިކަން އިއުލާން ކުރުމާ އެކު، ސިފައިން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި އެކަން އިއުލާން ކުރުމުގެ ގޮތުން ބަޑި ޖަހައިފަ އެވެ.

ކަލަންޑަރުގައިވާ ގޮތުން ވެސް، މާދަމާ އަކީ މިއަހަރުގެ މުލަ ރޯދަ ދުވަހެވެ. އެހެން ނަމަވެސް އިސްލާމީ ބައެއް ބޮޑެތި ގައުމުތަކުން ނިންމާފައި ވަނީ މާދަމާ އަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި 17 މޭ ވާ ބުރާސްފަތި ދުވަހަކި ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށެވެ. އެގޮތުން މުސްލިމުންގެ އެންމެ ބޮޑު އާބާދީ އޮންނަ އިންޑޮނޭޝިޔާ، ޔޫއޭއީ އަދި މެލޭޝިޔާއިން ނިންމާފައި ވަނީ މުލަ ރޯދަ ދުވަހަކީ މޭ 17 ވާ ބުރާސްފަތި ދުވަސް ކަމަށެވެ