ހަބަރު

އަބްދުﷲ ގެ މަރުގެ މައްސަލާގައި ދައުވާ ކުރަން ނުފޮނުވަން: އެޗްއާރްސީއެމް

ދެހާސް ފަނަރަވަނަ އަހަރު ބޭއްވި މޭޑޭ މުޒާހަރާއާ ގުޅިގެން ޖަލަށްލީ އަބްދުﷲ ރަޝީދު މުހައްމަދު މަރުވި މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) އިން ބުނެފި އެވެ.

އެޗްއާރްސީއެމް އިން މިހެން ބުނީ އަބްދުﷲގެ މަރުގެ މައްސަލަ ތަހުގީގު ކުރުމަށް ފަހު އިހުމާލުވާ ބައެއް މީހުންގެ މައްޗައް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށް ހަބަރުތައް ފެތުރުމާ ގުޅިގެނެވެ. އެކަމާ ގުޅިގެން "އަވަސް"އިން ސުވާލު ކުރުމުން އެ ކޮމިޝަންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އަބްދުﷲ ރަޝީދުގެ މައްސަލާގައި ފެތުރިގެން އުޅެނީ ދޮގު ހަބަރެއް ކަމަށާއި އެ މައްސަލައިގެ ތަހުގީގު އަދިވެސް ކުރިޔަށް ދާ ކަމަށެވެ.

"އަބްދުﷲ މަރުގެ މައްސަލަ އަދިވެސް ތަހުގީގު ކުރިޔަށް އެބަދޭ، އެއްވެސް ބަޔަކަށް ދަައުވާ ކުރާކަށް ޕީޖީއަށް ފޮނުވާފައެއް ނުވާނެ،" އޮފިޝަލް ވިދާޅުވި އެވެ.

ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި 51 އަހަރުގެ އަބްދުﷲ ރަޝީދު ޖަލަށްލީ ފަސް އަހަރަށެވެ. އަދިއޭނާގެ ހުކުމް ތަންފީޒު ކުރުން އޮތީ މި އަހަރަށް ނިމޭށެވެ. ނަމަވެސް މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހު އޭނާ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ.

އެ މައްސަލާގައި އަބްދުﷲގެ އާއިލާއިން ބުނެފައި ވަނީ އޭނާ ގެންދިޔައީ ޖަލުގައި ހުރި އިރު ބައްޔަކަށް ބޭސް ކުރަމުން ގެންދިޔަ ކަމަށާއި ނަމަވެސް އޭނާއަށް އެކަށީގެންވާ ފަރުވާ ނުދީ، އަބްދުﷲގެ ސިއްހީ ހާލަތާ މެދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން ވަރަށް ބޮޑަށް އިހުމާލުވެފައިވަ ކަމަށެވެ.