ހަބަރު

ހޮސްޕިޓޭލިޓީ އިންވެސްޓްމަންޓް ފޯރަމްގައި އަދީބު ތަގުރީރު ކުރައްވަނީ

May 24, 2015

ސައުތު އޭޝިޔާ ސަރަހައްދުގެ ޓްއަރިޒަމަށް ކުރާ އިންވެސްޓްމަންޓްތައް އިތުރު ކުރުމުގެ މަގުސަދުގައި ބާއްވާ އެ ކޮންފަރެންސްގައި، އަދީބު ވާހަކަ ދެއްކެވުމަށް ހަމަޖެހިފައި ވަނީ ރާއްޖޭގައި ޓްއަރިޒަމް ދާއިރާގައި ހުރި އިންވެސްޓްމަންޓްގެ ފުރުސަތުތަކާއި ރާއްޖޭގެ ޓްއަރިޒަމްގެ މާކެޓާއި އެކަމަށް ހުރި ގޮންޖެހުންތަކާ ގުޅޭ ގޮތުންނެވެ. އަދި ޕެނަލް ޑިސްކަޝަންގައި ވެސް މިނިސްޓަރު ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ކޮންފަރެންސްގައި، ޓްއަރިޒަމް އިންޑަސްޓްރީގައި އިންވެސްޓް ކުރާ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ބައިވެރިވެ އެވެ. އަދި ސިންގަޕޫރާއި އިންޑިއާ އަދި ސްރީލަންކާގެ ޓްއަރިޒަމާ ގުޅޭ ވަޒީރުންނާއި ޖަމްއިއްޔާތަކާއި ޓްއަރިޒަމްގައި އިންވެސްޓް ކުރާ ބޮޑެތި ކުންފުނިތަކުގެ އިސްވެރިން ތަގުރީރު ކުރައްވާ ގޮތަށް ހަމަޖެހިފައިވެ އެވެ.

މިއީ ޓްއަރިޒަމް އިންވެސްޓްމަންޓާ ގުޅުވައިގެން މި ސަރަހައްދުގައި ބާއްވާ މިފަދަ އެންމެ ބޮޑު ކޮންފަރެންސެވެ. އަދި މި ކޮންފަރެންސްގެ މަގުސަދަކީ ސައުތު އޭޝިޔާ ސަރަހައްދަށް ޓްއަރިޒަމްގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމެވެ.