ހަބަރު

7700 ސޮޔާ އެކު އެމްޑީޕީގެ ޕްރައިމަރީއަށް ނަޝީދު އެކަނި

May 19, 2018
29

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލުމުން ހަމައެކަނި ކުރިމަތިލާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް އެ ޕާޓީ އިން މިއަދު ހާމަކޮށްފި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމުގެ ވަގުތު މިއަދު ހަމަވެފައިވާއިރު، އެ ޕާޓީއިން އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، އެ ޕާޓީގެ ރިޔާސީ ޕްރައިމަރީއަށް ނަޝީދު ފިޔަވާ އެހެން ބޭފުޅަކު ކުރިމަތި ނުލައްވާ ކަމަށެވެ. އެގޮތުން ނަޝީދު ޕްރައިމަރީއަށް ކުރިމަތިލައްވަން ހުށަހެޅުއްވީ، އެމަނިކުފާނާ ތާއީދު ކުރާކަމަށް ސޮއިކޮށްފައިވާ 7739 މެންބަރުންގެ ސޮޔާ އެކު ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"ރައީސް މުޙައްމަދު ނަޝީދުގެ ފަރާތްޕުޅުން ހުށަހެއްޅުއްވި ފޯމުތަކާއި ތާއިދު ތާއީދު ފޯމުތައް އިންތިޚާބާ ބެހޭ ކޮމިޓީން ބެއްލެވުމަށްފަހު އެއީ ސައްޙަ ފޯމުތަކެއްކަން ވަނީ ނިންމަވާފައެވެ،" ބަޔާނުގައިވެ އެވެ. "ރިޔާސީ ޕްރައިމެރީއަށް ކުރިމަތިލެއްވުމުގެ ވަގުތު ހަމަވީއިރު އިންތިހާބުގައި ވާދަކުރެއްވުމަށް އިތުރު ފަރާތަކުން ހުށަހަޅުއްވާފައިނުވެއެވެ،"

ލަންކާގައި މިހާރު ހުންނެވި، ރައީސް ނަޝީދުގެ ފަރާތްޕުޅުން ޕާޓީ އޮފީހަށް ފޯނު ހުށަހެޅުއްވީ، ނަޝީދުގެ ކެމްޕޭން މެނޭޖަރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ. އެ ފޯމާ އެމްޑީޕީގެ ފަރާތުން ހަވާލުވެ ވަޑައިގެންނެވީ، އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް އެވެ.

"ޖަޒީރާ ރައީސްގެ" ނަމުގައި ރައީސް ނަޝީދުގެ ޕްރައިމަރީގެ ކެމްޕޭން މިހާރު ވަނީ ފަށައިފަ އެވެ. އެމްޑީޕީ އިން ނިންމާފައި ވަނީ މި މަހުގެ 30 ވަނަ ދުވަހު އެ ޕާޓީގެ ރިޔާސީ ޕްރައިމަރީ ބޭއްވުމަށެވެ.