ހަބަރު

ރައީސްގެ ނަސޭހަތް: ރޯދަމަހު އިސްލާމީ ރިވެތި އަހުލާގު ދައްކަވާ

ރަމަޟާން މަަހުގެ ދުވަސްތަކާ ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި ރިވެތި އަހުލާގުގެ މަތީގައި ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމު ދިވެހިންނަށް އިލްތިމާސް ކުރައްވައިފި އެވެ.

މިހިނގާ 1439 ވަނަ އަހަރުގެ ރަމަޟާން މަސް ފެށުމުގެ މުނާސަބާގައި ރައީސް ފޮނުއްވި ތަހުނިޔާގެ ހިތާބުގައި ވިދާޅުވެފައި ވަނީ ބަރަކާތްތެރި ރަމަޟާންމަހާ ބައްދަލުކުރުމުގެ ފުރުސަތު މިންވަރުކުރެއްވި ކަމަށްޓަކައި ﷲ އަށް ހަމްދާއި ޝުކުރު ކުރައްވާ ކަމަށާއި މި މާތް މައްސަރުގެ ތަހުނިޔާ، ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ދަންނަވައި، ހެޔޮއެދުންތައް އަރިސްކުރައްވާ ކަމަށެވެ.

މިމައްސަރަކީ ކީރިތި ގުރްއާން ބާވައިލެއްވި މައްސަރު ކަމަށްވާތީ ރޯދައިގެ މަތިވެރި އަޅުކަން އަދާކުރުމާއެކު، ކީރިތި ގުރްއާން ކިޔެވުން ގިނަކުރުމާއި، ފަރުޟު ފަސްނަމާދަށް ފަރުވާތެރިވުމަށް ދިވެހި އެންމެހައި މުސްލިމް ރައްޔިތުންނަށް އެމަނިކުފާނު އިލްތިމާސްކުރެއްވާ ކަމަށް ވެސް ރައީސްގެ ބަޔާނުގައި ވިދާޅުވެފައި ވެއެވެ.

"މައްސަރުގެ ދުވަސްތަކާއި ރޭތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި، އިސްލާމީ ރިވެތި އަޚުލާޤުގެ މަތީގައި ދެމިތިއްބެވުމަށްވެސް އެންމެހައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ނަސޭހަަތްތެރިވަމެވެ،" ރައީސްގެ ހިތާބުގައިވެ އެވެ.

މާދަމާއަކީ މިހިނގާ 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ ކަނޑައަޅާފައެވެ.

މިރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާއަށް ފަހު އިއްވި، ހަނދާ ބެހޭ ބަޔާނުގައި ބުނީ، ރާއްޖެ އާއި އިސްލާމީ ގިނަ ގައުމުތަކަށް މިރޭ އިރުއޮއްސުނު އިރު ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލަށް ބަލައި، މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެ ބަޔާން މެދުވެރި ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި އިސްލާމީ އެހެން ގައުމުތަކަށް ފޮނުއްވައިފަ އެވެ. އަދި މި މަހުގެ ފައިދާ ވީ އެންމެ ރަނގަޅަކަށް ލިބިގަތުމަށް ވެސް އެ ބަޔާނުގައި ދިވެހި ރައްޔިތުންނަށް ވަނީ ނަސޭހަތް ތެރިވެފަ އެވެ.

ހަނދު ސާބިތުވިކަން އިއުލާން ކުރުމާ އެކު، ސިފައިން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި އެކަން އިއުލާން ކުރުމުގެ ގޮތުން ބަޑި ޖަހައިފަ އެވެ.