ހަބަރު

ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ގުޑުމެއް އިހުސާސްވެއްޖެ

May 22, 2018
4

ޅ. އަތޮޅުގެ ބައެއް ރަށްރަށަށް ގުޑުމެއްގެ އަސަރު އިހުސާސް ވެގެން މޫސުމާބެހޭ ގައުމީ އިދާރާއަށް ރިޕޯޓް ކޮށްފި އެވެ. -- ރަށްގުޑުމުގެ އިހްސާސް އެ އަތޮޅުގެ ރަށްރަށުގެ މީހުނަށް ކުރެވުނީ މިއަދު ހެނދުނު 6:30 އެހާކަންހާއިރު އެވެ. އަދި ބައެއް މީހުންނަށް ފަތިހުގެ ވަގުތުތަކުގަ އެވެ.

މޫސުމާބެހޭ އިދާރާ އިން މިއަދު ބުނީ ޅ. ހިންނަވަރާއި އެ އަތޮޅުގެ މާފިލާފުއްޓާއި ކުރެންދޫގެ އިތުރުން އެ އަތޮޅުގައި ހިމެނޭ ބައެއް ރިސޯޓްތަކަށް ރަށް ގުޑުމުގެ އިހުސާސެއް ވިކަމުގެ ރިޕޯޓެއް ލިބިފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ އެފަދަ ރިޕޯޓެއް އޮތް ނަމަވެސް ބިންހެލުމެއްގެ ގޮތަށް އެ އިދާރާގެ ނިޒާމްތައް ޑިޓެކްޓް ކޮށްފައި ނުވާ ކަމަށާއި އެކަން އިތުރަށް ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖެ ކައިރި އެއްވެސް ހިސާބަކަށް ވެސް އެވަގުތު ބިންހެލުމެއް އައިސްފައި ނުވާ ކަމަށެވެ.

މިއަދު ހެނދުނު ޅަވަނިޔަނީގެ ބައެއް ރަށްރަށަށް ރަށްގަޑުމުގެ އިހުސްތައް ވި އިރު އެ އަތޮޅުގެ ނައިފަރު ކައިރިއަށް އޮކްޓޫބަރު 12، 2016 ގައި ބިން ހެލުމެއް އައި ކަމަށް ރިކޯޑް ކުރެވުނެވެ. އެ ފަހަރު ބިންހެލުން އައީ ކަނޑުގެ 10 ކިލޯ މީޓަރު އަޑިއަށެވެ. އެއީ ނައިފަރުގެ އިރުމަތިން 286 ކިލޯމީޓަރު ދުރުންނެވެ.

މިދިއަ އަހަރުގެ މާޗް މަހުގެ ތެރޭގައި ދެކުނުގެ އައްޑޫ އަތޮޅުގެ 755 ކިލޯ މީޓަރު ބޭރަށް ރިކްޓާ މިންގަނޑުން ފަސް މެގްނިޓިޓިއުޑްގެ ބިންހެލުމެއް އައެވެ. އެފަހަރު ކަނޑުގެ 10 ކިލޯ މީޓަރުގެ އަޑިއަށް ބިންހެލުން އައި ނަމަވެސް ރާއްޖެއަށް ނުރައްކަލެއް ވެފައެއް ނުވެއެވެ. އަދި އޭގެ އަހަރެއްހާ ދުވަސް ކުރިން ވެސް އައްޑޫ ހިމެނޭ ސަރަހައްދަށް ބިންހެލުމެއް އައެވެ. އެއީ 2016 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގަ އެވެ.