ހަބަރު

ނަޝީދުގެ ރަނިންމޭޓަކަށް އަތޮޅު ތެރޭ ބޭފުޅެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންނަ ރިޔާސީ އިންތިހާބަށް ކެމްޕެއިން ފައްޓަވާފައިވާއިރު އެމަނިކުފާނުގެ ރަނިންމޭޓާ ގުޅޭ ގޮތުން މިހާރު ދަނީ ސުވާލުތައް ކުރެވުމުންނެވެ. މިއަދު އެމަނިކުފާނު ވަނީ ރަނިންމޭޓް ކިބައި ހުންނާނެ އެއް ސިފަ ހާމަ ކުރައްވާފަ އެވެ.

ފޭސްބުކް ލައިވް މެދުވެރިކޮށް މިއަދު ހަވީރު ސަޕޯޓަރުންނާ ބައްދަލުކުރެއްވި އިރު، މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ވިދާޅުވީ، އެމަނިކުފާނުގެ ނައިބު ރައީސްއަކަށް މާލޭ ބޭފުޅެއް ނުވާނެ ކަމަށެވެ. ނައިބު ރައީސްއަކަށް ރާއްޖެތެރޭ ބޭފުޅެއް ހެދުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުގެ ނައިބު ރައީސްއަކަށް ވާނީ މާލޭ ބޭފުޅެއް ނޫން،" ނަޝީދު ވިދާޅުވި އެވެ. އަދި އެއީ އިހުލާސްތެރި ބޭފުޅަކަށް ވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގައި މިހާރު އެންމެ ކުރީ ސަފުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން އަތޮޅު ތެރެއަށް ނިސްބަތްވާ ބޭފުޅުންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވީ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެވެ. ނަޝީދަށް ކުރިމަތިނުލެވޭ ހާލަތެއްގައި އެމްޑީޕީގެ ކެނޑިޑޭޓަކަށްވުމަށް އެ ޕާޓީގެ ގިނަ މެންބަރުން އެންމެ އެދޭ ބޭފުޅަކީ ވެސް އެއީ އެވެ.

އެންމެ ފުރަތަަމަ 2008 ވަނަ އަހަރު ރައީސް ނަޝީދު އިންތިހާބުގައި ވާދަކުރެއްވީ ޑރ. މުހައްމަދު ވަހީދު ރަނިންމޭޓެއްގެ ގޮތުގައި ނެރުއްވައިގެންނެވެ. އޭގެފަހުން 2013 ވަނަ އަހަރު ރަނިންމޭޓެއްގެ ގޮތުގައި ނެރުއްވީ ޑރ.މުސްތަފާ ލުތުފީ އެވެ.