ހަބަރު

ޔޫތް މިނިސްޓަރުކަމުން ވަކިކުރުމުގެ ކުރިން އެކަން މަލީހަށް އެންގި: ތަރުޖަމާނު

May 24, 2015
3

ޔޫތް މިނިސްޓަރަކަށް ހުންނެވި މުހައްމަދު މަލީހު އެ މަގާމުން ވަކިކުރެއްވީ އެކަން ކުރިން އެންގުމަށް ފަހު ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ވިދާޅުވެއްޖެ އެވެ.

މަލީހު ވަކިކޮށް، އެ މަގާމަށް ކުރީގެ ހެލްތް މިނިސްޓަރު އަހުމަދު ޒުހޫރު އައްޔަން ކުރެއްވިއިރު އެކަން މަލީހަށް ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ބުނެ ފެތުރިފައިވާ ހަބަރާ ގުޅިގެން މުއާޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާުވީ ޒުހޫރު އެ މަގާމަށް އައްޔަން ކުރެއްވުމުގެ 40 ވަރަކަށް މިނެޓް ކުރިން މަލީހަށް އެކަން އަންގާފައިވާނެ ކަމަށެވެ.

ޔޫތް މިނިސްޓަރު ކަމަށް ޒުހޫރު އައްޔަން ކުރެއްވީ ހެނދުނު 11:50 ކަމަށްވާއިރު އެކަން 11:10 ގައި މަލީހަށް އަންގާފައިވާނެ ކަމަށް އެ ޓްވީޓްގައި މުއާޒު ވިދާޅުވެފައިވެ އެވެ.

ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދަށް ބޮޑުބޭބެ ވިދާޅުވާ މަލީހު ވަކިކުރެއްވި ސަބަބެއް މިހާތަނަށް ވެސް ސަރުކާރުން ހާމަކޮށްފައިނުވާއިރު މަލީހު ވެސް އެކަމާ މެދު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ. ނަމަވެސް މަލީހުގެ އަރިސްބޭފުޅުން މީޑިއާތަކުގައި ވިދާޅުވެފައިވާ ގޮތުގައި މަލީހު ވަކި ކުރި ދުވަހު އޭނާ ވަނީ ރަސްމީ ހަފްލާތަކުގަ އާއި މިނިސްޓަރުގެ ހައިސިއްޔަތުން ބައެއް ބޭފުޅުންނާ ބައްދަލު ކުރައްވާ މިނިސްޓްރީ އިން ކުރަން ހުރި އިތުރު މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ. އަދި މަލީހު މަގާމުން ވަކި ކުރިކަން އެނގިވަޑައިގަތީ ވެސް، މިނިސްޓަރު ކަމަށް ޒުހޫރު އައްޔަން ކުރިތާ އިރުކޮޅެް ފަހުންނެވެ.