ދުނިޔެ

އިންޑިއާ ކުންފުންޏަކުން މުސްލިމަކަށް ވަޒީފާ ނުދިން މައްސަލަ ބޮޑުވެއްޖެ

May 23, 2015

މުސްލިމަކަށް ވީތީ މީހަކަށް ވަޒީފާ ދޭން އިންޑިއާ ކުންފުންޏަކުން ދެކޮޅު ހެދި މައްސަލައެއް ހޫނުވެއްޖެ އެވެ.

މުމްބާއީގައި ދިރިއުޅޭ ޒީޝަން ހާން، 23، ބިޒްނަސް މެނޭޖްމަންޓް ކޯހެއް ފުރިހަމަކުރުމަށް ފަހު، ހަރި ކްރިޝްނާ އެކްސްޕޯޓްސް ނަމަކަށް ކިޔާ ގަހަނާގެ ވިޔަފާރިކުރާ ކުންފުންޏެއްގައި ހުސްވެފައި އޮތް ވަޒީފާ އަކަށް ފޯމް ހުށަހެޅި އެވެ. އެކަމަކު، އިންޓަވިއުއަކަށް ވެސް ކިއުމުގެ ބަދަލުގައި އޭނާ އަށް އެ ކުންފުނިން ޖަވާބު ދިނީ އީމެއިލްއެއް މެދުވެރިކޮށެވެ.

"އަހަރުމެން ވަޒީފާ ދެނީ މުސްލިމް ނޫން މީހުންނަށް އެކަނި ކަމުގެ ވާހަކަ ހިތާމައާ އެކު ދަންނަވަން،" އެ އީމެއިލްގައިވެ އެވެ.

އެ ޖަވާބާ އެކު ހާން ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ.

"ސީވީ ވެސް ބަލައިލުމެއް ނެތި އެހާ އަވަހަށް އެ ނިންމުން ނިންމާލި ހަމައެކަނި ސަބަބަކީ އަހަންނަކީ މުސްލިމަކަށްވުން،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ.

އެހެން ނަމަވެސް، ކްރިޝްނާ ކުންފުނިން ބުނި ގޮތުގައި އެއީ އެ ކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް އަލަށް ވެއްދި މީހަކަށް "އޮޅިގެން" ކުރެވުނު އީމެއިލް އެކެވެ. އެ މީހާ މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

"މި ކުންފުނީގައި އެއްވެސް ނަސްލީ، ދީނީ އަދި ޖިންސީ ތަފާތުކުރުންތަކެއް ނޯންނާނެ. މިހާރު ވެސް 50 އަށް ވުރެ ގިނަ ބައިމަދު ދަރިކޮޅުތަކުގެ މީހުން މި ކުންފުނީގައި މަސައްކަތްކުރޭ. އަދި 28 ސްޓޭޓެއްގެ މީހުން މި ކުންފުނީގެ ދަށުން ހިންގާ އެހެން ކުންފުނިތަކުގައި ވެސް ދަނީ މަސައްކަތް ކުރަމުން،" ކްރިޝްނާ ކުންފުނިން ނެރުނު ބަޔާނެއްގައިވެ އެވެ.

އެހެން ނަމަވެސް، ހާން ވަނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ. އަދި މަހާރާޝްތުރަ ސްޓޭޓްގެ ސަރުކާރުން ވަނީ ފުރިހަމަ ތަހުގީގެއް ހިންގާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މި މައްސަލަ ފުލުހުންނަށް ހުށަހެޅުމުގެ އިތުރަށް، ހާން ވަނީ ކްރިޝްނާ ކުންފުނީގެ އީމެއިލް ފޭސްބުކުގައި އާއްމުކޮށްފަ އެވެ. އެއާ އެކު، އެ ކުންފުންޏަށް އިންޑިއާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ ފާޑުކިޔަން ފަށާފަ އެވެ. އޭގެ ތެރޭގައި އެންޑީޓީވީ އާއި ހިންދުސްތާން ޓައިމްސް ފަދަ އިންޑިއާގެ ބޮޑެތި މީޑިއާތައް ހިމެނެ އެވެ.