ހަބަރު

އީސީއިން ހާމަކޮށްދިނީ އިިދިކޮޅު ލީޑަރުންނަށް ވާދަ ނުކުރެވޭނެކަން: ނަޝީދު

May 20, 2018
8

އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނުން އެނގިގެން ދިޔައީ އަންނަ ރިޔާސީ އިންތިހާބުގައި އިދިިކޮޅު އެއްވެސް ސިޔާސީ ލީޑަރަކަށް ވާދަކުރަން ފުރުސަތު ނެތްކަން ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އީސީ މިއަދު މެންދުރު ފަހު ނެރުނު ބަޔާނެއްގައި ބުނީ، ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަ ނުވާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ބާއްވާ ޕާޓީތަކުގެ ރިޔާސީ ޕްރައިމަރީތައް ބާތިލް ކުރާނެ ކަމަށެވެ. އީސީ އިން މި ބަޔާން ނެރުނު އިރު 13 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވާ އެމްޑީޕީ ރިޔާސީ ޕްރައިމަރީ މި މަހުގެ 30 ވަނަ ދުވަހު ބާއްވަން ވަނީ އިއުލާންކޮށް ތައްޔާރީތައް ވަމުން އެވެ.

އެ ބަޔާނާ ގުޅިގެން ސްރީލަންކާގައި ހުންނަވާ ޕްރައިމަރީގެ ކެމްޕޭން ކުރައްވަމުން ގެންދަވާ ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން ބޭނުންފުޅުވާ ފަރާތްތައް ހިމަނައިގެން އުފައްދާފައިވާ އިލެކްޝަންސް ކޮމިޝަނުން ރާއްޖޭގެ އެއްވެސް އިދިކޮޅު ލީޑަރަކަށް އަންނަ ރިޔާސީ އިންތިހާބުގައި ކުރިމަތި ނުލެވޭނެކަން މިއަދު ހާމަކޮށްފި ކަމަށެވެ.

ނަޝީދުގެ ޓްވީޓް.

ނަޝީދު އެ އިޝާރާތް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން އަބްދުﷲ އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އަށެވެ. ގާސިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމެއްގެ ސަބަބުން އަދި 65 އަހަރުން މަތީގެ މީހުންނަށް ރިޔާސީ އިންތިހާބަށް ކުރިމަތި ނުލެވޭނެ ގޮތަށް ގާނޫނު އަސާސީ އިސްލާހުކޮށްފައި ވާތީ ގާސިމަށް ވާދަކުރުމުގެ ފުރުސަތު ގެއްލޭނެ އެވެ. އަދި މައުމޫންއަށް ވެސް އެ ކަމުގެ ސަބަބުން ވަނީ ފުރުސަތު ގެއްލިފަ އެވެ. މީގެ އިތުރަށް އިމްރާން ވެސް ހުންނެވީ ޖަލު ހުކުމެއްގަ އެވެ.

އިދިކޮޅު ޕާޓީތަކުގެ އިސް މަގާމުތަކުގައި ތިއްބެވި އެހެން ފަރާތްތައް ވެސް ތިބީ، އެކި ތުހުމަތުތަކުގައި ޖަލަށް ލައިފަ އެވެ.

އެކަމާ ގުޅިގެން އިނގިރޭސިވިލާތާއި އެމެރިކާއިން ވެސް ބުނެފައި ވަނީ ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބު މިނިވަން އަދި އިންސާފުވެރި ވެދާނެ ކަމަށް ގަބޫލުކުރަން ދަތި ހާލަތެއް ރާއްޖެއަށް ކުރިމަތިވެފައިވާ ކަމަށެވެ. އދގެ ވޯކިން ގްރޫޕުން ވެސް ނިންމާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މަައްޗަށް ކުރެވުނު ޝަރީއަތަކީ އިޖުރާއަތްތަކުގެ ބޭރުން ކުރެވުނު ޝަރީއަތަކަށް ވާތީ، އެ މަނިކުފާނުގެ ހުކުމަށް މާފުދީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ދޭން ޖެހޭނެ ކަމަށެވެ.