ވިޔަފާރި

މަހުގެ އަގު: މި މަސް 400ރ. އަށް

މަހުގެ ތެރެއިން އެންމެ ޑިމާންޑް ބޮޑު އެއް ބާވަތަކީ ތާޒާ ކަނޑުމަހާއި ފަރުމަހުގެ ބާވަތްތަކެވެ. އެހެންވެ، ކޮންމެ ރޯދަ މަހަކު ވެސް އެންމެ ބޮޑަށް އަގު މަތިވަނީ ވެސް ކަނޑުމަހުގެ އަގުތަކެވެ. މި އަހަރުގެ ރޯދަ މަހުގެ ދެވަނަ ރޯދަ ހިފަމުންދާއިރު، މާރުކޭޓުގައި މަހުގެ އަގުތައް ވަނީ ވަރަށް ބޮޑަތަން ބަދަލުވެފަ އެވެ.

މާރުކޭޓުގައި މަހުގެ އަގުތައް ހުރި ގޮތަށް ބަލާއިރު ކަނޑު މަސް ކިލޯއެއް މިއަދު ހުރީ 50ރ. އިން މަތީގަ އެވެ. މި ވަރަށް މަސް ކިލޯއެއް ވިއްކާއިރު އާދައިގެ މަހެއް ލިބޭނީ 150ރ. އާއި 200ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ކުދި ލައްޓި އާއި ރާގޮނޑި ވިއްކަނީ ކިލޯއެއް 40ރ. އަށެވެ. ކުޑަ ރާގޮނޑިއެއް ވިއްކަނީ 60ރ. އާއި 80ރ. އާ ދެމެދުގެ އަގު ތަކެއްގަ އެވެ. އަދި ރެހި ޖޯޑެއް ވިއްކަނީ 30ރ. އަށެވެ.

ކަނޑު މަހުގެ އިތުރުން މިއަދު ބާޒާރުގައި ކޮންމެ ވެސް ވަރަކަށް ފަރު މަސް ވެސް އެބަހުއްޓެވެ. ރޭގެ ވަގުތެއްގައި ބާނައިގެން މާރުކޭޓަށް ގެނައި އާދައިގެ ރަތް މަހެއް ވިއްކަނީ 300ރ. އާއި 400ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ. އަދި ކުޑަ ފިލޮޅެއް ވިއްކަނީ 40ރ. އަށެވެ. އަދި ކުޑަ ފާނެއް 30ރ. އަށް ވިއްކަ އެވެ.

މަސް ވިއްކަން ގޮސް ހުރި މީހަކު މިއަދު ބުނި ގޮތުގައި ރޭ ވިއްސާރަވުމުގެ ސަބަބުން ފަރުމަހުގެ މަސްވެރިކަން ރަނގަޅެއް ނޫނެވެ.

"މިހާރު މޫސުން ދައްކާ ގޮތުން ހީވަނީ މިރޭ މަސްވެރިކަން ރަނގަޅުވާނެހެން،" ވ. އަތޮޅުން މަސް ބާނައިގެން އައިސް ހުރި މަސްވެރިޔާ ބުންޏެވެ.