ކުޅިވަރު

ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު އީގަލްސް ދެވަނައަށް

މެޗު ނިމެން ތިން މިނިޓަށް ވެފައި ވަނިކޮށް ޖުމެއިލް ޖަލީލް ކާމިޔާބު ކޮށްދިން ލަނޑާއެކު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 0-1 ބަލިކޮށް އެސްޓީއޯ މާލޭ ލީގު ދެވަނަ މަގާމަށް ކްލަބް އީގަލްސް ޖެހިލައިފި އެވެ.

އީގަލްސް ދެވަނަ މަގާމުގައި އޮތީ 10 މެޗުން ލިބުނު 18 ޕޮއިންޓާއެކު އެވެ. މާޒިޔާ ތިން ވަނަ މަގާމުގައި އޮތީ އީގަލްސްއަށްވުރެ އެއް ޕޮއިންޓު މަދުކޮށް ލިބިގެންނެވެ. މި މެޗުން މޮޅުވެގެން މާޒިޔާއަށް އެޓީމާއި އީގަލްސް އާއި ދެމެދެ އޮތް ފަރަގު ބޮޑު ކޮށްލުމަށް ފުރުސަތު ލިބުނު ނަމަވެސް މާޒިޔާއިން މިވަނީ އެފުރުސަތު ނަގާލާފަ އެވެ.

މެޗަށް ދެޓީމުން ނެރުނު ފުރަތަމަ އެގާރައަށް ބަޅާއިރު އެންމެ ފާހަގަ ކޮށްލެވުނު ބަދަލަކީ މާޒިޔާގެ ވާތުފަޅިން ފަހަތަށް ކުޅޭ މުޖްތާޒް މުހައްމަދު ފުރަތަމަ އެގާރައިގައި ނުހިމެނުމެވެ. ބަދަލުގައި މެޗު ފެށީ މޫސާ ޔާމީން އެވެ. އީގަލްސް ޓީމުގެ ފުރަތަމަ އެގާރައިގައި ނުހިމެނުނު އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔަކީ ޑިފެންޑަރު މަހްމޫދް ސައްޔިދު މުހައްމަދު އެވެ. މީގެ އިތުރުން ޑިފެންޑަރު އަހުމަދު ނޫމާން (ހެލްމެޓު) ވެސް ފުރަތަމަ އެގާރައިގައި ހިމެނިފައި ނުވެ އެވެ.

މެޗު ފަށައިގެން ފުރަތަމަ ހަމަލާ އުފެއްދީ އީގަލްސްއިންނެވެ. އަރިމަތިން އަހުމަދު ރިޒުވާން (ރިޒޭ) ނަގައިދިން ހުރަސް މާޒިޔާގެ އޭރިޔާ ތެރެއިން ހުސްކޮށް ލިބުނީ އިބްރާހިމް މުބީން (މުއްކި) އަށެވެ. މުޅިން ހުސްކޮށް ހުރެ މުއްްކި ފޮނުވާލި ބޯޅައިގައި އެއްވެސް ބާރެއް ނެތެވެ.

މެޗުގެ ހަތް ވަނަ މިނިޓުގައި މާޒިޔާގެ ގާސިމް ސަމާމް (ސަމްބެ)އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި އީގަލްސްގެ ބްރެޒިލް ފޯވާޑް ލުއިޒް އެޑުއާޑޯ ރިޒޭއަށް ކުޅުނު ބޯޅަ ހިފައިގެން ވަދެ މާޒިޔާގެ އޭރިއާ ބޭރު އަރިމަތިން ރިޒޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލްގެ ދުރު ތިރީ ދަނޑި ކާރިން ބޭރަށެވެ.

މާޒިޔާ މެޗުގެ ފުރަތަމަ ހަމަލާ އުފެއްދީ މެޗުގެ 11 ވަނަ މިނިޓުގަ އެވެ. ފަހަތުން މާޒިޔާގެ ކީޕަރު މައުރޯ ސާފު ކޮށްލި ބޯޅަ މެދުތެރެއިން ހޯދުމަށްފަހު އިސްމާއިލް އީސަ (މެސީ) ކުޅުނީ އަރިމަތީގައި ހުރި ހަސަން ޏާއިޒް (ދާދު) އަށެވެ. އެތެރެއަށް ބޯޅަ ހިފައިގެނ ވަދެ ދާދު ވާތު ފައިން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.

އޭގެ ތިން މިނިޓު ފަހުން ހަސަން ސިފާޒް (ޑުންގާ) އީގަލްސްގެ އޭރިޔާ ބޭރުން ބާރު ހަމަލާއެއް ފޮނުވާލި އެވެ. ޑުންގާގެ ބާރު ހަމަލާ ދިޔައީ ގޯލާ އަމާޒު ނުވެ ބޭރަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އަދި އީގަލްސްއަށްވެސް އިތުރު ދެފުރުސަތެއް ލިބި ބޭކާރުވި އެވެ. ފުރަތަމަ ހާފުގައި މާޒިޔާގެ ފަރާތުން މާއެދެވޭ ކުޅުމެއް ނުފެނެ އެވެ. އީގަލްސް ދިޔައީ ލިބުނު ފުރުސަތު ތަކުގައި މާޒިޔާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ.

ދެވަނަ ހާފިގެ ފުރަތަމަ ހަމަލާ 49 ވަނަ މިނިޓުގައި އުފެއްދީ އީގަލްސްއިންނެވެ. މެދުތެރެއިން ރިޒޭ ކުޅުނު ބޯޅައެއް ހޯދައި ލުއިޒް އެޑުއާޑޯ ފޮނުވާލި ހަމަލާ މާޒިޔާ ކީޕަރު މައުރޯ ވަނީ ފަސޭހަ ކަމާއެކު ދިފާއުކޮށްފަ އެވެ.

އޭގެ ނުވަ މިނިޓު ފަހުން މެޗުގެ 58 ވަނަ މިނިޓުގައި އީގަލްސްއިން އަނެއްކާވެސް މާޒިޔާގެ ގޯލަށް ނުރައްކާ ކުރި އެވެ. 64 ވަނަ މިނިޓުގައި އަރިމަތިން ބޯޅަ ހިފައިގެން ވަދެ ކާރީގައި ހުރި ޑިފެންޑަރު ކާރިން ނައްޓާލުމަށް ފަހު އެތެރެއަށް ވަދެ ރާއިފް ފޮނުވާލި ހަމަލާ ދިޔައީ މާމަތިން ބޭރަށެވެ.

މެޗުގެ 81 ވަނަ މިނިޓުގައި އީގަލްސްގެ ފަހަތުން ރިޒޭ ކުޅުނު ބޯޅަ ހިފައިގެން ވަދެ ފޯވާޑް ލުއިޒް އެޑުއާޑޯ ހަލަމާއެއް އުފެއްދި އެވެ. ނަމަވެސް އޭނާ ފޮނުވާލި ހަމަލާ މާޒިޔާގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.

މުޅި މެޗުގައި ހުއްޓާނުލައި މާޒިޔާގެ ގޯލަށް ނުރައްކާ ކުރުމުގެ ނަތީޖާއަކަށްވީ ބަދަލު ކުޅުންތެރިޔާ ޖުމެއިލް ޖަލީލް ވައްދާލި ގޯލާއެކު އީގަލްސް މެޗުން ތިން ޕޮއިންޓު ޔަގީންކޮށް ލީގުގެ ދެވަނަ މަގާމަށް ޖެހިލި އެވެ.