މެލޭޝިއާގެ ކެބިނެޓްގެ މަގާމަކަށް މިވަގުތު ވަޑައިނުގަަންނަވާނެ ކަމަށް އިއްޔެގައި ޖަލުން މިނިވަންކުރި ލީޑަރު އަންވަރު އިބުރާހީމް ވިދާޅުވެއްޖެ އެވެ.
އަންވަަރު އިބުރާހީމަކީ މިހިނގާ މޭ މަހުގެ ނުވަވަނަ ދުވަހާ ހަމައަށް ވެސް މެލޭޝިއާގެ އިދިކޮޅު ލީޑަރު ކަމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އެންމެ ފުރަތަމަ ޖަލަަށްލީ މެލޭޝިއާގެ މިހާރުގެ ބޮޑުވަޒީރު ޑރ. މަހާތީރު ބިން މުހައްމަދު ކުރިން ވެރިކަމުގައި ހުންނެވިއިރުގައެވެ. ބޮޑުވަޒީރުގެ ނައިބުގެ މަގާމުން ވަކިކޮށް އޭރުގަައި އަންވަރު ޖަލަށްލީ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތާއި އެއްޖިއްސުން ގުޅުންް ހިންގި ކަމަށް ތުހުމަތުކޮށްފައެވެ. އަންވަރާ ދެކޮޅަށް އޭރުގައި ކުރި ދައުވާ ފުރަތަމަ ސާބިތުވި ނަމަވެސް މެލޭޝިއާ ހައިކޯޓުން ފަހުން ވަނީ އެހުކުމް ބާތިލުކޮށްފައެވެ.
މަހާތީރު ބޮޑުވަޒީރުކަމުން ވަކިވެވަޑައިގެންނެވި ފަހުން 2008 ވަނަ އަހަރުވެސް އޭރުގެ ސަރުކާރުން އަންރާ ދެކޮޅަށް ހަމަ އެ ދައުވާ ކުރިއެވެ. ނަމަވެސް އޭރުގައި ކޯޓުން ނިންމީ އެކަން ސާބިތުނުވާ ކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރައްވަން އުޅުއްވަނިކޮށް އޭނާއަށް ކުރިން ކުށް ސާބިތު ނުވާ ކަމަށް ކަނޑައެޅި މައްސަލައިގައި ކުށް ސާބިތުވާކަމަށް އަލުން ނިންމިއެވެ.
މެލޭޝިއާ މިނިވަން ވީއްސުރެ ވެރިކަން ކުރަމުން އައި ބަރީސާން ނެޝަނަލްގެ ވެރިކަމުގައި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އޮތް އަންވަރުގެ ޕީކޭއާރަކީ މިހާރު ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީއެވެ. މެލޭޝިއާގެ ރަސްގެފާނު މުހައްމަދު ފަސް ވަނަ އަންވަރަށް މައާފް ދެއްވީ މަހާތީިރު އިސްކޮށް ހުންނަވާ މިހާރުގެ ސަރުކާރުން އެކަމަށް އެދުމުންނެވެ.
ކުރިން ބެލެވިފަައި އޮތީ ޕަކަޓާން ހަަރަޕަންއަށް ވެރިކަން ލިބުމުން އަންވަރު މިނިވަން ކުރުމާއި އެކު އޭނާ ކެބިނެޓުގެ މަގާމަކަށް ވަޑައިގަންނަވާނެ ކަމަށެވެ. ނަަމަވެސް އަންވަރު ވިދާޅުވި ކަމަށް ސްޓްރެއިޓްސް ޓައިމްސް ބުނީ އޭނާ ފުރަތަމަ ވަޑައިިގަންނަވާނީ ގައުމުން ބޭރަށް ކަމަށެވެ. އަދި އާއިލާއާއި އެކުގައި ވެސް ވަގުތު ހޭދަކުރެއްވުމަށް ފަހު ސަރުކާރު ހިންގުމުގައި ބައިވެރިވެވަޑައިގަންނަވާނީ ފަހުން ކަމަށް ވެސް އަންވަރާ ހަވާލާދީ ނޫހުން ބުންޏެވެ.