ކުޅިވަރު

ވެޓަރަންސްކަޕު: ސިފައިން ނިއު ހުއްޓުވައިފި

ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް މޯލްޑިވްސް ސޮކާ މޭޓްސްއިން ރަމްޟާން މަހު ބާއްވަމުން އަންނަ ރަމަޒާން ވެޓަރަންސް ކަޕުގެ މި އަހަރުގެ ފުރަތަމަ މެޗުގައި، އެންމެ ފަހުގެ ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވިޔަ ނުދީ ދިވެހި ސިފައިންގެ ކުލަބުން ހިފަހައްޓައިލައިފި އެވެ. މެޗު ނިމުނީ 1-1 އެއްވަރު ވެގެންނެވެ.

މެޗު ފެށިގެން ނުވަ ވަނަ މިނެޓްގައި ނިއު އިން ލިޑް ނެގި އެވެ. އެޓީމުގެ ލަނޑު ކާމިޔާބު ކުރީ އޭނާގެ ފުޓްބޯޅަ ކެރިއަރުގެ ބޮޑުބައެއް ނިއުގައި ހޭދަ ކުރި ކުރީގެ ފޯވަޑް އަލީ ޝަމީމް (ކޮޔަރު އައްޔަ) އެވެ. އޭނާ ވަނީ ކުރިން ނިއުގެ ޖެނަރަލް ސެކެޓްރީކަންވެސް ކޮށްފަ އެވެ.

އާދަމް ފަޒީހް (ފަދިއްކޮ) ދިން ބޯޅަ ދިން އިރު އައްޔަ އޮތީ ހުސްކޮށެވެ. ބޯޅަ ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަންނަންވެސް އޭނަ އަށް ނުޖެހުނެވެ. ޑީއެސްސީގެ ކީޕަރު އަހްމަދު ނާހިދު ކުރިއަށް ނިކުމެ ހުރުމުން މެޗުގައި ނިއުގެ ކެޕްޓަންކަން ކުރި އައްޔަ ވަނީ ކީޕަރު ނާހިދު ބޯމަތިން ގޯލްތެރެއަށް ބޯޅަ އޮއްސާލާފަ އެވެ.

ޑީއެސްސީއަށް ނަތީޖާ ހަމަ ކުރުމަށް ނެގީ ހަތަރު މިނެޓެވެ. ނިއުގެ ގޯލް ބަލަހައްޓަމުން ދިޔަ، ކުރީގެ އެއް ވަނަ ކީޕަރު އިސްހާގް އީސާ ބަލަހައްޓަމުން ދިޔަ ގޯލަށް އެމްއެންޑީއެފްގެ ލަނޑު ފޮނުވާލީ ހަސަން ފަޔާޒު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް އަދި 45 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީވެސް ފަޔާޒު އެވެ. މުބާރާތް ރަސްމީ ގޮތުން ފައްޓަވައި ދެއްވީ، ނިއު ރޭޑިއަންޓާއި ރާއްޖޭގެ ފުޓްބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި، ނިއުގެ ކުރިގެ ކޯޗް ޝްރީލަންކާގެ ސްމިތު ވަލޮޕޮލެ އެވެ.