ދިވެހި ސިނަމާ

ސުނީތާގެ އާ ޓްރިބިއުޓަށް ތައްޔާރުތަ؟ އޭނާ ތައްޔާރުވެއްޖެ!

އަނެއްކާވެސް، މަޝްހޫރު ނެށުންތެރިޔާ ސުނީތާ އަލީ ގެ ވާހަކަ ފަލަ ސުރުހީ އަށް އެރީ އެވެ. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސްވަންދެން އޭނާގެ މި ސިލްސިލާ ކުރިއަށް ދާނެ ކަމަށް ވެސް އުއްމީދުކުރާށެވެ.

ސަބަބަކީ އެ މީހަކަށް އޭނާ ހިތާއި ފުރާނައިން ގުރުބާންވާން ތައްޔާރަށް ހުރި ބޮލީވުޑްގެ ބަތަލާ ޕްރިޔާންކާ ޗޯޕްރާ އަށް އަނެއްކާވެސް ޓްރިބިއުޓެއް ދިނުމަށް ސުނީތާ ތައްޔާރުވަމުންދާތީ އެވެ. އެއްގޮތަކަށް ވެސް ޕްރިޔާންކާގެ ބާތުޑޭއެއް އަންނަނީކީއެއް ނޫނެވެ.

މި ޓްރިބިއުޓަކާ އެކު ކުރިއަށް އޮތީ ސުނީތާގެ އުފަން ދުވަހެވެ. އަންނަ ބުރާސްފަތި ދުވަހަކީ އޭނާ އަށް 36 އަހަރު ފުރޭ ދުވަހެވެ.

"މިއީ އަޅުގަނޑުގެ ބާތުޑޭއާ ގުޅުވައިގެން ޕްރިޔާންކާ އަށް ދޭ ހަދިޔާއެއް،" ބުރާސްފަތި ދުވަހަށް ތައްޔާރުވަމުން އަންނަ ސުނީތާ މިއަދު ފޯނުން ވާހަކަ ދައްކަމުން ބުނީ މިހެންނެވެ.

އެހެންވީމަ ކުރިއަށް އޮތީ ސުނީތާގެ "ބޮޑު ބުރާސްފަޗެއް" ނޫން ހެއްޔެވެ؟

ކޮންމެއަކަސް އޭނާ ބުނަނީ 2013 ވަނަ އަހަރު ޕްރިޔާންކާ އަށް ދިން ޓްރިބިއުޓަށް ވުރެ މިފަހަރުގެ ޓްރިބިއުޓް ހުރިހާ ގޮތަކުން ވެސް ފުރިހަމަވެފައި މަސައްކަތުގެ ގޮތުން ވެސް ތަފާތުވާނެ ކަމަށެވެ. އަދި މިއީ ކުރިން އޭނާ ޝޫޓްކުރި ލަވަ އަށް ވުރެ އަގު ބޮޑު ލަވައެއްކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

"ކުރީގެ ޓްރިބިއުޓާ މިފަހަރުގެ ޓްރިބިއުޓް ވަރަށް ތަފާތުވާނެ. ކުރިން ފަހަރު ހެދި ޓްރިބިއުޓަކީ އެންމެ ސެޓެއްގައި ޝޫޓްކޮށްފައި ހުރި ލަވައެއް،" ސުނީތާ ބުންޏެވެ.

"މި ލަވަ ޝޫޓްކުރީ މާލެ އާއި ސަން އައިލެންޑް ރިސޯޓް އަދި އެހެން ތަންތަނުގައި. މި ލަވައިން ފެންނާނީ އަޅުގަނޑާއި ޑިސްކޯ އަބްދުﷲގެ އިތުރު އެހެން ދެ މީހަކު."

ސުނީތާ ޕްރިޔާންކާ އަށް ދިން ފުރަތަމަ ޓްރިބިއުޓަކީ ގާތްގަނޑަކަށް 30،000ރ. އަމިއްލަ ޖީބުން ހޭދަކޮށްގެން ފުރިހަމަ ކުރި ލަވައެކެވެ. ނަމަވެސް ސުނީތާ ބުނަނީ މިފަހަރުގެ ލަވަ އަށް އޭނާ އެޅި ފައިސާގެ އަދަދު މާ ގިނަވާނެ ކަމަށެވެ.

"ބުނެވޭނީ ކުރީ ފަހަރުގެ ލަވަ އަށް ޚަރަދުވި ވަރަށް ވުރެ ދެ ގުނަ މިފަހަރުގެ ލަވަ އަށް ޚަރަދުވެފައި ހުންނާނެއޭ. މުޅި ލަވަ އަށް ޚަރަދުކޮށްފައި ވަނީ ހަމަ އަމިއްލަ ޖީބުން. އަޅުގަނޑު މި އައީ ލަވަ އަށް ހާއްސަކޮށްގެން ހެދި ޕޯސްޓަރުތަކެއް ވެސް ލަންކާ އަށް ގޮސް ޕްރިންޓްކުރުވައިގެން،" ސުނީތާ ކިޔައިދިނެވެ.

"ދެން އެއް މަސައްކަތަށް ވުރެ އަނެއް މަސައްކަތް ރަނގަޅުކުރެވޭތޯ އަޅުގަނޑު އަބަދުވެސް ބަލަނީ. މިއީ މިހާތަނަށް ކުރި އެންމެ ބުރަ މަސައްކަތް."

ނަމަވެސް ސުނީތާ ބުނަނީ އޭނާ އަށް އާދައިގެ މަތިން މަލާމާތްކޮށް ފުރައްސާރަކުރާ މީހުންނަށް އޭނާގެ މި ޓްރިބިއުޓް ވެސް ކަމުދާނެ ކަމަކަށް އުއްމީދުނުކުރާ ކަމަށެވެ.

"މިފަހަރު ވެސް އަޅުގަނޑު މި ބަލަނީ ހަމަ އަޅުގަނޑަށް ސަޕޯޓްނުކުރާ މީހުން ކުރިއެކޭ އެއްގޮތަށް ފާޑުކިޔާނެ ކަމަށް. އެ މީހުން މަލާމާތް ވެސް ކޮށްފާނެ، އެއްޗެހި ވެސް ގޮވާފާނެ."

ނަމަވެސް އޭނާ ބުނީ ފާޑުކިޔުންތަކަށް ފަރުވާލެއް ނެތް ކަމަށެވެ. އެކަން އޭނާ ވަނީ 2013 ވަނަ އަހަރު ނެރުނު ޓްރިބިއުޓާ އެކު ވެސް ސާބިދުކޮށްދީފަ އެވެ.

އެންމެފަހުން ނަސީބު ދިމާކުރި ގޮތުން އެފަހަރުގެ ސިލްސިލާ ނިމިގެން ދިޔައީ ސުނީތާ އަށް ޕްރިޔާންކާއާ ރާއްޖެއިން ބައްދަލުކުރެވި އޭނާގެ ހުވަފެން ވެސް ހަގީގަތަށް ވެގެންނެވެ.

"ޕްރިޔާންކާ އަޅުގަނޑުގެ މުޅި ހަޔާތް ބަދަލުކޮށްލައިފި،" ސުނީތާ މިހާރު ބުނަނީ މިހެންނެވެ.

"އެގޮތުން ޕްރިޔާންކާ އަށް ސަޕޯޓްކުރަން ފެށީ އޭނާއާ ބައްދަލުކޮށްފަ އޭނާ އަށް ސަޕޯޓްކުރުން ހުއްޓާލާކަށް ނޫން. އޭނާއާ ބައްދަލުކުރެވުނީމަ ލިބުނީ މި ގޮތަށް ކުރިއަށް ދާނެ އިތުރު ހިތްވަރެއް."

ސުނީތާ ބުނީ މި ޓްރިބިއުޓެއްގެ ކަންތަކެއް ނިންމާލުމަށް ފަހު ޕްރިޔާންކާ އަށް ހާއްސަކޮށްގެން މި އަހަރު ޝޫޓްކޮށްފައިވާ އިތުރު ތިން ވީޑިއޯ ލަވައެއް އޭނާ އަށް ފޮނުވުމުގެ މަސައްކަތް ވެސް ކުރިއަށް އަދި އެބައޮތް ކަމަށެވެ.

އަޅުގަނޑު ދެންނެވީމެއް ނޫން ހެއްޔެވެ؟ "ސުނިޔަންކާ ސީޒަނަކަށް" ތައްޔާރުވާށެވެ.

މިފަހަރުގެ ޓްރިބިއުޓަކީ ޕްރިޔާންކާ ކުޅެފައިވާ ހިންދީ ފިލްމުތަކުން ހޮވާލާފައިވާ ފަސް ލަވައެއް އެއްކޮށްލައިގެން އުފައްދާފައިވާ ފާޑެއްގެ ލަވަ ސެޓެކެވެ. ކުރިން ގެނެސްދިނީ ހަތަރު ލަވައިގެ ސެޓެކެވެ.

އޭނާ ބުނީ ޕްރިޔާންކާގެ އާ ފިލްމު "ދިލް ދަޅަކް ނޭ ދޯ" އަށް ޕްރިޔާންކާ ކިޔައިދީފައިވާ ލަވައެއް ވެސް މީގައި ހިމަނަފާއިވާނެ ކަމަށާއި އެއީ އޭނާގެ ފިލްމަށް ޕްރޮމޯޝަނެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ސުނިތާ ބުނަނީ ކުރިއަށް ވުރެ ޕްރިޔާންކާގެ ޓީމާ ގުޅުން ރަނގަޅުވެއްޖެ ކަމަށާއި ފަހަރެއްގައި ވީޑިއޯ ލަވަތައް ޕްރިޔާންކާއާ ހަވާލުކުރަން އެކޮޅަށް ފުރައިގެން ދާން ވެސް ޖެހިދާނެ ކަމަށެވެ.

މިހާ ހިސާބަށް މި ވާހަކައެއް އައީމަ ބައެއް މީހުންގެ ހިތަށް އަރާފާނެ އެވެ. މިހާ ބޮޑު ޚަރަދުތަކެއް ކޮށްގެން ސުނީތާ، ޕްރިޔާންކާ އަށް މިފަދަ ޓްރިބިއުޓެއް ހެދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟

ސުނީތާ ބުނަނީ އެއީ ބޮޑު ސުވާލު ކަމަށެވެ.

"ބޭނުމަކީ ބައެއް މީހުންނަކީ އެމީހުން ބޭނުންވާ ކަންތައްތައް ހާސިލުކުރެވުމުން އެކަމެއް ހުއްޓާލާ މީހުން. އަޅުގަނޑަކީ އެކަހަލަ މީހެއް ނޫން. އަޅުގަނޑު ބޭނުންވާ ކަމެއް ހާސިލުވިޔަސް އަޅުގަނޑު މިއީ އެކަމެއްގައި ދެމި ހުންނާނެ މީހެއް،" ސުނީތާ ބުނީ މިހެންނެވެ.

ގަބޫލުކުރަން ޖެހޭ ހަގީގަތަކީ ޕްރިޔާންކާއަކާ ޖެހިގެން ގޮސް ސުނީތާ ވެސް އެ ބުނާ ގޮތަށް އޭނާގެ މުޅި ހަޔާތް މިހާރު ބަދަލުވެފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ޝޯތަކުގެ ޑިމާންޑް އާދަޔާހިލާފަށް ބޮޑުވެފައިވާއިރު ކުރިން ޝޯތައް ކުޅެމުން ދިޔަ 3000ރ. އަގު މިހާރު ވަނީ 5000ރ. އަށް ވެސް މަތިކޮށްފަ އެވެ.