ދުނިޔެ

ނަޖީބު ރައްޒާގުގެ ގެކޮޅަށް ފުލުހުން ވަދެއްޖެ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގު ދިރިއުޅުއްވާ ގެކޮޅަކަށް އެ ގައުމުގެ ފުލުހުން މިރޭ ވަދެއްޖެ އެވެ.

ރޮއިޓާސް ބުނީ ނަޖީބު ދިރިއުޅުއްވާ ގެކޮޅަކަށް ފުލުހުން ވަންނަނިކޮށް އެ އެޖެންސީއަށް މައުލޫމާތު ދިން މީހުންނަށް ފެނިފައިވާ ކަމަށާއި ފުލުހުން އެ ގެެއަށް ވަނީ ނަޖީބު މިސްކިތުން އެނބުރި ގެއަށް ވަޑައިގެންނެވި ވަގުތު ކަަމަށެވެ.

މެލޭޝިއާގެ ދައުލަތުގެ މީޑިއާ ބެރްނާމާ ބުނީ ނަޖީބުގެ އެޕާޓްމަންޓެއް ހުންނަ އެހެން އިމާރާތަކަށް ވެސް ފުލުހުން ވަދެފައިވާ ކަމަށެވެ. ނަމަވެސް މެލޭޝިއާ ފުލުހުންގެ ބަހެއް އެކަމާބެހޭ ގޮތުން އަދި ނުލިބޭ ކަމަށް ރޮއިޓާސް ބުންޏެވެ.

ނަޖީބު ދިރިއުޅުއްވާ ގެކޮޅަށް ފުލުހުން ވަނުނުމުން އެމަންޒަރު ބަލަން ގިނަ އަދަދެއްގެ އާއްމުންނާއި ނޫސްވެރިން އެއްވި އިރު މެލޭޝިއާގެ ބައެއް މީޑިއާ ތަކުން ވަނީ އެ މަންޒަރު ވަގުތުން ދުރަށް ދައްކާފަ އެވެ.

މެލޭޝިއާގެ ބޮޑުވަޒީރުކަމުން ނަޖީބު ވަކިވެވަޑައިގެންނެވީ އެ ގައުމުގައި މިދިޔަ ބުދަދުވަހު ބޭއްވި އާއްމު އިންތިހާބު އެހައިތަނަށް ވެރިކަން ކުރަމުން އައި ބަރީސާން ނެޝަނަލްއަށް ނާކާމިޔާބު ވުމުންނެވެ. އެ އިއްތިހާދަށް އިންތިހާބު ނާކާމިޔާބުވީ މިހާރު ވެރިކަމުގައި އޮތް ޕަކަޓާން ހަރަޕަން ބޮޑުވަޒީރުކަން ކުރައްވާ ކެންޑިޑޭޓެއްގެ ގޮތުގައި ޑރ. މަހާތީރު މުހައްމަދު ނެރުމުންނެވެ. މެލޭޝިއާގެ ބޮޑުވަޒީރުކަން ކުރިން 22 އަހަރު ކުރައްވާފައިވާ މަހާތީރަކީ އެ ގައުމުގެ ތަރައްގީގެ ބާނީ ކަމަށް ގިނަ ބަޔަކު ދެކެއެެވެ.

ބޮޑުވަޒީރުކަމަށް ދެވަނަ ފަހަރު ވަޑައިގެންނެވުމަށް ފަހު މަހާތީރު ވިދާޅުވަމުން ގެންދަވަނީ ކުރީ ސަރުކާރުގެ ކޮރަޕްޝަން މައްސަލަތައް ތަހުގީގުކޮށް ދައުލަތަށް ގެއްލިފައިވާ ފައިސާ ހޯއްދަވާނެ ކަމަށެވެ.

ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ފަންޑް (1 އެމްޑީބީ) އިން ގެއްލުނު ބިލިޔަނަކަށް ވުރެ ގިނަ ޑޮލަރުގެ މައްސަލައިގައި ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގާ ދެކޮޅަށް ދައުވާ ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް މަހާތީރު ވަނީ ކުރިން ވިދާޅުވެފަ އެވެ.

ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވޯލްސްޓްރީޓް ޖާނަލް އަށް ދެއްވި އިންޓަވިއުއެއްގައި މަހާތީރު ވިދާޅުވީ ޕްރޮަސެކިއުޓަރުންނަށް ނަޖީބާ ދެކޮޅަށް ވަރުގަދަ ދައުވާއެއް ތައްޔާރު ކުރެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

"މަޑުމަޑުން އަހަރެމެންނަށް އެބަ ދެވޭ ކަންތައްތަކުގެ އަޑިއަށް އަދި އަހަރެމެންގެ އޮފިސަރުންގެ ތެރެއިން ގިނަ ބަޔަކު އަންނަނީ ލިޔެކިއުންތަކާއެކު އަމިއްލައަށް މައުލޫމާތު ދެމުން. އަހަރެމެން ދެކޭ ގޮތުގައި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެމެންނަށް އެނާ [ނަޖީބް]އާ ދެކޮޅަށް ދައުވާއެއް އުފުލޭނެ،" ވޯލްސްޓްރީޓް ޖާނަލްއަށް ދެއްވި އިންޓަވިއުގައި މަހާތިރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވެފައި ވަނީ ނަޖީބުގެ ކޮރަޕްޝަން މައްސަލަ ބެލުމުގައި އާ ސަރުކާރަށް ކުރިމަތިވެފައިވާ މައްސަލައަކީ އިތުބާރު ކުރަންވީ ކޮން ބަޔަކަށް ކަން ކަނޑައަޅަން އުނދަގޫ ވުމެވެ. އެގޮތުން ބައެއް މީހުންނަކީ ނަޖީބު އަރިހުގައި އުޅެފައިވާ އޭނާއާ އެއްކޮޅު މީހުން ކަމަށާއި އާ ސަރުކާރަށް ވަފާތެރި ވާނީ ކޮންބައެއްކަން ނޭނގޭ ކަމަށެވެ.

ވަންއެމްޑީބީން ގެއްލުނު ކަމަށް ބެލެވޭ 4.5 ބިލިޔަން ޑޮލަރު ހޯދޭ ފަދަ މައުލޫމާތެއް ދެއްވައިފި ނަމަ ނަޖީބާ ދެކޮޅަށް ދައުވާ ނުކޮށް ދޫކޮށްލަން ސަރުކާރުން އެއްބަސްވެދާނެތޯ ސުވާލު ދެންނެވުމުން މަހާތީރު ވިދާޅުވީ އެގޮތަށް އެއްބަސްނުވާނެ ކަމަށެވެ.