ދުނިޔެ

ފުރަތަމަ ހުކުރު: އެއްލައްކަ މީހުން ގުދުސަށް!

ރޯދަ މަހުގެ ފުރަތަމަ ހުކުރު ދުވަހު ފަލަސްތީނުގެ 100000 އަށް ވުރެ ގިނަ މީހުން ގުދުސްގައިވާ އަލް މަސްޖިދުލް އަގުސާއަށް ޒިޔާރަތް ކުރި އެވެ. އޭގެ ތެރެއިން ގިނަ މީހުންނަކީ އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކުގެ ރައްޔިތުންނެވެ.

ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނުގެ ގިނަ މީހުންނަކީ އާއްމު ގޮތެއްގައި ގުުދުސަށް ޒިޔާރަތްކުރުމުގެ ފުރުސަތު ނުލިބޭ މީހުންނެވެ. އެއީ ބައިނަލް އަގުވާމީ ހުރިހާ ގާނޫނަކާ ހިލާފަށް އިޒްރޭލުން އެކަން މަނާކޮށްގެން އުޅޭތީ އެވެ. ރޯދަމަހުގައި ވެސް އެމީހުން ގުދުސަށް ވަންނަން އިޒްރޭލުން ދޫކުރަނީ ވަރުގަދަ ޝަރުތުތަކާއެކު ވަރަށް ބޮޑަށް ބަލައި ފާސް ކޮށްގެންނެވެ.

ހުޅަނގު އައްސޭރިން ގުދުސަށް ވަންނަ މީހުން ބަލައި ފާސް ކުރުމަށް އިޒްރޭލުންް ގާއިމްކޮށްފައިވާ ގަލަންދިޔާ ޗެކްޕޮއިންޓް ހީވަނީ މުޅިން ވަކި ދެ ގައުމެއްގެ ދެމެދުގަައިވާ ސަރަހައްދީ ރޮނގު ހުރަސްކުރާ ޕޮއިންޓެއް ހެންނެވެ. އެތަނުގައި ޓާމިނަލްތަކާއި ޓާންސްޓިލްތަކާއި ސެކިއުރިޓީ ޑިޓެކްޓަރުތައް ވެއެވެ.

ގުދުސަށް ވަންނަން މި ހުކުރުގައި އިޒްރޭލުން ހުއްދަ ދިނީ އުމުރުން 40 އަހަރުން މަތީގެ ފިރިހެނުންނަށާއި ހުރިހާ އުމުރެއްގެ އަންހެނުންނަށެވެ. އެމީހުން ގަލަންދިޔާ ޗެކްޕޮއިންޓްގެ ކޮންކްރީޓް ބެރިއާ ހުރަސްކުރި އިރު އެތަނުގައި އިޒްރޭލު ސިފައިންގެ މީހަކު ހުރި ނަަމަވެސް މީހުން ހުއްޓުވައި ބަލައި ފާސްކުރުން ފަދަ ކަމެއް ނުކުރެ އެވެ. އެކަމަކު އާއްމުގޮތެއްގައި ކަން ހިނގާ ގޮތަކީ ފިރިހެނަކު ޗެކްޕޮއިންޓް ހުރަސްކުރާ ނަމަ ހުއްޓުވައި، އުމުރުން 40 އަަހަރުން މަތީގެ މީހެއްކަން އަންގައިދިނުމަށް އިޒްރޭލު ސިފައިންް ދޫކޮށްފައިވާ ކާޑު އޮތްތޯ ބެލުމެވެ.

ކޮންމެ ފުރުސަތެއްގައި ގުދުސަށް ދިއުން މުހިއްމު

ގުދުސަށް ވަންނަން ބައެއް މައިން ދިޔައީ އެމީހުންގެ ދަރިން ވެސް ގޮވައިގެންްނެވެ. އެއީ އެކުދިންނާއެކު ތިބުމުން ބަލައި ފާސްކުރުމުގެ ހަރުކަަށިކަމާ ކުރިމަތި ނުވެ ފަސޭހައިން ދެވޭނެ ކަމުގެ އުއްމީދުުގަ އެވެ.

އުމުރުން 40 އަަހަރުގެ މުނީރާ އަބޫ ނަސްރާ އައީ އޭނާގެ އުމުރުން ނުވަ އަހަރުގެ ފިރިހެން ދަރިފުޅުގެ އަތުގައި އެއް އަތުން ހިފައިގެން އަނެއް އަތުން ދަބަސް ހިފައިގެންނެވެ. އިޒްރޭލު ސިފައިންގެ ކައިރިން އޭނާ ހިނގާފައި ދިޔައީ ސާބިތުކަމާ އެކީގައެވެ.

"އަހަރެންނަށް އިހުސާސްވީ މިހުކުރު ދުވަހު ގަލަންދިޔާ ޗެކްޕޮއިންޓް ހުރަަސް ކުރަން އެހާ ގިނަ ބަޔަކު ނުތިބޭނެ ކަމަށް. އެހެންވެ ކޮންމެހެން ވެސް މިއަދު މިއައީ" މުނީރާ އަލްޖަޒީރާއަށް ބުނެފައި ވެއެވެ. އެ އެޖެންސީގެ ނޫސްވެރިންނާ އޭނާ ވާހަކަ ދެއްކީ ބައިމަދު ޖަމާއަތްޖަމާތުގައި ހިނގަމުން ދިޔަ މީހުންނާ ދިމާލަށް ބަލަން ހުރެގެންނެވެ.

މިދިޔަ ހޯމަ ދުވަހު ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ގުދުސްގެ މަގުތަކަށް ނުކުތީ އެމެރިކާ އެމްބަސީ އެރަށުގައި ހުޅުވުމުން އެކަމާ ނުރުހުން ފާޅު ކުރުމަށެވެ. އެމެރިކާގެ އެ އަމަލަކީ ބައިނަލް އަގުވާމީ މުޖުތަމައުގެ ގިނަ ބަޔަކުވެސް ކުށްވެރިކުރި އަމަލެކެވެ.

އެމެރިކާ އެމްބަސީ ހުޅުވުމުގެ ރަސްމިއްޔާތު ކުރިއަށް ދިޔަ ވަގުތު ޣައްޒާ އާއި އިޒްރޭލު ގުޅޭ ބޯޑަރުގައި އިޒްރޭލުން ފަލަސްތީނުގެ 62 މީހުން މަރައިލި އެވެ. އެއީ 1948 ވަނަ އަހަރު އިޒްރޭލު އުފެއްދި އިރު ވަޒަނުން ބޭރުކޮށްލި ފަލަސްތީނު މީހުން އެނބުރި އައުމުގެ ފުރުސަތު ދިނުމަށް ގޮވާލައި "ދަ ގްރޭޓް މާޗް އޮފް ރިޓާން" ގެ ނަމުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއަށް ބަޑިޖަހައިގެންނެވެ.

"މީހުންނަކަށް ޔަގީނެއްނޫން މަޝްރަހު އޮތީ ހަމަޖެހިފައި ކަމެއް. އަދިވެސް ތިބީ ގުދުސަށް ދާން ބިރުން މިދިޔަ ހަގުތާގައި ހިނގި ކަަންތައްތަކާ ހެދި،" މުނީރާ އަބޫ ނަސްރާ ބުނެފައި ވެއެވެ.

ފަލަސްތީނުގެ ހުރިހާ އުމުރެއްގެ މީހުން ދަތުރުކޮށް އުޅުމުގެ ހުއްދަ ރަމަޟާންމަހުގައި އިޒްރޭލުން އާއްމުކޮށް ދެއެވެ. އެކަމަކު މިރަމަޞާން މަހު އެހުއްދަވެސް އަދި ނުދެއެވެ. ފަލަސްތީނުގެ އެހެން ސަރަހައްދުތަކުގެ މީހުންގެ ތެރެއިން ވަކި އުމުރެއްގެ މީހުންނަށް އެހުއްދަ ދިން އިރު ޣައްޒާގެ އެއްވެސް މީހަކަށް އަދި ހުއްދައެއް ނުދެ އެވެ.

މުނީރާ އަކީ ބީރު ނަބާލާ ނަމަކަށް ކިޔާ އަވަށުގެ މީހެކެވެ. އެ އަވަށަކީ ހަގީގަތުގައި ގުދުސްގެ ރަށްބޭރުގައިވާ އަވަށެކެވެ. ނަމަވެސް އިޒްރޭލުން ލާފައިވާ ފާރުގެ ސަބަބުން އެރަށް ވަނީ ގުދުސާ ވަކިވެފައެވެ. އިޒްރޭލުން މިހާރު ބަލަނީ އެއީ ހުޅަނގު އައްސޭރީގެ އަވަށެއް ކަމަށެވެ.

"ލިބޭ ކޮންމެ ފުރުސަތެއްގައި ގުދުސަށް ދިއުމަކީ މުހިއްމުކަމެއް. އަހަރެންގެ ހުރޭ އެހެން ފިރިހެން ދަރިއެއް ވެސް. އޭނާގެ އުމުރަކީ 16 އަހަރު. އޭނާއަށް ގަލަންދިޔާ ޗެކްޕޮއިންޓް ހުރަސް ކުރެވޭނެ އެއްވެސް ގޮތެއް ނެތް،" އަލްޖަޒީރާއާ ވާހަކަދައްކަމުން މުނީރާ ބުނެފައި ވެއެވެ.