ދުނިޔެ

ވަންއެމްޑީބީ މައްސަލަ ބަލަން ޓާސްކްފޯހެއް އުފައްދައިފި

ވަން މެލޭޝިއާ ޑިވެލޮޕްމެންޓް ބަރުހާދު( ވަން އެމްޑީބީ)އިން 4.5 ބިލިޔަން ޑޮލަރު ގެއްލުނު ކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކުރުމަށް މެލޭޝިއާގެ ބޮޑުވަޒީރު ޑރ. މަހާތީރު މުހައްމަދު ޓާސްކްފޯހެއް އުފައްދަވައިފިއެވެ.

މެލޭޝިއާގެ ދަ ސްޓާ ނޫހުން ބުނީ ވަންއެމްޑީބީ މައްސަލަ ބަލާ ޓާސްކްފޯހުގެ ވެރިޔަކަށް ހުންނަވާނީ ކުރީގެ އެޓާނީ ޖެނެރަލް އަބުދުލް ޣަނީ ޕަޓައިލް އެވެ. ޓާސްކްފޯހުގައި ދެން ހިމެނިވަޑައިގަންނަވާނީ މެލޭޝިއާ އެންޓި ކޮރަޕްޝަން ކޮމިޝަން ( އެމްއޭސީސީ)ގެ ޗީފް ކޮމިޝަނާ މުހައްމަދު ޝުކުރީ އަބުދުލް އާއި ކުރީގެ ޗީފް ކޮމިޝަނާ އަބުދުލް ގާސިމް މުހައްމަދާއި އެކޮމިޝަނުގެ ސްޕެޝަލް ބްރާންޗްގެ ޑައިރެކްޓަރަކަށް ކުރިން ހުންނެވި އަބުދުލް ހާމިދު ބަދޫރެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ އޮފީހާ ހަވާލާދީ ނޫހުން ބުނީ އެޓާނީ ޖެނެރަލް އޮފީހުގެ ބޭފުޅުންނާއި ބޭންކް ނިގާރާއާއި ފުލުހުންނާއި ވަކީލުންވެސް ޓާސްކްފޯހުގައި ހިމެނޭނެ ކަމަށެވެ.

ބޮޑުވަޒީރު މަހާތީރުގެ އޮފީހުން އެކަމާ ބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނީ ވަންއެމްޑީބީ މައްސަލައިގެ ތަހުގީގުގެ ހުރިހާ ކަމެއް ކުރިއަށް ގެންދާނީ އާ ޓާސްކްފޯހުގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ޓާސްކްފޯހުން ކުރާނެ މަސައްކަތްތަކުގެ ތެރޭގައި ގެއްލިފައިވާ ފައިސާ ހޯދުމާއި ބޭރު ގައުމުތަކުގައި ފައިސާ އިންވެސްޓްކޮށްފައިވޭތޯ ބެލުން ފަދަ ކަންތައްތައް ހިމެނެެއެވެ.