ނަޖީބު ރައްޒާގް

ނަޖީބުގެ އެޕާޓްމަންޓްތަކަކުން ފައިސާއާ ގަހަނާ ހޯދައިފި

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު އަބުދުއް ރައްޒާގުގެ ގެކޮޅުތަކާއި އެޕާޓްމަންޓްތައް ބަލައި ފާސްކުރުމަށް މެލޭޝިއާ ފުލުހުން ދެ ދުވަސް ކުރިން ފެށި އޮޕަރޭޝަނުގައި ގިނަ އަދަދެއްގެ ފައިސާއާއި ގަހަނާ އެ ތަންތަނުން ގެންގޮސްފި އެވެ.

މެލޭޝިއާ ފުލުހުންނާ ހަވާލާދީ ނޫސްތަކުން ބުނީ ނަޖީބުގެ ގެކޮޅުތަކާއި އެޕާޓްމަންޓްތަކުން ފުލުހުން ނެރުނު ފޮށިތަކުގައި ވަނީ ފުރެންދެން ފައިސާ އަޅާފައިވާ ދަބަސްތަކާއި އަގު ބޮޑު ގަހަނާ އަޅާފައިވާ ދަބަސްތައް ކަމަށެވެ. މެލޭޝިއާގެ "ދަ ސްޓާ" އޮންލައިން އިން ބުނީ ވެރިރަށް ކުއާލަަލަމްޕޫރުގެ އުސް އިމާރާތެއްގައިވާ ނަޖީބުގެ އެޕާޓްމަންޓަކުން އަގުބޮޑު ތަކެތި އަޅާފައިވާ 284 ފޮށިގަނޑު ފުލުހުން ގެންދިޔަ ކަމަށެވެ.

ނަޖީބުގެ އެޕާޓްމަންޓްތަކާއި ގެކޮޅުތައް ބަލައި ފާސް ކުރުމުގެ އޮޕަރޭޝަނެެއް މެލޭޝިއާ ފުލުހުން ފެށީ އޭނާގެ ކޮރަޕްޝަނުގެ މައްސަލަ ބަލަން މިހާރުގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު އަމުރު ކުރެއްވުމުންނެވެ. މެލޭޝިއާގައި މި މޭމަހުގެ ނުވަ ވަނަ ދުވަހު ބޭއްވި އިންތިހާބު ނަޖީބަށް ނާކާމިޔާބުވީ ވެސް އޭނާއަށް ތުހުމަތު ކުރެވޭ ކޮރަޕްޝަނުގެ މައްސަލަތަކާ ހެދިއެވެ.

ކުރިން 22 އަހަރު ވެރިކަން ކުރައްވާފައިވާ މަހާތީރު އަލުން ވެރިކަމަށް ވަޑައިގެންނެވީ ނަޖީބުގެ ކޮރަޕްޝަނުގެ މައްސަލަތައް ބައްލަވާނެ ކަމުގެ ވައުދާ އެކުގައެވެ. ނަޖީބަށް ތުހުމަތުކުރެވޭ ކޮރަޕްޝަނުގެ އެންމެ ބޮޑު މައްސަލައަކީ ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު (1 އެމްޑީބީ) އިން ގެއްލުނު ކަމަށް ބެލެވޭ 4.5 ބިލިޔަން ޑޮލަރުގެ މައްސަލައެވެ.