ވިޔަފާރި

ލޭމް ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

May 24, 2015

ލިވަބޯޑް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ލޭމް) ގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު އެ ޖަމިއްޔާއިން ހުޅުވާލައިފި އެވެ.

ރާއްޖޭގެ ސަފާރީ އޮޕަރޭޓަރުގެ ޖަމިއްޔާގެ ރައީސް ލޭމްގެ ރައީސް އިސްމާއީލް ހަމީދު (ހައިރައިސް އިއްސެ) ވިދާޅުވީ އެ ޖަމިއްޔާގެ އެގްޒެކެޓިވް ބޯޑުގެ މުއްދަތު އަންނަ މަހުގެ ހަމަވާތީ، ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

"ބޯޑަށް މެންބަރުން ހޮވުން މި އޮންނަނީ އަހަރަކު އެއް ފަހަރު. އަންނަ މަހު މުއްދަތު ހަމަވާތީ އިއުލާނު ކުރުމުން ގިނަ ބަޔަކު ދަނީ ކުރިމަތިލަމުން. މިހާރު ވެސް 10 ވަރަކަށް ހުށަހެޅުން ލިބިއްޖެ،" އިއްސެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލޭމްގެ ހަޔާތުގައި މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް ކަމަށާއި، ނިމިދިޔަ އަހަރު ގިނަ ކަންތައްތަކެއް ކުރެވިފައިވާ ކަމަށެވެ.

"މިދިޔަ އަހަރު މެރިން އެކްސްޕޯ ވެސް ދެވަނަ ފަހަރަށް ބޭއްވުނު. މީގެ އިތުރުން ވެސް މި ދާއިރާގެ ބައެއް ތަމްރީންތައް ވެސް ހިންގިފައިވޭ،" އިއްސެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުރަން ރޭވި ކަންތައްތަކުގެ ތެރެއިން ނުވެ އޮތް އެންމެ ބޮޑު ކަމަކީ ސަފާރީ އުޅަނދު ފަހަރަށް ފަޅެއް ހޯދުމުގެ މަސައްކަތް ކަމަށެވެ.

"އެ މަސައްކަތް ވެސް ސަރުކާރާ ގުޅިގެން މިދަނީ. މިހާރު ޓްރާންސްޕޯޓް އޮތޯރިޓީންއާއެކު މީޓިންތަކެއް ބާއްވަން މިދަނީ ތައްޔާރުވަމުން. އެ މަސައްކަތް ވެސް އިރާދަކުރެއްވިއްޔާ ކުރެވޭނެ،" އިއްސެ ވިދާޅުވި އެވެ.

ލޭމްގެ ބޯޑަށް މެންބަރުން އައްޔަން ކުރުމުގެ މަސައްކަތް އެ ޖަމިއްޔާއިން ހުޅުވާލިއިރު، ލޭމްގެ ރައީސަކަށް ހުންނެވީ އިސްމާއީލް ހަމީދު (ހައިރައިސް އިއްސެ) އެވެ. އަދި ނާއިބު ރައީސަކީ އިބްރާހިމް ޝާހިދު (ޝާޑް) އެވެ.