ދުނިޔެ

ހަމަޖެހުން ނަގައިލަން އުޅުނު 12 މީހަކު ސައުދީން ހައްޔަރުކޮށްފި

ސައުދީ އަރަބިއްޔާގެ ދީނީ އައި އިޖުތިމާއީ ހަަމަޖެހުން ނަގައިލަން ބޭރުބަޔަކާ ގުޅިގެން މަސްކަތް ކުރިކަމުގެ ތުހުމަތަށް އެގައުމުން 12 މީހަކު ހައްޔަރުކޮށްފި އެވެ.

ސައުދީ ސަރުކާރުގެ ރަސްމީ ނިއުސް އެޖެންސީ "ސައުދީ ޕްރެސް އެޖެންސީ" އިން ބުނީ ޝައްކު އުފެދޭ ގޮތަކަށް ބޭރު ބަޔަކާ ގުޅުން ބާއްވައި، ގައުމުގެ ދިނީ އަދި ގައުމީ ތަނބުތަކަށް ގެއްލުންދޭން އުޅުނު ބައެއްގެ މަސައްކަތް ކަމާ ބެހޭ އިދާރާތަކުން ބަލައި އެމީހުން ހުއްޓުވާފައިވާ ކަމަށެވެ. އަދި ބުނީ އެގޮތަށް މަސައްކަތްކުރަމުން ދިޔަ 12 މީހަކު ހައްޔަރުކޮށް، އެ މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ހައްޔަރުކުރި މީހުންނަށް ކޮށްފައިިވާ އަނެއް ތުހުމަތަކީ ދައުލަތުގެ ހައްްސާސް މަގާމުތަކެއްގައި ތިބި ބަައެއް މީހުން އެމީހުންގެ މަސައްކަތުަގައި ބައިވެރިކުރުމާއި ބޭރުގެ ފަރާތްތަަކަށް ފައިސާ ފޯރުކޮށްދިނުމެވެ.

ސައުދީގައި މިފަދަ ތުހުމަތަކަށް ބަޔަކު ހައްޔަރުކޮށްފައި މިވަނީ އެގައުމުގެ ޝާހީ ގަނޑުވަރެއްގައި މިދިޔަ އޭޕްރިލްމަހުގެ 21 ވަނަ ދުވަހު ބަޑި ޖެހުމުގެ ހާދިސާއެއް ހިނގި ކަމަށައި އެހާދިސާގައި ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު މުހައްމަދު ބިން ސަލްމާން އަވަހާރަވެ، ނުވަތަ ޒަހަމްވެފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ހަބަރު ފަތުރަމުންދާ ދަނޑިވަޅެއްގައެވެ. އެހަބަރުތައް ސައުދީ ސަރުކާރުން ވަނީ ދޮގޮކޮށްފައެވެ. އޭޕްރިލްމަހު ހިނގި ބަޑިޖެހުމުގެ ހާދިސާއާ ބެހޭ ގޮތުން ސައުދީ ސަރުކާރުން އޭރު ބުނީ އެހާދިސާފައި ސަލާމަތީ ބާރުތަކުން ބަޑިޖެހީ ޑްރޯންއަކަށް ކަމަށެވެ.