ދުނިޔެ

ކިއުބާގެ ބޯޓެއް ވެއްޓި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

May 19, 2018

ކިއުބާގެ ވެރިރަށް ހަވާނާގެ ހޯސޭ މާޓިނީ އިންޓަނޭޝަނަލް އެއާޕޯޓުން އުދުއްސައިލި ބޯއިން 737 މަރުކާގެ މަތިންދާބޯޓެއް އެ އެއާޕޯޓުގެ ކައިރީގައިވާ ހުސްބިމަކަށް ވެއްޓި 100 އަށް ވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ކިއުބާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީން ހިންގާ ގްރާންމާ ނަމަަކަށް ކިޔާ ނޫސް އެޖެންސީއާ ހަވާލާދީ ބީބީސީ ބުނީ ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރި މީހުންގެ ތެރެއިން މަރުނުވެ ސަލާމަތްވީ އެންމެ ތިންމީހުން ކަމަށާއި އެމީހުންގެ ހާލުވެސް ވަރަށް ނާޒުކު ކަމަށެވެ. މަތިންދާބޯޓު ކުއްޔަށް ދިން މެކްސިކޯގެ ކުންފުނިން ބުނީ ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރީ ޖުމްލަ 110 މީހުން ކަމަށެވެ.

އިއްޔެގައި ހިނގި މިހާދިސާއަކީ 1980 ވަނަ އަހަރުގެ ފަހުން ކިއުބާގައި ހިނގި އެންމެ ހިތާމަވެރި ވައިގެ އެކްސިޑެންޓެވެ. ހާދިސާއާ ގުޅިގެން އެގައުމުގައި މިހާރު ވަނީ ގައުމީ ހިތާމައިގެ ދެދުވަސް އިއުލާނުކޮށްފައެވެ.

ކިއުބާގެ ވެރިރަށް ހަވާނާއިން އެގައުމުގެ އިރުމަތީގައިވާ ހޮލްގުއިން ނަމަކަށް ކިޔާ ރަށަށްދާން އުދުއްސައިލި އެ މަތިންދާބޯޓު ވެއްޓުނީ ކިއުބާ ގަޑިން އިއްޔެ މެންދުރު 12:08 ގައެވެ.

ބޯއިން އިން ބުނީ މަތިންދާބޯޓު ވެއްޓުނު ހާދިސާ ތަހުގީގުކުރަން އެމެރިކާގެ ގާނޫނުތަކާއި އެމެރިކާގެ ނެޝަަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީބޯޑާއި ކިއުބާގެ ކަމާ ބެހޭ އިދާރާތަކުން އިރުޝާދުދޭ ގޮތެއްގެ މަތިން ޓެކްނިކަލް ޓީމެއް ފޮނުވަން އެކުންފުނިން ތައްޔާރަށް އޮތް ކަމަށެވެ.