ހަބަރު

ފުލުހުންނަށް ކުރާ އަނިޔާ ހުއްޓުވަން އެކަށީގެންވާ ފިޔަވަޅެއް ނޭޅޭ: ކޮމިޝަނަރު

May 23, 2015
1

ފުލުހުންނަށް ކުރާ އަނިޔާތަކާ މެދު އެކަށީގެންވާ ގޮތެއްގައި ފިޔަވަޅު ނޭޅޭތީ ކޮމިޝަނަރު އޮފް ޕޮލިސް ހުސެން ވަހީދު ކަންބޮޑުވުން ފާޅު ކުރައްވައިފި އެވެ.

ރޭ ފުލުހަކު ގެޔަކަށް ވައްދައި ތަޅައިގެން މައްސަލައިގައި، ފުލުހުންގެ ރަސްމީ ވެބް ސައިޓް މެދުވެރިކޮށް ކޮމިޝަނަރު ހުސެން މިއަދު ވިދާޅުވީ، ފުލުހުންނަށާއި އާއިލާތަކަށް ހަމަލާ ދިނުމުގެ ކަންކަން އިތުރުވަމުން އަންނަނީ، މުޒާހަރާ ފަދަ ތަންތަނުގައި ފުލުހުންގެ ތަސައްވަރު އޮޅުވާލައި އެ މީހުންނާ ކުރިމަތިލުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކާތީ ކަމަށެވެ. ނަމަވެސް އެފަދަ ވާހަކަތައް ހުއްޓުވަމަށް ވެސް އެދެވޭ މަސައްކަތްތަކެއް ކަމާ ގުޅޭ މުއައްސަސާތަކުން ނުކުރާކަން ހުސެން ވަނީ ފާހަގަ ކުހރައްވައިފަ އެވެ.

ވަކި ފިކުރަކަށް ބެލުމެއް ނެތި ރައްޔިތުންގެ ހިދުމަތުގައި ތިބޭ ބަޔަކާ މެދު ނޭދެވޭ ވާހަކަދައްކާ ހަމަލާ ދިނުމަކީ ކޮމިޝަނަރު ސިފަކުރެއްވި ގޮތުގައި ވަރަށް ފިޑި އަދި ނާތަހުޒީބު އަމަލެކެވެ.

"މިފަދަ އަނިޔާވެރި އަމަލުތަކަށް ހިތްވަރު ލިބޭގޮތަށް ފުލުހުންނާ ދެކޮޅަށް ދެކެވޭ ވާހަކަތައް ހުއްޓާލެވެން ޖެހޭނެ. ފުލުހުންގެ މަސައްކަތްތައް ބަލައި ފާރަވެރިވާ ފަރާތްތަކުންވެސް މިފަދަ ކަންކަމުގައި އެދެވޭ ގޮތެއްގައި މަސައްކަތް ކުރެވިގެންދާތަން ފެނިގެން ނުދޭ. އެހެންކަމުން ފުލުހުންނާ ދެކޮޅަށް ހިންގާ މިފަދަ އަނިޔާވެރި އަމަލުތައްބަލައި އެފަދަ ކަންކަން ހުއްޓުވުމަށް ކުރެވެން ހުރި ކަންކަން ކޮށްދެއްވުމަށް އެފަދަ މުއައްސަސާތަކަށް ގޮވާލަން،" ކޮމިޝަނަރު ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ފުލުހުންނަށް ހަމަލާދިނެއް ކަމަކު ގާނޫނު ނަގަހައްޓައި ޖިނާއީ ކުށްތައް ކުރާ ފަރާތްތައް ހޯދައި އިންސާފުގެ ކުރި މައްޗަށް ގެނައުމުގެ ފުލުހުން އަދާކުރަމުން އަންނަ ވާޖިބެއް ބުރޫއަރުވައެއް ނުލެވޭނެ އެވެ. ހުސެން ވިދާޅުވީ ފުލުހުންގެ ބަދަހި ސަފުތައް ވަރުބަލިކޮށްލައި ރޫޅާލުމަށް ކިތަންމެ މަސައްކަތްތަކެއް ކުރިއަސް ފުލުހުންގެ ވާޖިބު އަދާކުރުމަކީ ފުލުހުންގެ ތިބީ އެންމެ އިންޗި އެއްވެސް ފަހަތަށް ޖެހޭ ގޮތަކަށް ނޫނެވެ. އެއްވެސް ފަރާތަކުން އެގޮތަށް ވިސްނާނަމަ އެއީ ދެރަ ކަމެއް ކަމަށް ވެސް ހުސެން ވިދާޅުވި އެވެ.

"ބައެއްގެ މިފަދަ ފިނޑި އަމަލުކުން ފުލުހުންގެ ބަދަހި ސަފުތައް އަދި ފުލުހުން ކުރާ ބުރަ މަސައްކަތް އެންމެ އިންޗިއެއްވެސް ފަހަތަށް ޖައްސައި ނުލެވޭނެ. މިފަދަ އިންސާނިއްޔަތާ ހިލާފު އަނިޔާ ފުލުހުންނަށް ދީގެން ފުލުހުންގެ މަސައްކަތް ހުއްޓުވޭނެކަމަށް ގަބޫލު ކުރުމަކީ ދެރަކަމެއް،" ހުސެން ވަހީދު ވަނީ ވިދާޅުވެފަ އެވެ.