ދުނިޔެ

ކިމްއާ އެކު ބައްދަލުވުން ނުބޭއްވިދާނެ: ޓްރަމްޕް

އުތުރުކޮރެއާގެ ލީޑަރު ކިމް ޖޮން އުންއާ އެކު އަންނަ ޖޫންމަހުގެ 12 ވަނަ ދުވަހު ސިންގަޕޫރުގައި ބާއްވާނެ ކަން އިއުލާނުކޮށްފައިވާ ބައްދަލުވުން ނުބޭއްވިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް ވިދާޅުވީ ބައްދަލުވުން ބޭއްވުމަށްޓަކައި އުތުރުކޮރެއާއިން ޝަރުތުތައް ފުރިހަމަ ކުރަން ޖެހޭ ކަމަށާއި މިހާރު ކަނޑައަޅާފައިވާ ތާރީހުގައި ބައްދަލުވުން ނުބޭއްވުނަސް ފަހުން ވެސް ބޭއްްވިދާނެ ކަމަށެވެ. އޭނާ މިމޭރުމުން ވާހަކަފުޅު ދެއްކެވީ ދެކުނު ކޮރެއާގެ ރައީސް މޫން ޖައި އިންއަށް ރިޔާސީ ގަނޑުވަރު ވައިޓްހައުސްގައި އިސްތިގުބާލު ކުރައްވަމުންނެވެ.

ބައްދަލުވުން ބޭއްވުމަށް އުތުރުކޮރެއާއިން ފުރިހަމަކުރަން ޖެހޭ ޝަރުތުތަކެއް ޓްރަމްޕް ވިދާޅެއް ނުވެއެވެ. ނަމަވެސް އުތުރުކޮރެއާގެ ހަތިޔާރާ ބެހޭ ގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ " ނިއުކްލިއަ ހަތިޔާރު ނައްތައިލަން ޖެހޭނެ" ކަމަށެވެ.

ޓްރަމްޕާއި ކިމްގެ ބައްދަލުވުން އިއުލާނު ކުރީ މިދިޔަ އޭޕްރިލްމަހު ކިމްއާއި މޫން ބޭއްވި ބައްދަލުވުމަކަށް ފަހުގައެވެ. ކިމް-ޓްރަމްޕް ބައްދަލުވުމުގެ ކުރިން ކުރާ ރަނގަޅު ކަމެއްގެ ގޮތުގައި ނިއުކްލިއަ ސައިޓެއް ނައްތާލާނެ ކަން އުތުރުކޮރެއާއިން ކުރިން ވަނީ އިއުލާނުކޮށްްފައެވެ. އެކަން އޮންނާނީ މިހަފުތާގައި ކަމަށް ކުރިން ބުންޏަސް މޫސުން ގޯސްކަމުން އެކަން ލަސްވެދާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

ދެކުނު ކޮރެއާގެ ރައީސް މޫން އެމެރިކާއަށް ވަޑައިގެންނެވީ ކިމް-ޓްރަމްޕް ސަމިޓް ނުބޭއްވިދާނެ ކަމުގެ ބިރު ހީވުމުން އެކަން ހައްލުވޭތޯއެވެ.