ކުޅިވަރު

އަންގިލައްވައިގެން އަލުން ދަނޑަށް ނުކުންނާނަން: ލަބާން

އީގަލްސްގެ ޕްރެކްޓިހުގައި ހުއްޓައި، އަތުގައި ބިޑި އަޅުވައިގެން އޭނާ ހައްޔަރު ކޮށްގެން ދުވަހަކީ ގިނަ ބަޔަކަށް އޭގެ އަސަރު ކުރި ކަމެކެވެ. ޒުވާން ގޯލްކީޕަރު ލަބާން ޝަރީފު ހައްޔަރު ކޮށްގެން ގެންދިޔައިރު އޭނާގެ އުމުރަކީ 19 އަހަރެވެ.

މެއި 2015 ވަނައިގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހާރާގައި ހަމަ ނުޖެހުން ހިންގައިގެން ފުލުހުން އޭނާ ހައްޔަރު ކުރި ގޮތަށް، ބަންދުން ދޫކޮށްލީ މިދިޔަ އާދީއްތަ ދުވަހު އެވެ. ތިން އަހަރަށްވުރެ ގިނަ މުއްދަތެއް ޖަލުގައި ހޭދަ ކުރަން ޖެހުނެވެ.

އިންޓަ ސްކޫލު ފުޓްބޯޅަ މުބާރާތުގައި އޭނާ ދެއްކި ކުޅުމުން ފުރަތަމަ ޑިވިޝަންގެ ކުލަބު ތަކުން އޭނާ އަށް ކަޅި އަޅަން ފެށި އެވެ. ކިތަންމެ ޒުވާން ވިޔަސް ފުރަތަމަ 11 އަށް އޭނާ އަރުވައިގެން ކުޅެން ޓީމުތަކުން ޖެހިލުމެއް ނުވެ އެވެ. އޭނަ ހައްޔަރު ކޮށްގެން ގެންދިޔައިރު އޭނާ ހުރީ އީގަލްސްގެ އެއް ނަންބަރު ކީޕަރުގެ ގޮތުގަ އެވެ.

އެނބުރި ޖަލުން އައިރު އޭނާގެ ފިޓްނަސް ހުރީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. ވަރަށް ބުރަކޮށް މަސައްކަތް ކޮށްގެން އަލުން އެނބުރި އާދެވިދާނެ އެވެ. އޭނާ ހުރީ ވެސް އެ އަޒުމުގަ އެވެ. އޭނާ ބުނީ ފުޓްބޯޅައާ އޭނާ ވަކި ނުވެވޭނެ ކަމަށާއި ކީޕަރު އަންގި އަޅައިގެން އަލުން ދަނޑަށް ނިކުންނާނެ ކަމަށެވެ.

"އެނގޭ ކުރީގެ ފޯމަށް އަލުން ދާން ވަރަށް ބުރަކޮށް މަސައްކަތް ކުރަން ޖެހޭނެ ކަންވެސް،" އަވަސް އާ ވާހަކަ ދައްކަމުން ލަބާން، 22 ބުންޏެވެ. "އެހެން ނަމަވެސް މަސައްކަތް ކޮށްގެން އަލުން އަންގި ލައްވައިގެން ދަނޑަށް ނުކުތުމަކީ ވަރަށް ބޮޑު އުންމީދެއްް."

ބުނީ ލިބޭ ފުރުސަތު ބޭނުންކޮށް އަލުން ކުރި އަރަން އޭނާ އޭނާ ބޭނުންވާ ކަމަށާއި ހުރީ އެހާ ފަސޭހައިން ދޫކޮށްލާ ގޮތަކަށް ވެސް ނޫން ކަމަށެވެ. ކުލަބު އީގަލްސްގައި ލަބާން ޓްރޭން ކުރީ ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނާ އަސްލަމް އަބްދު ރަހީމް އެވެ.

އަސްލަމް ބުނި ގޮތުގައި ކުރީގެ ފޯމަށް އައުމަށް އޮތީ ލަބާންގެ ހިތްވަރެވެ. މަސައްކަތް ކޮށްފިނަ އަލުން ކުރިގެ ފޯމަށް އަންނަން ދިގު މުއްދަތެއް ހޭދައެއް ނުވާނެ އެވެ.

"މީހާގެ ހުރި ޓެލެންޓާއި ޕޮޓެންޝިއަލްއަކީ ގެއްލިގެންދާނެ ކަމެއް ނޫން، އެގޮތަށް ލަބާންގެ ކިބައިގައި ހުންނާނެ ހަމަ ގޯލްކީޕިން ޓެކްނިކްތައް،" ލަބާން އާ ބެހޭގޮތުން ކުރިގެ ގައުމީ ޓީމުގެ ކީޕަރު އަދި ރާއްޖޭގައި މިހާރު ހުރި އެއް ވަނަ ގޯލްކީޕަރު ޓްރެއިނަރު ބުންޏެވެ. "އޭނާ ޖެހޭނީ އިތުރަށް މަސައްކަތް ކޮށްލަން އަދި ފިޒިކަލީ ވެސް ފިޓްވާން، އޭގައި އޮންނާނީ އޭނާގެ ހިތްވަރެއް، ހިތްވަރު ހުއްރިއްޔާ ކުރީގެ ފޯމަށް އެޅެން މާދިގު މުއްދަތެއް ބޭނުމެއް ނުވާނެ."

އަސްލަމް ބުނި ގޮތުގައި ލަބާން ރަނގަޅު އަޒުމެއްގައި ހުރިކަން އެނގުމުން ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބިއްޖެ އެވެ. ރާއްޖޭގެ އެއް ވަނަ ކީޕަރުގެ ގޮތުގައި ލަބާން ވާދަ ކުރަމަކީ އަބަދުވެސް އޭނާ ދެކޭ ހުވަފެނެކެވެ.

"އޭރުވެސް މިހާރުވެސް އަޅުގަނޑު އުންމީދު ކުރަން ލަބާން ރާއްޖޭގެ އެންމެ ޓޮޕުގައި ހުންނަތަން ފެންނަން، އޭނާ އަކީ އެ ފެންވަރު ހުރި ކީޕަރެއް، މަސައްކަތް ކޮށްފިއްޔާ އަދިވެސް އޭނާ އަށް އެހިސާބަށް ވާސިލު ވެވޭނެ،" ލަބާން އަށް އެންމެ ފަހުން އިރުޝާދު ދިން އަސްލަމް ބުންޏެވެ. "ކުރިގެ ފޯމަށް ލަބާން އަލުން އަންނަން އަޅުގަނޑަށް ވެދެވެން އޮތް އެހީތެރި ކަމެއް ވެދޭނަން، އޭނާ އަކީ ރާއްޖޭގައި އުންމިދު އޮތް ކީޕަރެއް."

ރާއްޖޭގެ ގައުމީ ޓީމަށް އޮތް އެންމެ ބޮޑު މައްސަލައަކީ ކީޕަރު މަގާމުގައި ވާދަވެރިކަން ނެތުމެވެ. ފުރަތަމަ 11 ގައި ކުޅޭ ކީޕަރު ބަދަލު ކޮށްލާނެ ރަނގަޅު ކީޕަރެއް ގައުމީ ޓީމުގައި ނެތެވެ. ލަބާން ފަދަ ހުނަރުހުރި ޒުވާން ކުޅުންތެރިޔަކު އަލުން ކުރިގެ ފެންވަރަށް އާދެވިއްޖެނަމަ ހުނަރުވެރި ކީޕަރުން ނެތުމުގެ މައްސަލާގައި ގައުމީ ޓީމަށްވެސް ބޮލުގެ ރިހުމުން ސަލާމަތް ވެވޭނެ އެވެ.