ދުނިޔެ

މައްސަލަ ބޮޑު އަތޮޅަށް ޗައިނާގެ ޖެޓްތައް ޖައްސައިފި

މިލްކުވެރިކަމާ މެދު އަރައިރުން އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުގެ އަތޮޅުގައި ތަރައްގީކޮށްފައިވާ އެއާޕޯޓަކަށް ޗައިނާގެ ވައިގެ ސިފައިންގެ ބޮން އަޅާ މަތިންދާބޯޓުތައް އިއްޔެގައި ޖައްސައިފި އެވެ.

ދެކުނު ޗައިނާ ކަނޑުގެ އެ ސަރަހައްދުގެ މިލްކުވެރިކަމާ މެދު ފިލިޕީންސާއި ވިއެޓްނާމުން ވެސް ދައުވާ ކުރާ އިރު އެމެރިކާއިން ބަލަނީ އެއީ ބައިނަލް އަގުވާމީ ކަނޑުގެ ސަރަހައްދެއް ކަމަށެވެ. ޗައިނާއިން އެސަރަހައްދުގެ އަތޮޅެއްގެ ފަޅުތައް ހިއްކައި އެއާޕޯޓާއި އެހެނިހެން ވަސީލަތްތައް ގާއިމްކުރީ އެގޮތަށް ކަންތައް ނުކުރުމަށް އެމެރިކާއާއި އެގައުމުގެ ބައިވެރިން ގޮވައިލަމުން އަންނަނިކޮށެވެ.

އިއްޔެގައި ޗައިނާގެ ވައިގެ ސިފައިން ހިންގި ހަރަކާތާ ބެހޭ ގޮތުން އެމެރިކާގެ ދިފާއީ އިދާރާ ޕެންޓަގަންގެ ތަރުޖަމާނު ލެފްޓިނެންޓް ކާނަލް ކްރިސްޓޮފާ ލޮގާން ވިދާޅުވީ އެއީ މިލްކުވެރިކަމާ މެދު އަރައިރުން އުފެދިފައިވާ ސަރަހައްދެއް އަސްކަރީ ކުރުމަށް ޗައިނާއިން ހިންގާ އަމަލުތަކުގެ ތެރެއިން އަމަލެއް ކަމަށެވެ.

ޗައިނާގެ ވައިގެ ސިފައިންގެ ރަސްމީ ވެބްސައިޓުގައި ބުނެފައި ވަނީ އެޗް-6ކޭ މަރުކާގެ ބޯޓުތައް ހިމެނޭ ގޮތުން ޗައިނާގެ ބޮންއަޅާ ބޯޓުތައް އުދުއްސުމާއި ޖެއްސުމުގެ ތަމްރީނުތަކެއް ޖަޒީރާއެއްގައި ހިންގާފައިވާ ކަމަށެވެ. ނަމަވެސް އެކަން ކުރިއަށް ގެންދިޔައީ ކޮށް ރަށެއްގައި ކަމެއް ނުބުނެއެވެ.