ހަބަރު

އިސްތިއުނާފު މައްސަލައިގައި ނާޒިމްގެ ވަކީލަކަށް ސުއޫދު

May 23, 2015
1

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައިގައި ނާޒިމްގެ ފަރާތުން ވަކީލެއްގެ ގޮތުގައި ކުރީގެ އެޓާނީ ޖެނެރަލްކަން ކުރެއްވި ހުސްނުއް ސުއޫދު ހަމަޖައްސައިފި އެވެ.

މީގެ ކުރިން ނާޒިމްގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވީ މައުމޫން ހަމީދެވެ.

ނާޒިމްގެ ލީގަލް ޓީމްގެ ފަރާތުން މިރޭ ބުނެފައި ވަނީ ސުއޫދު ވަކީލަކަށް ހަމަޖެއްސީ މައުމޫން ހަމީދު މާދަމާ އިން ފެށިގެން އެއް މަސްދުވަހުގެ މުއްދަތަކަށް ރާއްޖެއިން ބޭރަށް ދަތުރުފުޅެއް ކުރައްވަން ހަމަޖެހިފައި ވާތީ، ކަމަށެވެ. ސުއޫދު ވަނީ މީގެ ކުރިން ވެސް ސިޔާސީ އެކި ފަރާތްތަކާއި އެހެން ވެސް ބައެއް ހައި ޕްރޮފައިލް ބޮޑެތި ކޭސްތަކުގައި މަސައްކަތް ކުރައްވައިފަ އެވެ.

ސިންގަޕޫރުގައި ބޭސް ފަރުވާއެއް ފުރިހަމަ ކުރެއްވުމަށް ފަހު ނާޒިމް މާދަމާ މާލެ ވަޑައިގައިގަންނަ ވާނެ އެވެ.

މައުމޫން ހަމީދު ވިދާޅުވީ ސުއޫދު ނާޒިމްގެ ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ގޮތަށް ނިންމެވީ، އޭނާ ރާއްޖޭގައި ނުހުރެވޭތީ، އެކަމުގެ ސަބަބުން ނާޒިމްގެ އިސްތިއުނާފުގެ މައްސަލަ ލަސްވެ، އިންސާފު ލިބުމަށް ހުރަސް އެޅިދާނެތީ ކަމަށެވެ. އަދި ނާޒިމް ވަނީ ފްރޭމް ކުރެވިފައި ކަމަށާއި އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާއި ދައުވާގައި އަސްލެއް ނެތް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް މައުމޫން ވަނީ ވިދާޅުވެފަ އެވެ. އަދި ހައިކޯޓްގެ ތެރެއިން ނާޒިމްއަށް އިންސާފު ލިބި، މިނިވަންވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މައުމޫން ހަމީދު ވިދާޅުވި އެވެ.

ނާޒިމް ހުށަހެޅުއްވި އިސްތިއުނާފް މައްސަލަ ކޯޓުން މިހާރު ބަލައިގެންފައިވީ ނަމަވެސް އެ މައްސަލަ އަދި ބާއްވާނެ ވަކި ތާރީހެއް ނޭނގެ އެވެ.

ނާޒިމްގެ މައްޗަށް ދައުވާކޮށްފައި ވަނީ އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު މައްސަލައިގަ އެވެ. އެ މައްސަލައިގައި ނާޒިމްގެ މައްޗަށް އުފުލާފައި ވަނީ ހަނގުރާމަވެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާ އެވެ. ނަމަވެސް އެ ދައުވާއަށް އޭނާ އިންކާރު ކުރައްވައި ބުނެފައި ވަނީ އެއީ އޭނާގެ މައްޗަށް ދައުވާއެއް ކުރުމަށް އުފައްދާފައިވާ އަސްލެއް ނެތް މައްސަލައެއް ކަމަށެވެ.