ހަބަރު

މިނިވަން އިންތިހާބެއް ހޯދުމަށް އެމެރިކާ، އީޔޫއިން އެހީވާނެ: ނަޝީދު

ރާއްޖޭގައި މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށްޓަކައި އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން، އީޔޫއިން ނިންމާ ނިންމުންތަކާއި ކުރާ މަސައްކަތްތައް ކުރިއަށް އޮތް މަހެއްހާ ދުވަސް ތެރޭގައި ފެނިގެންދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ތޭރަ އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވީ ނަމަވެސް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ނަޝީދު ވަނީ ނިންމަވާފަ އެވެ. ކެމްޕެއިން ވެސް މިހާރު ކުރައްވަމުންދާއިރު އދ.އިން ވަނީ އިންތިހާބުގައި ނަޝީދު ބައިވެރިކުރުމަށް ސަރުކާރަށް އަންގާފަ އެވެ. ނަމަވެސް ސަރުކާރުން ބުނަނީ އެކަމަށް ރާއްޖޭގެ ގާނޫނު އާސާސީ އާއި ގާނޫނުތައް ތަން ނުދޭ ކަމަށެވެ.

މިއަދު ހަވީރު ނަޝީދު ފޭސްބުކް ލައިވް މެދުވެރިކޮށް ސަޕޯޓަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އެމަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވޭނެ ކަމަށާއި ވާދަކުރެއްވުމުގެ ކަންކަން އަވަހަށް ހަމަޖެހިގެން ދާނީ ސަޕޯޓަރުން ޖޯޝާ ފޯރި ދެއްކި މިންވަރަކުން ކަމަށެވެ. އަދި، ވަރަށް އަވަހަށް އެމެރިކާ އާއި އީޔޫއިން ވެސް މިނިވަން އިންތިހާބެއް ފޯރުކޮށްދިނުމަށް މަސައްކަތްތައް ފަށާނެ ކަމަށެވެ.

ރައީސް ނަޝީދު މިއަދު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި ގެންގުޅޭނެ ސިޔާސަތުތައް ހުލާސާ ގޮތެއްގައި ކިޔައިދެއްވާފަ އެވެ. އެގޮތުން މިނިމަން ވޭޖް ރޭޓެއް ކަނޑައަޅާނެ ކަމަށާއި އޭގެ ތެރޭގައި ބިދޭސީން ވެސް ހިމެނޭނެކަން ފާހަގަކުރެއްވި އެވެ. އަދި މަސްވެރިކަމާއި ބޯހިޔާވެހި ކަމަށް ވެސް ހަރުދަނާ ސިޔާސަތުތަކެއް މެނިފެސްޓޯގައި ހިމަނާނެކަން ފާހަގަކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއް ފަސްކުރުމުގެ ސިޔާސަތުގެ ބަދަލުގައި އެމަނިކުފާނުގެ ވިސްނުންފުޅު ހުރި ރާއްޖެ، ޖަރީޒާކަން މަތީ ބޭއްވުމަށެވެ. ޖަޒީރާ ރާއްޖެއެއް، ޖަޒީރާ ރައީސްގެ ވެރިކަމުގައި އޮންނާނެ ކަމަށެވެ. އެގޮތުން ކުދި އާބަދީތައް އުޅޭ ރަށްތަކަށް ވެސް ތަރައްގީގެ މަޝްރޫއުތައް ގެންދާނެ ކަމަށާއި އެއް ތަނަކަށް މީހުން ޖަމާކުރުމުގެ ބަދަލުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމް ހަރުދަނާކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ޒުވާނުން ގުޅޭ ގިނަ ކަންތައްތަކެއް ވެސް މެނިފެސްޓޯގައި ހިމަނާނެކަން ފާހަގަކުރެއްވި އެވެ. އެގޮތުން މަތީ ތައުލީމް ހިލޭ ފޯރުކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ގޭންގްތަކުގައި އުޅޭ ކުދިން އަލުން ހަމަ މަގަށް ގެނައުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެކަން ކުރައްވާނީ ޓެގް އަޅުވައި، ޖަލަށްލައިގެން ނޫން ކަމަށާއި އެ ކުދިންނާ ވާހަކަ ދައްކައި އެ ކުދިން ބޭނުންވާ ކަންކަން ވެސް ކޮށްދީގެން ކަމަށެވެ. ދެވަނަ ފުރުސަތުގައި ގައިދީން ދޫކުރުމާ ގުޅޭ ސިޔާސަތުތައް ވެސް އެކުލަވާލައްވާނެކަން ފާހަގަކުރެއްވި އެވެ.