ހަބަރު

ޑރ. މަޖީދުގެ ޖަނާޒާ ލަންކާގައި ބާއްވައިފި

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބުދުލް މަޖީދު އަބުދުލްބާރީގެ ޖަނާޒާ އަވަށްޓެރި ސްރީ ލަންކާގައި މިއަދު ބާއްވައިފި އެވެ.

މަޖީދުގެ މައްޗަށް ކަށުނަމާދު ކޮށްފައިވަނީ މިއަދު މެންދުރު ނަމާދަށްފަހު ލަންކާގެ ޖާވައްތަ ޖުންމާ މިސްކިތުގައި އެވެ. އެމަނިކުފާނު ފަސްދާނުލައްވާފައިވަނީ އެ މިސްކިތުގެ ގަބުރުސްތާނުގަ އެވެ.

މަޖީދުގެ ޖަނާޒާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ މުހައްމަދު ޝަހީމާއި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އާއިލާގެ މެންބަރުންނާއި ދިވެހީންގެ ގިނަ ބަޔަކުވެސް ބައިވެރިވެފައި ވެއެވެ.

މަޖީދު އަވާހަރަވެފައިވަނީ އިއްޔެ މެންުދުރުފަހުގެ ވަގުތެއްގައި އެވެ. އެމަނިކުފާނު އަވަހާރަވި އިރު އުމުރުފުޅަކީ 55 އަހަރެވެ. ސްޓްރޯކެއް ޖެހިވަޑައިގަތް އެމަނިކުފާނު ހޮސްޕިޓަލްގައި އެޑްމިޓްކުރީ މިދިޔަ ހުކުރު ދުވަހު އެވެ.

ދިވެހި ރާއްޖޭގެ ސަރުކާރުތަކަށާއި ދައުލަތަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވެވި މަޖީދަކީ ގުރުއާން ތަފުސީރުން ޕީއެޗްޑީ ހާސިލް ކުރެއްވި ފުރަތަމަ ދިވެހި އިލްމުވެރިޔާ އެވެ. އޭނާއަކީ ވަރަށް ބޮޑު އިލްމުވެރިއެކެވެ. އޭނާ ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް ކަމާއި ކުރީގެ އިސްލާމީ ކަންތައްތަކާބެހޭ އެންމެ މަތީ މަޖިލީހުގެ އިސް މަގާމްތައް ފުރުއްވާފައެވެ. އަދި އަދާލަތު ޕާޓީގެ އެއް ފައުންޑާއަކީ ވެސް މަޖީދެވެ. ދިނީ އިލްމުވެރިއެއް ނަމަވެސް އެމަނިކުފާނަކީ ސިޔާސީ ދާއިރާގައި ވެސް ހިނގި ނަމެކެވެ.