ހަބަރު

ޕީއެސްއެމްއަށް ކޭބަލް ޓީވީގެ ހިދުމަތް ވެސް ދެވޭނެ

ޓީވީއެމް އާއި އަޑު ހިންގުމަށް އުފެއްދި ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އަށް ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ހުއްދަ ގާނޫނުގެ ދަށުން ލިބިދީފި އެވެ. މި ހިދުމަތް އެ ކުންފުނިން ދޭން ފަށައިފި ނަމަ މިހާރު އޮތް ކޭބަލް ޓީވީގެ މޮނޮޕޮލީ ނެތިގެން ދާނެ އެވެ.

މިދިޔަ މަހު އަމަލު ކުރަން ފެށި، "ޕަބްލިކް ސާވިސް މީޑިއާގެ ގާނޫނު" ގައި މީޑިއާއާ ގުޅުން ހުރި ވިޔަފާރިތަކުގެ ތެރެއިން އެ ކުންފުންޏަށް ކުރެވޭނެ ވިޔަފާރިތައް ބަޔާން ކުރާ، 47 ވަނަ މާއްދާގެ "ރ" ގައި ބުނެފައި ވަނީ ދިވެހިން ބެލުމަށް ޝައުގުވެރިވާ ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޓީވީ ޗެނަލްތަކާއި ކޭބަލް ޓީވީ އާއި އިންޓަނެޓް ފަދަ ވަސީލަތްތައް މެދުވެރިކޮށްގެން ހެޔޮއަގުގައި ދިވެހި ރައްޔިތުންނަށް ފޯރުކޮށް ދިނުމުގެ ހިދުމަތް ދެވިދާނެ އެވެ.

އެ ހިދުމަތް ދިނުމަށް އެ ކުންފުނީގެ ގަވަނިން ބޯޑްގެ އަގުލަބިއްޔަތުން ފާސް ކުރުމަށް ފަހު، ނަގަން ޖެހޭ ހުއްދަތައް ނަގައިގެން ހިދުމަތް ފެށުމަށް ގާނޫނުގެ ދަށުން ބޯޑަށް ވަނީ ބާރު ދީފަ އެވެ.

ނަމަވެސް އެ ހިދުމަތް ދިނުމަށް ކުންފުނީގެ ބޯޑުން ނިންމިކަމެއް އަދި ނޭނގެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ މާއްދާ އެ ގާނޫނުގައި ހިމެނީ އެއީ އާންމުންގެ އަސާސީ ހިދުމަތްތަކެއް ކަމަށް ސަރުކާރުން ދެކިގެންނެވެ. އަދި މިހާރު އެންމެ ކުންފުންޏަކުން އެ ހިދުމަތް ދިނުމުން ގިނަ މައްސަލަތަކެއް ކުރިމަތިވެ އެކަން އާންމުންނަށް ތަކުލީފަކަށް ވެފައި ވާތީ އެވެ.

ޕީއެސްއެމްގެ ގާނޫނުގެ ދަށުން ޓީވީއެމް އާއި އަޑުގެ އިތުރަށް އޮންލައިން އަކާއި ޕްރިންޓް މީޑިއާ ނޫނީ ނޫހެއް އުފައްދަން ބޯޑްގެ މައްޗަށް ލާޒިމްކުރެ އެވެ.

މީގެ އިތުރުން އިހުތިޔާރީ ވިޔަފާރިތަކުގެ ގޮތުގައި އިތުރު ޓީވީ ޗެނަލްތަކާއި މެގަޒިން އަދި މީޑިއާގެ ދިވެހި އުފެއްދުންތެރިން އުފައްދާ ތަކެތި ގަނެ، އޭގެން ވިޔަފާރި ކުރުމުގެ ފުރުސަތު ވެސް ޕީއެސްއެމްއަށް ވަނީ ލިބިފަ އެވެ. ރާއްޖޭގެ ހަބަރާއި މައުލޫމާތު ބޭރަށް ފެތުރުމުގެ ގޮތުން، ނޭޝަނަލް ނިއުސް އެޖެންސީއެއް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އުފައްދަން ގާނޫން ވަނީ ލާޒިމްކޮށްފަ އެވެ. އަދި ނޫސްވެރިން ތަމްރީން ކުރުމަށް ހާއްސަ ސެންޓަރެއް ޕީއެސްއެމްގެ ފަރާތުން ގާއިމްކޮށް އެ ސެންޓަރުގެ ހިދުމަތް ފުޅާކުރަން ޖެހެ އެވެ.