ދުނިޔެ

ނެދަލެންޑްސްގެ ބައެއް ތަންތަނުގައި މޫނު ބުރުގާ މަނާކުރަނީ

May 23, 2015

ބައެއް އާއްމު ތަންތަނުގައި މޫނު ބުރުގާ އެޅުން މަނާ ކުރުމަށް ނެދަލެންޑްސްގެ ކެބިނެޓުން އިއްޔެ ނިންމައިފި އެވެ.

ކެބިނެޓުން ފާސްކުރި ގަރާރުގައިވާ ގޮތުން މޫނު ބުރުގާ ނޭޅޭނީ ހޮސްޕިޓަލްތަކާއި އެ ނޫން ވެސް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަންތަނުގެ އިތުރަށް، ބަހާއި ރޭލު ފަދަ އާއްމު ދަތުރުފަތުރުގެ ނިޒާމުގެ ދަށުން އޮޕަރޭޓްކުރާ އުޅަނދުފަހަރު އަދި ސްކޫލްތަކުގަ އެވެ. މި ތަންތަނުގައި މޫނު ބުރުގާ އަޅައިގެން އުޅެފި ނަމަ، އެ ގަރާރުގައިވާ ގޮތުން، ގިނަވެގެން 405 ޔުރޯ އިން ޖޫރިމަނާ ކުރުމުގެ ބާރު ސަރުކާރަށް އޮންނާނެ އެވެ.

އެހެން ނަމަވެސް، މަގުމަތީގައި މޫނު ބުރުގާ އެޅޭނެ އެވެ.

މި ގަރާރަށް އަމަލުކުރަން ފަށާނީ ގާނޫނީ ލަފާ ދޭ ކޮމިޓީ އަކުން ދިރާސާ ކުރުމަށް ފަހު އެވެ. ދީނީ މިނިވަަންކަމަށް ހުރަސްއެޅޭ ކަމަށް ބުނެ، އެ ކޮމިޓީން ވަނީ 2012 ވަނަ އަހަރު ނެދަލެންޑްސް ސަރުކާރުން ފާސްކުރި މި ފަދަ ގަރާރަކަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

މޫނު ބުރުގާ އެޅުން ނެދަލެންޑްްސްގައި އެހާ އާއްމެއް ނޫނެވެ.