ކުޅިވަރު

ޓޮޕް ސްކޯރާއަކަށް އާޖެންޓީނާ ޓީމުން ފުރުސަތެއްނެތް

އިޓަލިއަން ލީގްގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ އިންޓަ މިލާންގެ މައުރޯ އިކާޑީއަށް އާޖެންޓީނާގެ ގައުމީ ޓީމުން ފުރުސަތެއް ނުލިބުނެވެ.

އިކާޑީ ވަނީ ލީގްގައި އިންޓައަށް 29 ލަނޑު ޖަހައި ދީފަ އެވެ. ނަމަވެސް އޭނާއަށް އާޖެންޓީނާގެ ގައުމީ ޓީމުން ފުރުސަތު ނުލިބުމަކީ ގިނަ ބަޔަކަށް ހައިރާން ކަން ގެނުވި ކަމެކެވެ.

އުމުރުން 25 އަހަރުގެ އިކާޑީއަށް ވޯލްޑްކަޕު ސްކޮޑުން ފުރުސަތު ގެއްލުނު އިރު، ކެޕްޓަން ލިއޮނަލް މެސީ އާއެކު އެޓޭކިން ފޯސްގައި ހިމެނި ފައިވަނީ ޔުވެންޓަސްގެ އުމުރުން 30 އަހަރުގެ ގޮންޒާލޯ ހިގުއައިން އާއި ޕައުލޯ ޑިބާލާގެ އިތުރުން މެންޗެސްޓާ ސިޓީގެ ސާޖިއޯ ކުން އަގުއޭރޯ އެވެ.

ހިގުއައިންއަށް ލީގްގައި ޖެހުނީ 16 ލަނޑެވެ. ނަމަވެސް އޭނާއަށް ފުރުސަތު ލިބި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއަށް ފުރުސަތު ނުލިބުމުން ހައިރާންކަން އިތުރު ވެގެން ދިޔަ އެވެ.

އަގުއޭރޯ އާއެކު އާޖެންޓީނާގެ ޓީމުން ވަނީ ޕްރިމިއާ ލީގްގެ ފަސް ކުޅުންތެރިޔަކަށް ފުރުސަތު ލިބިފަ އެވެ. އެއީ އޭނާ އާއެކު ސިޓީއަށް ކުލެމުން އަންނަ ނިކޮލަސް އޮޓަމެންޑީ އާއި މެންޗެސްޓާ ޔުނައިޓަޑްގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ އަދި މާކޯސް ރޯހޯ އެވެ. އަދި ވެސްޓްހަމްގެ މެނުއަލް ލިންޒީ އާއި ޗެލްސީގެ ބަދަލު ކީޕަރު ވިލިއަމް ކަބެއްޔޭރޯ ހިމެނެ އެވެ.

ޓީމުގައި ހިމެނޭ ފާހަގަ ކުރެވޭ އެހެން ކުޅުންތެރިންނަކީ ޕީއެސްޖީގެ އެންހަލް ޑީމާރިއާ އާއި ޖިއޮވާނީ ލޮސެލްސޯ އެވެ. މީގެ އިތުރުން ސެވިއްޔާގެ އެވާ ބެނާގާ އާއި ބެންފީކަގެ އެޑްއާޑޯ ސެލްވިއޯ ވެސް މަޝްހޫރު ކުޅުންތެރިންގެ ތެރޭގައި ހިމެނެ އެވެ.