ދުނިޔެ

ފުރޮޅުލީ ގޮނޑީގައި ދެއްކި ހިތްވަރު ދުއްވާލީ އުންޑައިން!

ފާޑީ ހަސަން އަބޫ ސަލާހަކީ ފަލަސްތީނުގެ ހިތްވަރުގަދަ ޒުވާނެކެވެ. އިޒްރޭލް ސިފައިންގެ އަނިޔާވެރިކަމާ ދެކޮޅަށް މޭ އައްޑަނަކަށް ދިއްކުރާތާ އެތައް އަހަރެއްވެފައިވާ 30 އަހަރުގެ ޒުވާނެކެވެ. އޭނާގެ އެންމެ ޅަފުރައިގެ ދުވަސްވަރު ވެސް ހުރީ އިޒްރޭލް ސިފައިންނާ ދެކޮޅަށެވެ. ކުއްލިއަކަށް އޭނާގެ ހަޔާތް އެ ފުށް މި ފުށަށް ޖަހާލީ ސިފައިންގެ ހަމަލާތަކަކުންނެވެ.

މީގެ 10 އަހަރު ކުރިން 2008 ވަނަ އަހަރު އިޒްރޭލް ސިފައިން ގާޒާގައި ގޮއްވާލި ވަރަށް ވަރުގަދަ ގޮއްވާލުމެއްގައި ސަލާހު ވަރަށް ބޮޑަށް ޒަހަމްވި އެވެ. އޭނާގެ ދެ ފައި ވަރަށް ބޮޑަށް ޒަހަމްވި އެވެ. ސަލާހުގެ ފުރާނަ ސަލާމަތްކުރުމަށް ޑޮކްޓަރުންނަށް އޮތީ އެންމެ ގޮތެކެވެ. ދެ ފައި ވެސް ބުރިކޮށްލުމެވެ.

އޭގެ ފަހުން މިވީ 10 އަހަރު ސަލާހު އުޅެމުން ދިޔައީ ފުރޮޅުލީ ގޮނޑިއެއްގަ އެވެ. އަތުން ފުރޮޅު އަނބުރައިގެން ދުއްވާ އާދައިގެ ގޮނޑިއެއްގަ އެވެ. އޭނާގެ ދެ ފައި ބުރިކޮށް، ގޮނޑިއެއްގައި ބަރޯސާގައި އުޅެން ޖެހުމުން ވެސް އޭނާގެ އަޒުމަށް އެއްވެސް ގުޑުމެއް ނައެވެ. އެ ހާލު އޭނާއަށް ޖެހުނު މީހުންނާ ދެކޮޅާ ނުކުތީ މާބޮޑު ޖޯޝާއަކާއެވެ.

ގާޒާގައި ދެމުންދާ ހަމަލާތަކުގައި އަނިޔާވާ ކުދިންނާއި އަންހެނުންނަށް އެހީވުމުގައި ސަލާހު ވަރަށް އިސްކޮށް އުޅުނެވެ. ގާޒާ ރައްޔިތުންގެ އަޑު ދުނިޔެއަށް އިއްވުމަށް އޭނާ އިސް ދައުރެއް އަދާކުރި އެވެ. ގާޒާ ރައްޔިތުންގެ ހައްގުގައި އިޒްރޭލާ ދެކޮޅަށް އެތައް މުޒާހަރާއެއްގައި ބައިވެރިވި އެވެ. އެތައް ފަހަރަކު އިޒްރޭލްގެ ރަހުމެއް ނެތް ސިފައިންނާ ކުރިމަތިލި އެވެ.

އޭނާގެ ހިތަށް އެންމެ ބޮޑު އަސަރެއްކޮށް އެންމެ ދެރަވި ކަމަކީ ފަލަސްތީނުގެ ވެރިރަށް، ގުދުސްއަށް އިޒްރޭލުން އަތްގަދަކޮށް އެމެރިކާގެ އެމްބަސީ ގުދުސްގައި ހުޅުވުމެވެ. އެކަމާ ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ކުރި ސިލްސިލާ މުޒާހަރާތަކުގައި ސަލާހު ވެސް ބައިވެރިވި އެވެ. ފުރޮޅުލީ ގޮނޑީގައި އިޒްރޭލްގެ ސިފައިންނަށް ހަމަލާތައް ސަލާހު އަމާޒުކުރި އެވެ. އެކަމަކު އެ ހަމަލާތަކުން އިޒްރޭލަށް އަސަރެއް ނުކުރި އެވެ. އަސަރުކުރީ ސަލާހަށެވެ. އިޒްރޭލް ސިފައިންގެ ވަރުގަދަ ބަޑީގެ ހަމަލާއެއްގެ ޝިކާރައަކަށް އޭނާވީ އެވެ. ބަޑީގެ ވަޒަންތައް އެރުމުގެ ސަބަބުން ސަލާހު ވަރަށް ބޮޑަށް ޒަހަމްވި އެވެ. އެ ޒަހަމްތަކުގައި އޭނާ މި ދުނިޔެ ވެސް ދޫކުރީ އެވެ.

ސަލާހު މަރުވިއިރު އޭނާގެ މަންމަ އާއި ފަސް ދަރިން ދުނިޔޭގައި އެބަ ތިއްބެވެ. ސަލާހު ނެތުމުގެ ހިތާމާގައި ރަމަޟާން މަސް އެ އާއިލާއިން ހޭދަކުރާ ގޮތުގެ ފޮޓޯތަކެއް ވެސް މީގެ ދުވަސް ކޮޅެއް ކުރިން ވަނީ އާންމުވެފަ އެވެ. އޭނާގެ މަންމައަށް ވަނީ ސަލާޙުގެ ކުއްލި މަރާއެކު ފުން ހިތާމަކާ ކުރިމަތިވެފަ އެވެ. މާމަ ފަސް ދަރިންގެ ހުރިހާ ޒިންމާއެއް މިހާރު އުފުލަނީ ސަލާހުގެ ހިތްވަރުގަދަ މަންމަ އެވެ.

މި މަހުގެ 14 ވަނަ ދުވަހު ހިނގި މި ހާދިސާގައި ސަލާހު މަރުވުންވީ ފަލަސްތީނުގެ ރައްޔިތުންގެ އަޑު އިއްވުމަށް މަސައްކަތްކުރި ވަރުގަދަ ޒުވާނެއްގެ ހިތްދަތި ނިންމުން ގެނުވި ކަމަކަށެވެ. ގިނަ ބަޔަކު އެކަމާ ހިތާމަފާޅުކޮށްފައިވާއިރު އޭނާގެ ޖަނާޒާގައި ވެސް ގިނަ ބަޔަކު ބައިވެރިވި އެވެ. އެ ދުވަހު ސަލާހުގެ އިތުރުން ވެސް 60 މީހުން މަރާލާފައިވެ އެވެ.