ދުނިޔެ

ކެރެލާގައި ނުރައްކާތެރި ރޯގާއެއް ފެތުރި 10 މީހުން މަރުވެއްޖެ

ވާލާއި އޫރުގެ ޒަރިއްޔާއިން ފެތުރޭ ނުރައްކާތެރި ރޯގާއެއް ކަމަށްވާ ނިފާހް ވައިރަސް (އެންއައިވީ)ގެ ސަަބަބުން އިންޑިއާގެ ދެކުނުގެ ކެރެލާ ސްޓޭޓުން 10 މީހުން މަރުވެއްޖެއެވެ. ކެރެލާ ސްޓޭޓުގެ ވެރިރަށް ތިރުވަނަންތަޕޫރަމް އަކީ ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އަދި ދަތުރުކުރާ ރަށެކެވެ.

ޓައިމްސް އޮފް އިންޑިއާ ނޫހުން ބުނީ ކެރެލާގެ ކޮޒިކޯޑް (ކެލިކަޓް) އާއި މައްލަޕޫރަމްއިން މަރުވި 10 މީހުން މަރުވީ ނިފާހް ވައިރަސްގެ ސަބަބުން ކަން ޕޫނާގައި ހުންނަ ނެޝަނަލް ވައިރޮލޮޖީ އިންސްޓްޓިއުޓުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. ކެރެލާގައި ނިފާހު ވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު 10 އަށް އެރީ ކޮޒޮކޯޑުގެ ހޮސްޕިޓަލެއްގައި މިއަދު މަރުވި އުމުރުން 31 އަހަރުގެ ނަރުހެއްގެ މަރާ އެކުގައެވެ.

ނިފާހު ވައިރަސް ފެތުރޭތީ ކެރެލާގެ ސިއްހީ މާހިރުންނަށް އެހީވާން އިންޑިއާގެ މައި ސަރުކާރުން ވަނީ މާހިރުންގެ ޓީމެއް ފޮނުވާފައެވެ.

އިންޑިއާގައި 2001 ވަނަ އަހަރާއި 2007 ވަނަ އަހަރުވެސް އެ ބަލި ފެތުރުނެވެ. އެގޮތުން 2001 ވަނަ އަހަރު އެބަލި ފެތުރުނު އިރު 60 މީހަކަށް ބަލި ޖެހި 45 މީހަކު މަރުވިއެވެ. އަދި 2007 ވަނަ އަހަރު ފަސް މީހުންނަށް ބަލި ޖެހި ފަސްމީހުންވެސް މަރުވިއެވެ.