ދުނިޔެ

ބޮޑެތި އިސްލާމީ ގައުމުތަކަށް ރޯދަމަ މަސް ފެށޭނީ ބުރާސްފަތި ދުވަހު

ބޮޑެތި އިސްލާމީ ގިނަ ގައުމުތަކަށް މާދަމާ އަކީ މިހިނގާ 1439 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު މިރެއަކު ނުފެނުނެވެ.

އެގޮތުން މާދަމާ ރޯދަމަސް ނުފެށޭ ގައުމުތަކުގެ ތެރޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމު ކަމަށްވާ އިންޑޮނޭޝިއާއާއި ދެވަނައަށް އެންމެ އާބާދީ ބޮޑު ޕާކިސްތާނު ހިމެނެއެވެ. މީގެ އިތުރުން ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމުގައި އެގައުމެއްގެ ކަލަންޑަރަށް ތަބާވާން ޖެހޭ ސައުދީ އަރަބިއްޔާއަށް ވެސް ރޯދަ މަސް ފެށޭނީ ބުރާސްފަތި ދުވަހު ކަމަށް މިހާރު ވަނީ ނިންމާފައެވެ. މެލޭޝިއާއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް ( ޔޫއޭއީ) އަށް ވެސް މާދަމާ އަކީ ޝައުބާން މަހުގެ 30 ވަނަ ދުވަހެވެ.

ސައުދީ އަރަބިއްޔާގެ ހަނދު ބަލާ މީހުން އެމަސައްކަތް މިރޭ ނިންމާލީ ހަނދު ނުފެނިގެންނެވެ. އެއަށް ފަހު އެގައުމުން މިހާރު އިއުލާނުކޮށްފައި ވަނީ މާދަމާއަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާއި ރަމަޟާން މަސް ފެށޭނީ 17 މޭ 2018 ވާ ބުރާސްފަތި ދުވަހު ކަމަށެވެ.

އެ ގައުމުތަކަށް މާދަމާ ރޯދަ މަސް ނުފެށުނަސް ރާއްޖެއަަށް މާދަމާއަކީ މުލަރޯދަ ދުވަހެވެ.

މިރޭ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާއަށް ފަހު އިއްވި، ހަނދާ ބެހޭ ބަޔާނުގައި ބުނީ، ރާއްޖެ އާއި އިސްލާމީ ގިނަ ގައުމުތަކަށް މިރޭ އިރުއޮއްސުނު އިރު ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ހުންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ދައްކާތީ ރާއްޖޭގައި ހަނދު ސާބިތުކުރުމުގައި ގެންގުޅޭ އުސޫލަށް ބަލައި، މާދަމާ އަކީ ރަމަޟާން މަހުގެ ފުރަތަމަ ދުވަސްކަމަށް ކަނޑައަޅާފައިވާ ކަމަށެވެ.

އެ ބަޔާން މެދުވެރި ކުރައްވާ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒިޔާދު ބާގިރު ވަނީ ރަމަޟާން މަހުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށާއި އިސްލާމީ އެހެން ގައުމުތަކަށް ފޮނުއްވައިފަ އެވެ. އަދި މި މަހުގެ ފައިދާ ވީ އެންމެ ރަނގަޅަކަށް ލިބިގަތުމަށް ވެސް އެ ބަޔާނުގައި ދިވެހި ރައްޔިތުންނަށް ވަނީ ނަސޭހަތް ތެރިވެފަ އެވެ.

ހަނދު ސާބިތުވިކަން އިއުލާން ކުރުމާ އެކު، ސިފައިން ވަނީ ޖުމްހޫރީ މައިދާން ސަރަހައްދުގައި އެކަން އިއުލާން ކުރުމުގެ ގޮތުން ބަޑި ޖަހައިފަ އެވެ.