ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ އެންމެނަށް ބައިވެރިވެވޭ މިނިވަން އިންތިހާބަކަށް ހެދުމަށް ފުލުހުންނާއި ސިފައިންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާ މީހުން ބައިވެރިވާ ޕްރައިމަރީތައް ބާތިލުކުރާނެ ކަމުގެ އިންޒާރު އިލެކްޝަން ކޮމިޝަން (އީސީ) އެމްޑީޕީއަށް ދީފައި ވަނިކޮށެވެ. އެ އިންޒާރު ދިނީ އެމްޑީޕީގެ ރިޔާސީ ޕްރައިމެރީގައި ވާދަ ކުރައްވަނީ ހަމައެކަނި 13 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ރައީސް ނަޝީދު ކަމަށް އެ ޕާޓީ އިން އިއުލާން ކުރުމާ ގުޅިގެނެވެ.
ސްރީލަންކާގައި ހުންނަވައިގެން މިއަދު އާންމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ އީސީއިން ނެރުނު ބަޔާނުން ހާމަވެގެން ދިޔައީ އެ ކޮމިޝަނުން ރިޔާސީ އިންތިހާބަށް ނުފޫޒު ފޯރުވާނެ ކަން ކަމަށާއި ނަމަވެސް ކެންޑިޑެންސީ ސައްހަތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ ބާރެއް އެ ކޮމިޝަނަށް ލިބިފައި ނުވާ ކަމަށެވެ. ކެންޑިޑެންސީގެ ސައްހަކަން ނިންމާނީ ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ ބެންޗަކުން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ބަޔާނުން ވަރަށް ސާފުވޭ އެބޭފުޅުން އެއްގޮތަކަށް ވެސް ބޭނުމެއް ނުވޭ އަޅުގަނޑާ ވާދަ ކުރަން، އެހެންވެ ޖެހެއޭ އަޅުގަނޑުގެ ކެންޑިޑެސީ ބާތިލު ކުރަން، އެމްޑީޕީގެ މެންބަރުން އަޅުގަނޑާ އެއް ރޫހެއްގައި އެއް ޖޯޝޭއްގައި އެކުގައި ތިބެ ކުރިޔަށް ދިޔައީމަ އިލެކްޝަން ކޮމިޝަން ފަހަތަށް ޖެހޭނެ، ޣައިރު ގާނޫނީ އަމަލެއްގެ މަތީ އެ ކޮމިޝަނަށް ނުހުރެވޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީީސް ނަޝީދު ވިދާޅުވީ އެފަދަ ނުފޫޒުތަކުން އެއްކިބާކޮށް އެންމެނަށް ބައިވެރިވެވޭނެ އިންތިހާބަކަށް ހަދައިދިނުމަށް ސިފައިންނާއި ފުލުހުންގެ އެހީތެރިކަން ވަަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ. ސަލާމަތީ ބާރުތަކަކީ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމާއި އެތެރޭގެ ހަމަޖެހުން ދަމަހައްޓަން މުހިންމު ރޯލެއް އަދާ ކުރާ ބަޔަކަށް ވާތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ތިބޭ ފުޅުން [ސަލާމަތީ ބާރުތަކުން] އަޅުގަނޑުމެންނަށް މި އިންތިހާބު އިންސާފުވެރި ގޮތެއްގައި ކުރިޔަށް ގެންދިޔުމަށް އެހީތެރިވެދެއްވުން އެއީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް، އަދި އަޅުގަނޑު ދެކޭ ގޮތުގައި ފުލުހުންނައި ސިފައިން އަޅުގަނޑުމެން އެކަންކޮށްދޭނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ އެއް ފިކުރަކާއި އެއް ޖޯޝެއްގައި ސިޔާސީ ހަރަކާތްތައް ކުރިޔަށް ގެންދިޔުމުގައި ދެމިހުރުމަށް އެ މަނިކުފާނުގެ ސަޕޯޓަރުން ކިބައިން އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމަނިކުފާނަށް އިންތިހާބުގައި ބައިވެރިވެވޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ