ދުނިޔެ

އިޒްރޭލްގެ ޖަރީމާތައް ތަހުގީގުކޮށްދޭން އައިސީސީގައި އެދިއްޖެ

ފަލަސްތީނު މީހުންނާ ދެކޮޅަށް އިޒްރޭލުން ހިންގާފައިވާ އިންސާނިއްޔަތާ ހިލާފު ޖަރީމާތަކުގެ ފުރިހަމަ ތަހުގީގެއް ކޮށްދޭން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) ގައި ފަލަސްތީނު މީހުން އެދިއްޖެ އެވެ.

ފަލަސްތީނުގެ ފޮރިން މިނިސްޓަރު ރިއާޒް މާލްކީ ވިދާޅުވީ އިޒްރޭލުން ހިންގާފައިވާ ޖަރީމާތަކުގެ ފުރިހަމަ ހެކި އެމައްސަލަ ތަހުގީގު ކޮށްދޭން އެދިވަަޑައިގެން އައިސީސީއަށް ހުށަހެޅުއްވި ލިއުމުގައި ހިމަނުއްވާފައި ވާނެ ކަމަށެވެ. އެ މައްސަލަ އައިސީސީއަށް ހުށަހެޅުމުން އިޒްރޭލުން ބުނީ އާއްމުކޮށް އެ ބާވަތުގެ ކަންކަމުގައި ބުނެ އުޅޭ ފަދަ ވާހަކައެކެވެ. އެގޮތުން ބުނީ އެ ހުށަހެޅުމަކީ ގާނޫނީ ބުރަދަނެއް ނެތް ހުށަހެޅުމެއް ކަމަށެވެ.

އިޒްރޭލުން ހިންގި ޖަރީމާތައް ތަހުގީގު ކޮށްދޭން އެދިވަޑައިގެންފައިވާ ލިއުން އައިސީސީގެ ވެރިޔާ ފަޓޫ ބެންސޫޑާއަށް މާލިކީ ހުށަހަޅުއްވާފައި މިވަނީ ޣައްޒާއާއި އިޒްރޭލު ގުޅޭ ބޯޑަރު ސަރަހައްދުގައި މިދިޔަ މާޗްމަހުގެ 30 ވަނަ ދުވަހުން ފެށިގެން ފަލަސްތީނު މީހުން ކުރި މުޒާހަރާއަށް އިޒްރޭލުން ހަމަލާދީ 100 އަށް ވުރެ ގިނަ މީހުން މަރާލައި 10000 އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައި ވަނިިކޮށެވެ.

ބެންސޫޑާއާ ބައްދަލުކުރެއްވުމަށް ފަހު މާލިކީ ވިދާޅުވީ އެކަމަނާ އަރިހުން އެދިވަޑައިގެންފައި ވާނީ ހިފާފައިވާ އިރުމަތީ ގުދުސާއި ޣައްަޒާއާއި ހުޅަނގު އައްސޭރީގައި 2014 ވަނަ އަހަރުން ފެށިގެން އިޒްރޭލުން ހިންގާފައިވާ ޖަރީމާތަކުގެ ތަހުގީގު ލަސްނުކޮށް ފަށްޓަވައި ދެއްވުމަށް ކަަމަށެވެ.

އިޒްރޭލުން ފަލަސްތީނުމީހުންނާ ދެކޮޅަށް ހިންގާފައިވާ ޖަރީމާތަކުގެ ޕްރިލިމިނަރީ ތަހުގީގެއް އައިސީސީން ވަނީ 2015 ވަނަ އަހަރު ފަށާފައެވެ. ބެންސޫޑާ ކުރިން ފާހަގަކުރައްވާފައިވާ ގޮތުގައި އެ ތަހުގީގަކީ މިހާތަނަށް ލިބެން ހުރި މައުލާތު ދިރާސާކޮށް، ފުރިހަމަ ތަހުގީގެއް ކުރަން ޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމަށް ފެށި ތަހުގީގެއް ކަމަށެވެ. ނަމަވެސްް އޭނާ މިދިޔަ ހަފުތާގައި އިންޒާރުކުރައްވާފައި ވަނީ ޣައްޒާގައި ހިނގަމުންދާ ކަންތައްތައް ބަލައި، އަސީސީން ބަލަން ޖެހޭ ފަދަ އެންމެހާ ކަންތައްތައް ރެކޯޑްކުރަމުން އަންނަ ކަމަށެވެ.